އެމެރިކާގެ އެޕަލް ކުންފުންޏަކީ އައިޓީ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އަދި އަގު ވެސް އެންމެ ބޮޑު ކުންފުންޏެވެ. އެހެންވީމަ މި ކުންފުނީގައި ވަޒީފާ އަދާކުރުމަކީ ވެސް އަދި އެތަނުން ވަޒީފާއެއް ހޯދުން ވެސް ވާނީ މީހެއްގެ ދިރިއުޅުގައި އެމީހަކާ ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށްކަން ޔަގީނެވެ.
އެޕަލް ކުންފުނިން ވަޒީފާއެއް ހޯދުން އެއީ ފަސޭހަކަމެއް ނޫންކަން އެމީހުން ކުރިއަށް ގެންދާ އާދަޔާހިލާފު ޖޮބް އިންޓަވިއުތަކާއި މި އިންޓަވިތަކަށް ކުރިމަތިލާ ފަރާތްތަކާ ކުރާ ސުވާލުތަކުން ވެސް އެނގެ އެވެ. ގޫގްލް އާއި އެފަދަ އެހެން ޓެކް ބޮޑެތި ކުންފުނިތަކުން ވެސް އެމީހުންގެ ޖޮބް އިންޓަވިއުތަކުގައި ކެންޑިޑޭޓުންގެ ބޯ ގޮއްވާލާ ގޮތަށް އެޕަލް އިން މިކަމުގައި ވަކި އެއްވެސް ކެންޑިޑޭޓަކަށް ފަސޭހައެއް ނުކުރެ އެވެ.
ތިރީގައި މި ހިމަނާލަނީ އެޕަލްގެ ޖޮބް އިންޓަވިއުތަކުން ހޮވާލާފައިވާ 15 ސުވާލެވެ. މީގެ ތެރެއިން ޖަވާބު ދެވެނީ ކިތައް ސުވާލަށްތޯ އަމިއްލަ އަށް ވެސް ޓެސްޓްކޮށްލަންވީ އެވެ.
1- މޮޑެމްއެއް ނުވަތަ ރައުޓާ އަކީ ކޯއްޗެއް ކަމާއި އެއިން ކުރެވޭ ބޭނުންތަކަކީ ކޮބައިކަން 8 އަހަރުގެ ކުއްޖަކަށް ތަފްސީލުކޮށްދީ ބަލަ؟
މިއީ އެޕަލްގެ "އެޓް ހޯމް އެޑްވައިޒާ" ޖޮބް ޕޯސްޓެއްގެ އިންޓަވިއުއެއްގައިކޮށްފައިވާ ސުވާލެކެވެ.
2- ކަލޭގެ ބެސްޓް ފްރެންޑަކީ ކާކު؟ މިއީ ފެމިލީ ރޫމް ސްޕެޝަލިސްޓް ވަޒީފާ އަށް ކުރިމަތިލި މީހެއްގެ އިންޓަވިއުއެއްގައި ކޮށްފައިވާ ސުވާލެކެވެ.
ދެން މި އޮތީ ސޮފްޓްވެއާ އިންޖިނިއަރިން ކެންޑިޑޭޓަކަށް ހާއްސަ ސުވާލެކެވެ.
3- އަތުގައި އޮތީ ދެ ބިހެވެ. ބަލަން ބޭނުންވަނީ އޭގެ ތެރެއިން ބިހެއް ތަޅައިގެން ނުދާ ފަދަ ގޮތަކަށް ވައްޓާލެވޭނީ އިމާރާތެއްގެ ކިހާ މަތިންކަން. އެހެން ވެއްޖެ ނަމަ އެކަން ކުރާނީ ކިހިނެތް؟ ކޮބައިތަ އެކަން ކުރާނެ އެންމެ މޮޅު ގޮތަކީ؟
4- ޝައުގުވެރިވަނިވި ނުވަތަ ސަމާލުކަން ލިބޭ ވަރުގެ މައްސަލައެއް ސިފަކޮށްދިނުމަށް ފަހު އެ މައްސަލަ އަމިއްލަ އަށް ހައްލުކުރި ގޮތް ކިޔައިދީ ބަލަ؟ މިއީ ވެސް ސޮފްޓްވެއާ އިންޖިނިއަރިންގެ ސުވާލެކެވެ.
5- ދުވާލެއްގެ މައްޗަށް ކިތައް ކުދިން އުފަންވޭތަ؟
މިއީ އެ ކުންފުނީގެ ގްލޯބަލް ސަޕްލައި މެނޭޖަރުގެ ޕޯސްޓަށް ކުރިމަތިލައިފި ނަމަ ކުރިމަތިވެދާނެ ސުވާލެކެވެ.
6 - ތިޔައީ ކޮން ކަހަލަ މީހެއްކަން ކިޔައިދީބަލަ؟ ޝައުގުވެރިކަން އުތުރިއަރައިގެން ދަނީ ކޮން ކަހަލަ ކަންކަމަކަށް؟
މިއީ އަނެއްކާވެސް ސޮފްޓްވެއާ އިންޖިނިއަރިންގެ ދާއިރާގެ ސުވާލެކެވެ. ދެން މި އޮތީ ސޮފްޓްވެއާ ކޮލިޓީ އެޝުއަރެންސް އިންޖިނަރަކަށް ހާއްސަ ސުވާލެކެވެ.
7 - ތިން ފޮށިގަނޑެވެ. އެއް ފޮށިގަނޑުގައި މުޅިން އާފަލެވެ. އަނެކަތީގައި ހަމައެކަނި އޮރެންޖެވެ. އަދި ތިން ވަނަ ފޮށިގަނޑުގައި އާފަލާއި އޮރެންޖެވެ. މި ފޮށިގަނޑުތަކުގައި ލޭބަލްކޮށްފައި ވަނީ އޭގެ ތެރޭގައި ހުރީ ކޮން އެއްޗެހިތަކެއްކަން އެނގޭ ފަދަ ގޮތަކަށް ނޫނެވެ.
ސުވާލަކީ، މި ތިން ފޮށިގަނޑުގެ ތެރެއިން އެއް ފޮށިގަނޑު ކަނޑާލުމަށް ފަހު، އޭގެ ތެރެއަށް ނުބަލައި، މޭވާއެއް އޭގެ ތެރެއިން ނެގުމަށް ފަހު، އެ މޭވާ އަށް ބަލާލައިގެން، ބާކީ ދެން ހުރި ދެ ފޮށިގަނޑުގައި އަދި ހުރިހާ ފޮށިތަކެއްގައި ވެސް ހުރި މޭވާތައް ދިމާކުރާނީ ކިހިނެތް؟
8- ދެން މި އޮތީ ސްޕެޝަލިސްޓަކަށް ހާއްސަ ސުވާލެކެވެ. މިސާލަކަށް ބައްދަލުމި ވަނީ ހިދުމަތް ނުލިބިގެން ނުވަތަ ކަސްޓަމާ ކެއާގެ އެހީއެއް ނުލިބި 20 މިނެޓް މަޑުކުރަން ޖެހިގެން ރުޅިގަދަވެފައި ހުންނަ މީހަކާ އެވެ. އެއަށް ފަހު އެ މީހާ މި ބުނަނީ މައިކްރޮސޮފްޓުން ނުވަތަ ބެސްޓް ބައި އަށް ގޮސް އޭނާ ބޭނުންވާ ކޮމްޕިއުޓަރު ގަނެގެން ދާނީ ކަމަށެވެ.
މި މައްސަލަ ހައްލުކޮށްދޭށެވެ!
9- ކޮބައިތަ ކަލޭގެ ފެއިލިއާތަކަކީ؟ އަދި އެ ފެއިލިއާތަކުން ކަލޭ އިބްރަތް ލިބިގަތް ގޮތަކީ ކޮބާ؟ (މިއީ ސޮފްޓްވެއާ މެނޭޖަރަކަށް ވުމަށް ޝައުގުވެރިވާ ނަމަ އެޕަލްގައި ޖަވާބު ދޭން ޖެހިދާނެ ސުވާލެކެވެ.
10- ސޮފްޓްވެއާ އިންޖިނިއަރިން މެނޭޖަރަކަށް ހާއްސަ ސުވާލެއް: ހަޔާތުގައި ކަލޭކޮށްފައިވާ ކަންކަމުގެ ތެރެއިން އެކަމަކާ މެދު ފަހުރުވެރިވާ ކަމެއްގެ ވާހަކަ އަހަރެމެންނަށް ކިޔައިދީ ބަލަ؟
11- އެޕަލް ކުންފުނިން މި ކުންފުނީގެ ނަން އެޕަލް ކޮމްޕިއުޓާސް އިންކޯޕަރޭޑެޓް އިން އެޕަލް އިންކް. އަށް ބަދަލުކުރީ ކީއްވެ؟ މިއީ ސްޕެޝަލިސްޓެއް ޖޮބަށް ޝައުގުވެރިވާ މީހަކަށް އަތުވެދާނެ ސުވާލެކެވެ.
12- އެޕަލްގެ ހޯމް އެޑްވައިޒާ ޕޯސްޓަށް ކުރިމަތިލާ ކެންޑިޑޭޓަކަށް ހާއްސަ ސުވާލެއް: ކަސްޓަމަރެއްގެ މައްސަލައެއް ހައްލުކުރުމާއި ކަސްޓަމަރުންނަށް ފެންވަރު ރަނގަޅުކޮށް ހިދުމަތް ދިނުން، މި ކަމުގެ ތެރެއިން އެންމެ މުހިންމީ ކޮން ކަމެއް؟
13- ސްޕެޝަލިސްޓަކަށް ހާއްސަ ސުވާލެއް: އެޕަލް ސްޓޯރަކަށް ކަސްޓަމަރެއްގެ ގޮތުގައި ވަދެގެން ދާއިރު ފާހަގަކުރެވެނީ ކޮން ކަމެއް؟ އަދި އެންމެ ފުރަތަމަ އިހްސާސްކުރެވެނީ ކޮން ކަމެއް؟
14- ޓޯސްޓަރެއް ޓެސްޓްކުރާނީ ކިހިނެތް؟ -- މިއީ ސޮފްޓްވެއާ ކޮލިޓީ އެޝުއަރެންސް އިންޖިނިއަރަކަށް ހާއްސަ ސުވާލެކެވެ.
15 - މިއަދުން ފެށިގެން ފަސް އަހަރު ދުވަހަށް ކަލޭ ކުރަން ބޭނުން ވަނީ ކޮން ކަމެއް؟ -- ސޮފްޓްވެއާ އިންޖިނިއަރަކަށް ހާއްސަ ސުވާލެކެވެ.