ދެކުނު ކޮރެއާއާ އުތުރު ކޮރެއާއިން ވާހަކަތައް އަލުން ފަށަން އަންގާރަ ދުވަހު ވަނީ އެއްބަސްވެފަ އެވެ. މަޝްވަރާތައް އަލުން ފަށަން އެއްބަސްވެފައި މިވަނީ ދެގައުމުގެ މަތީ ފެންވަރުގެ ބޭފުޅުން މަޝްވަރާ ކުރެއްވުމަށް ކުރިން ހުޅުވި ޗެނަލްތައް ހިލަމެއް ނުވެ އޮތްނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.
ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ލީ އިންޔަންގް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ދެ ގައުމުގެ މަޝްވަރާތައް ދެމެހެއްޓުމަށްޓަކައި ވީޑިއޯ ކޮންފަރެންސިން ސިސްޓަމެއް އުތުރު ކޮރެއާއަށް ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައި އޮތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވާޗުއަލް ކޮންފަރެންސިން ސިސްޓަމެއް ގާއިމް ކުރުމަށް ދެކުނު ކޮރެއާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށާއި ކޮންމެ ގޮތެއް ހައްދަވާފައި ނަމަވެސް އުތުރު ކޮރެއާއާއެކު ގާތް ގުޅުމެއް ދަމަހައްޓަން ބޭނުންފުޅުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އޮތީ ދެ ގައުމުން ބޭނުން ވާހަކައެއް ދައްކަން ފުރުސަތު ހުޅުވިފައި ކަމަށާއި ވަގުތު ނަންގަވައި ނުލައްވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ފުރުސަތު ގެއްލެނީ މާބޮޑު ކަމަކާ ހެދި ނޫން ކަމަށާއި ދެގައުމުން ވެސް ވަރަށް ކެތްތެރިވާން ޖެހޭ ކަމަށެވެ.
ދެކުނު ކޮރެއާއިން ދެކޭ ގޮތުން އުތުރު ކޮރެއާއިން ނިއުކުލިއާ ގާބިލުކަން ލިބިގަންނަނީ ދެކުނު ކޮރެއާއަށް ހަމަލާ ދޭށެވެ. އަދި އުތުރު ކޮރެއާއިން އަސްކަރީ ގާބިލުކަން ހޯދަނީ ވެސް ދެކުނަށް ޖެއްސުންކޮށް ބިރުދެއްކުމަށެވެ.