ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ކޯލިޝަނުން ރޭ ދީފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމް ދޫކޮށްދިޔަ ބައެއް މެންބަރުން އެ ޕާޓީއާ އަލުން ގުޅުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކަައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރަައީސް ނަޝީދާއި ގުޅިގެން އިދިކޮޅު ދެ ޕާޓީން މަސައްކަތް ކޮށްފާނެތޯ ވަރަށް ގިނަ މެންބަރުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އަދި އެކަމާއި މެންބަރުންގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ޝުޖާއު ވަނީ ޕީޕީއެމް އާއި ޕީއެންސީން ނަޝީދާއެކު ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވެ އެފަދަ މަސައްކަތެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައެވެ.
"ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޕީޕީއެމްތެރެ ފަސާދަ ކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދޭގޮތަކަށް ނޫނޭ މި ތިބީ. ރައީސް މުހައްމަދު ނަޝީދާއެކީގައި ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ ކަމުގައި ޕީޕީއެމްގެ ސަޕޯޓަރުންނަށް ޔަގީންކޮށްދޭން ބޭނުން،" ބާރަށު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމާމެދުވެސް ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އެއީ ހަގީގަތް ނަަމަ މީޑިއާތައް މެދުވެރިކޮށް ރައްޔިތުންގެ ކުރިމަތީ އެކަން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަފުޅު ގަބޫލުކުރެވެން އޮތް ޝަރުތަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ނަޝީދު އެކަން ރަސްމީކޮށް އިއުލާނު ކުރެއްވި ނަމަވެސް އިދިކޮޅު ކޯލިޝަނުން އެމަނިކުފާނާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެ ވާހަކަ ތަކުރާރު ކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ މީޑިއާތަކުގެ ކުރީމަތީ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ތާއީދު އަނބުރާ އެބަ ގެންދަން ޖެހޭ ރައްޔިތުންގެ ކުރިމަތީ. އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެމަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާނެ މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާނެ ކަމަކީ. އެހެން ނަމަވެސް އެމަނިކުފާނާއެކު ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެ،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށާ ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ޖޫން 12 ގައި ފޮނުއްވެވި މެސެޖްތަކެއްގައެވެ.
ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި އަދި ޕީޕީއެމްގެ ގާތުގައިވެސް ހަރުކަށި ފިކުރުގެ ވާހަކަ ދެއްކުން މުހިންމު ކަމަށާ ނަމަވެސް ދެރަކަމަކީ ރައީސުލްޖުމްްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ހަރުކަށި ފިކުުރުގެ މީހުންގެ އަތްދަށުގައި ތާށިވެފައި" ހުރުން ކަމަށެވެ.
އަދި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.