ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމްރާން އަބްދުﷲ

މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކޮވިޑް-19 އަށް ޕޮޒިޓިވްްވެއްޖެ އެވެ.

އެ މިނިސްޓްރީން ވަނީ އެކަން ޔަގީން ކޮށްދީފައިވެއެވެ. އިމްރާން ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގެންނެވީ ބަލީގެ އަލާމަތްތައް ހުރުމުން އެ ބައްޔަށް ޓެސްޓް ކުރެއްވުމުންނެވެ. ނަތީޖާ ލިބި ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ އިއްޔެ އެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވްްވެފައި ވަނީ ބަލީން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނިކޮށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެތައް ހާސް ބަޔަކަށް ބަލި ޖެހިފައިވަނިކޮށް ބަަލީގެ ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެ. ޕޮޒިޓިވް ނަންބަރު ކޮންމެ ދުވަހަކުހެން ދަނީ ދަށަށެވެ. ނަމަވެސް އިމްރާން ނިސްބަތްވާ މ. ކޮޅުފުށިން އިއްްޔެ ވަނީ 12 މީހަކު ޕޮޒިޓިވްވެ ރަށް ބަންދުކޮށްފައެވެ. އަދި ރ، ދުވާފަރުގައި ބަލީގެ ހާލަތު ގޯސްވެ އެތައް ބަޔަކަށް ވަނީ ބަލިޖެހިފައެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 77،202 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،541 މީހުންނެވެ. މިހާތަނަށް 74،429 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 14 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ހުޅުމާލެ މެޑިކަަލް ފެސިލިޓީގައި އެކަކުވެސް ނެތެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ދެ މީހަކަށް ފަރުވާ ދެމުންދާއިރު އެ މީހުންގެ ހާލު ރަނގަޅެވެ.

އަދާ ހަމައަށް 220 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެންމެ ފަހުން މީހަކު މަރުވީ އިއްޔެ އެވެ. އަދި އަންގާރަ ދުވަހުވެސް މީހަކު މަރުވިއެވެ. އެއީ ރ. ދުވާފަރުން މަރުވި ދެ މީހެކެވެ.