ވާހަކަ

ވީމޭ ކަލާޔާނުލާ

(26 ޖުލައި 2021އާ ގުޅޭ)

ޝީލާގެ މޫނަށް ކުއްލިއަކަށް ލިވިޔާ ބަލައިލީ ބިރުން ހެރެގެންނެވެ. ޝީލާގެ މޫނުމަތިން ފެންނަމުންދާ ރުޅިވެރިކަން ވަރަށް ބޮޑަށް ވަނީ ފައުޅުވެފައެވެ. ކަޅި ޖަހައި ނުލައި، އެ ރުޅިވެރި ނަޒަރުގައި ޝީލާ ބަލަމުން ގެންދިޔައީ ލިވިޔާ އާއި ޝަހުރުގެ މޫނަށެވެ.

"އަހަރެންގެ މަންމަގެ ޙާލަތު ކަލެއަށް އެނގޭތަ؟ ކަލެއާ ހުރެ އެ ފަކީރު އެ އޮތްގެން ހަލާކު ވަނީ.." ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން، ޝީލާ ވާހަކަދައްކަން ފެށިއެވެ. ލިވިޔާ ބިރުން ޝަހުރާ ގާތްވެލި އިރު، ޝީލާގެ ރުޅިވެރިކަން ވަނީ ފަހަނަ އަޅައިފައެވެ.

"ޝަހުރު ކަލޭ ލަދެއް ނުގަނޭތަ؟ ތި އުޅެނީ ބަލަ މަންމަ ދިރި ހުއްޓާ ވަޅުލަންތަ؟ މިހާރު ވެސް މަންމައަށް ކިޔޭ ނުކިޔޭ އެއް ނޭނގެ! އިއްޔަ ވެސް މަންމަ ބުނަނީ ޝީލާ ދޫކޮށްލާށޭ! ބަލަ އެ ހުރީ މަންމަ މެންޓަލީ ޑައުން ވެފަ ހުރި ވަރު! ކިޔޭ ނުކިޔޭ އެއް މިހާރަކު ނޭނގެ މަންމައަށް. އެކަމު ވެސް، ކަލޭގެ އެއްވެސް ސީރިއަސް ކަމެއް ނެތް.." ޝީލާ ހުއްޓައި ނުލައި ޒުވާބު ކުރަމުން ދިޔައެވެ. ޝަހުރު ވަރަށް ލޯބިން ފިރުމައިލީ ލިވިޔާގެ ކޮނޑުގައެވެ. އަދި ކޮޓަރިއަށް ވަނުމަށް އިޝާރާތް ކޮށްލީ، ޝީލާއަށް ރައްދު ދޭން ޝަހުރު ބޭނުން ވުމުންނެވެ. އެމަންޒަރު ލިވިޔާއަށް ނުދެއްކުމަށެވެ.

"ކިހިނެއް ވެގެން ދޮންތަ ތި އުޅެނީ؟ ކޮބާ ދޮންތަގެ މައްސަލަ އަކީ؟" ޝަހުރު ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ޝީލާ އެފަދަ މޭރުމަކުން ލިވިޔާގެ ކުރިމަތީގައި ވާހަކަދެއްކުމުންނެވެ.

"އަހަރެން ވަރަށް ކެތްކޮށްފިން.. އެކަމު، ދެން ނުވާނެ ކެތެއް. ބޭނުންހާ އެއްޗެއް އަހަންނާ ދިމާލަކަށް ނުކިޔޭނެ! ބަލަ ފުރަތަމަ ދޮންތަ ވިސްނާލާ ދޮންތަގެ އަމިއްލަ ލައިފަށް.. ދޮންތަ ފުރަތަމަ މަސައްކަތް ކޮށްބަލަ އަމިއްލައަށް ލައިފެއް ފެށޭތޯ! އަމިއްލަ މީހާގެ ދިރިއުޅުން ހަލާކު ވީމަ، އޭގެ މާނައަކީ އެހެން މީހުންގެ ޙަޔާތަށް ވަންނާށެކޭ ނޫނޭ. އަމިއްލަ މީހާ ފުރަތަމަ ވީ އަމިއްލަ މީހާގެ ދިރިއުޅުން ކޮޅަށް ޖަހަން.." ޝަހުރުގެ ދުލުން ބޭރުވި ބަސް ތަކަކީ އޭނާ އެއްވެސް ޙާލެއްގައި އޭނާގެ އަމިއްލަ އިޚުތިޔާރުގައި ބޭރު ކުރި ބަސްތަކެއް ނޫނެވެ. އެ ބަސްތަކުން ޝީލާއަށް ކޮށްފާނެ އަސަރަކާ މެދުގައި ޝަހުރަށް ވިސްނައިލަން ވެސް ނޭނގުނީއެވެ. އެއީ ޝީލާ ވެސް އިންތިހާއަށް ޝަހުރު ދެރަ ކުރަމުން ދިޔުމުންނެވެ.

"ތީ ދޯ ޝަހުރުގެ އަސްލު ސިފަ؟ ޝުކުރިއްޔާ!" ޝީލާގެ ދެލޮލުން ހޯސް ލާފައި ކަރުނަތައް އެކީ އެކައްޗަކަށް ފައިބައިގަތެވެ. ޝީލާގެ މާޒީ އޭނާގެ ކޮއްކޮގެ ފަރާތުން އައު ވީމައެވެ. މޫނުމަތީގައި އަތް އަޅައިލަމުން، ރޮމުން ޝީލާ ދުއްވައިގަތީ އެގެއިން ނުކުންނާށެވެ. ޝަހުރަށް ބުނެވުނީ ވަރަށް ބޮޑެތި ވާހަކަ ތަކެއްކަން ރޭކައިލުމުން ވެސް، އޭނާ އެކަމަކާ މާ ބޮޑަކަށް ދެރަ އެއް ނުވިއެވެ. ޝީލާގެ ފަރާތުން ލިބިފައިވާ ދެރަތައް މާ ގިނަވުމާ އެކުގައެވެ.

ގެއަށް އައިސް ވެސް އެތައް އިރަކު ޝީލާ ރުއެވެ. ގިސްލަ ގިސްލާފައެވެ. އަމިއްލަ ޙަޔާތާ މެދުގައި ވިސްނައިލަން ޝީލާއަށް ވަގުތުކޮޅަކަށް މަޖުބޫރު ވިކަހަލައެވެ. ކުރެވުނު 2 ކައިވެނި ވެސް ރޫޅިގެން ދިޔައީ ޝީލާ އަށް އެތައް ވޭނަކާ ރިހުމެއް ލިބިގެންނެވެ. ވަފާތެރިކަމާ އެކުގައި ޝީލާ ވަރަށް ލޯބިން އުޅެން މަސައްކަތް ކުރިއެވެ. އެތައް ޤުރުބާނީއެއް ލޯތްބަށްޓަކައި ވިއެވެ. ނަމަވެސް 2 ކައިވެނި ވެސް ޝީލާގެ އަތުން ބީވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ނޭނގި ހުއްޓައެވެ. ކައިވެންޏަށްފަހު، މައިންބަފައިންގެ ހިތްހަމަ ނުޖެހުން ކައިވެންޏަށް ލިބުނަސް، ކައިވެނި ދެމެހެއްޓޭތޯ ޝީލާ ގެންދިޔައީ އޭނާގެ ފެންވަރުން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން ހުރިހާ ދެރައަކާއި ހިތާމައެއް ކޮނޑުގައި އަޅައިގެން ކުރިއަށް ހިނގައިގަންނަން ޖެހުނީ ވެސް ހަމަ ޝީލާއަށެވެ. އެތައް ދުވަހެއްގެ ކަރުނަ އާއި ވޭނަކަށް ފަހު، މިހާރު ހަމައަކަށް އެޅުމުން އެ ހަނދާންތަކުގައި ޝީލާ ބޭނުންވީ ފަސް އަޅައި ފޮރުވާށެވެ.

މުޅީން އައު ދުވަހަކަށް އިރު އަރައިފިއެވެ. ޒަކްވާނަށް ވަޒީފާއެއް ލިބިގެން އެކަމުގެ އުފާ ދިޔައީ އެގޭގައި ފައުޅުކުރަމުންނެވެ. ހެނދުނުގެ ވަގުތުގައި ކުޑަ ޕާރޓީއެއް ބާވަމުން ދިޔައީ ތަފާތު މީރު ހެދިކާތަކުންނެވެ. ޒަކްވާން ވަޒީފާއަށް ދާ ފުރަތަމަ ދުވަހުގެ އުފާވެރިކަން އެ ޢާއިލާއިން ބޭނުންވީ ދުވަސް ފަށަމުން ފާހަގަކޮށްލާށެވެ.

"ގުޑް ލަކް ކޮއްކޯ!" ޝީލާ ވަރަށް ލޯތްބާއި އެކު ހިފައިލީ ޒަކްވާންގެ ކޮނޑުގައެވެ. އަދި ޒަކްވާނަށް ޝީލާ ނަސޭހަތްތެރިވީ ވަޒީފާއަށް ފަރުވާތެރިވެ، ވަގުތަށް ކަމޭހިތުމަށެވެ. ޢާއިލާގެ އެކި މީހުންގެ ފަރާތުން ޒަކްވާނަށް ދިޔައީ ތަފާތު މެސެޖުތައް ލިބެމުންނެވެ. އެ އުފަލުގައި އެގެއަށް ގޮސް ލިވިޔާއަށް ބައިވެރި ވެވެން ނެތަސް، އެ އުފަލުގައި ލިވިޔާ ވެސް ބައިވެރި ވިއެވެ. ޒަކްވާނަށް ގުޑް ލަކް ޖަހާފައި ހެޕީ ފޭސް އަކާ އެކުގައި ކޮށްލި މެސެޖު ހުރިހާ ވިޝް ތަކަށް ވުރެ، ޒަކްވާނަށް މާ މުހިންމު ވިއެވެ. މާ ބޮޑަށް އޭނާ އުފާ ވެސް ވިއެވެ.

ޕާޓީ ނިންމައިލި ގޮތަށް ޝީލާ ވަރަށް އަވަސްކޮށް ވަނީ އޭނާގެ ކޮޓަރިއަށެވެ. ޝީލާގެ ސިކުނޑިއަށް ވަނީ ރަނގަޅު ޚިޔާލެއް ވަދެފައެވެ. އަމިއްލަ ދިރިއުޅުން ކޮންމެ ގޮތަކަށް އޮތަސް، މައިންބަފައިންގެ އުފާތައް ޝީލާއަށް ވަނީ މުހިންމު ވެފައެވެ. އެހެން ކަމުން، ޝީލާ ވަނީ ލިވިޔާގެ ފަރާތުން އާއިލާއަށް ވެރިވި ބަނަ ވިލާގަނޑުން، އެ ޢާއިލާ ސަލާމަތް ކުރަން ރަނގަޅު ޕުލޭނެއް އަތުރާލައިފައެވެ. މި މިޝަން ކާމިޔާބު ވުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ޝީލާ ޤަބޫލު ކުރެއެވެ. އެއްވެސް ހާލެއްގައި ޝީލާ މިކަން ކުރަނީ އޭނާގެ ކޮއްކޮ ސިފަ ކުރި ބޭނުމެއް ގައެއް ނޫނެވެ. ޝަހުރުގެ ދިރިއުޅުން ހަލާކު ކޮށްލުން އެއީ ޝީލާގެ މަގުސަދެއް ނޫނެވެ. ޝީލާ ބޭނުން ވަނީ ހިތާމައިގެ ކަނޑަކަށް ގެނބެމުންދާ އޭނާގެ ޢާއިލާ ސަލާމަތުގެ އައްސޭރި އަކަށް ގެންދާށެވެ.

ދޮރުގައި ޓަކި ދޭން ފެށި އަޑަށް ލިވިޔާ ގޮސް ގޭގެ ދޮރު ހުޅުވައިލިއެވެ. ޝިލާ ފެނުމާ އެކު، ލިވިޔާއަށް ގެނުވީ ހައިރާން ކަމެކެވެ. ދެލޯ ބޮޑުކޮށްގެން ވަގުތު ކޮޅަކު ހުއްޓުން އަރާފައި ލިވިޔާއަށް ހުރެވުނެވެ. ލިވިޔާގެ ހިތުގައި ބިރުވެރިކަން ވެސް ވަނީ އުފެދިފައެވެ. ޝަހުރު ޑިއުޓީގައި އުޅޭ ވަގުތަށް ވުމުންނެވެ. ގޭގައި އެކަނި ވީމައެވެ.

"ވަންނަން ނުބުނާނަންތަ؟" މަޑުމަޑުން ޝީލާ އަހައިލިއެވެ. ކުއްލިއަކަށް ހުރެފައި، ދޮރު ބޮޑަށް ލިވިޔާ ހުޅުވައިލީ ޝީލާ ވަންނަން ޖާގަ ދެމުންނެވެ. އަދި އެތެރެއަށް ވަނުމަށް ލިވިޔާ އެދުނެވެ. އޭރު ވެސް ލިވިޔާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ސިޓިންގރޫމްގެ މެދަކަށް އަރާފައި ޝީލާ ހުއްޓުނެވެ. ޝީލާއާ ދާދި ގާތުގައި ލިވިޔާ ވެސް ހުއްޓެވެ.

"މިއައީ ވަރަށް ބޮޑު ކަމަކު! ވާނެތަ؟" ޝީލާ ފުރަތަމަ ވެސް ކޮށްލީ ސުވާލެކެވެ. ލިވިޔާ ބޯޖަހައިލީ ވާހަކަ ކުރިއަށް ގެންދިޔުމަށް އެދޭ ފަދަ ގޮތަކަށެވެ. ޝީލާ ފުންކޮށް ނޭވާއެއް ލަމުން، ލިވިޔާއާ އިތުރަށް ގާތް ވެލިއެވެ.

"އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު.. ވަރަށް ބޮޑު ކަމަކު.. ލިވިޔާގެ އަތުގައި އޮތް، އަހަރެން ވަރަށް ބޭނުންވާ އެއްޗެއް ބަލާ.." ޝީލާ ބުނި ޖުމަލައިން ލިވިޔާ ހުރީ ފާޑަކަށް ހުއްޓިފައެވެ. އެ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނޭނގުމުންނެވެ.

"ކޯއްޗެއް؟" ލިވިޔާ ވަރަށް އުނދަގުލުން އަހައިލިއެެވެ.

"އަހަރެންގެ މަންމަގެ ފުރާނަ.." ޝީލާ އެހެން ބުނުމާ އެކު ލިވިޔާއަށް ހީވީ، އޭނާގެ ލޯކުރިމަތިން ފެންނަ މަންޒަރު އެކޮޅު ކޮޅުން އެނބުރުނުހެންނެވެ. ލިވިޔާއަށް ލިބުނީ ކުއްލި ޝޮކެކެވެ. (ނުނިމޭ)