ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގައި ފެށި އިދިކޮޅު ކޯލިޝަންގެ މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އެ ކޯލިޝަނުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން އިސްނެގި ނަމަވެސް މިއީ ވަކި ޕާޓީއަކުން އެކަނި ކުރިއަށް ގެންދާނެ ކެމްޕޭނެއް ނޫން ކަމަށެވެ. މިއީ ގައުމީ ކެމްޕޭނެއް ކަމަށެވެ. އެ ކޯލިޝަނަށް އެންމެ މުހިންމީ ގައުމުގެ މިނިވަން ކަމަށް ވިދާޅުވެ މިރޭ ފެށި ކެމްޕޭނުގައި ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފަ އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދައިގެން ވެރިކަމަށް އާދެވޭނީ ގައުމުގައި މިނިވަންކަން އޮވެގެން ކަމަށާއި އެހެންކަމުން މި ހުރިހާ ލީޑަރުންވެސް މިއީ ގައުމީ މަސައްކަތެއް ކަމުގައި ދެކެގެން ކެމްޕޭނުގައި ބައިވެރިވުމަކީ އެދޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިރޭ އިފްތިތާހުކުރި ކެމްޕޭނުގައި ބައިވެރިވާނެ ގޮތާއި ކެމްޕޭނާ ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.