ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އާއި ދެމެދު އުދާސްވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށްޓައި ގާއިމުކޮށްފައިވާ ހޮޓްލައިން ޓެލެފޯން ކޯލްތަކަށް އުތުރު ކޮރެއާ ޖަވާބު ނުދޭ ކަމަށް ދެކުނު ކޮރެއާއިން ބުނެފި އެވެ.
އުތުރު ކޮރެއާއިން މިދާކަށް ދުވަހު ވަރަށް ހިތްޔެޔޮކޮށް ދެކުނު ކޮރެއާއާ މަޝްވަރާކުރި އެވެ. އަދި މަޝްވަރާތައް ފުރިހަމަކުރަން ނޯތު ކޮރެއާއަށް ވީޑިއޯ ކޮންފަރެންސިން ސިސްޓަމެއް ފޯރުކޮށްދޭނެ ކަމަށް ދެކުނު ކޮރެއާއިން އޮތީ ބުނެފަ އެވެ.
އުތުރު ކޮރެއާގެ މިޒާޖަށް ކުއްލިއަކަށް ބޮޑު ބަދަލެއް އައީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން އަސްކަރީ ފަރިތަކުރުންތަކެއް ބާއްވާތީ އެވެ. އުތުރު ކޮރެއާއިން ބުނީ އެމެރިކާއާ އެކު ބާއްވާ އަސްކަރީ ފަރިތަކުރުންތަކަކީ ހަނގުރާމައެއް ފަށަން ކުރާ ކަމެއް ކަމަށާއި އެފަދައިން ބާއްވާ ސަރަހައްދީ ހަރަކާތްތަކަށް ނުގަބޫލު ކަމަށެވެ.
ޗައިނާއިން ވެސް މިމައުލޫ އަށް ވަނީ ވާހަކަދައްކާފަ އެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އުތުރު ކޮރެއާއާ އެކު ގުޅުން ބަދަހިކުރަން ހަމަ ހަގީގަތުގައި ވެސް އެދޭ ނަމަ އުތުރު ކޮރެއާއިން ކަންބޮޑުވާ ކަންތައްތަކާ މެދު ވިސްނާލުން ރަނގަޅު ކަމަށެވެ.
ދެކޮރެއާގެ ގުޅުން ރަނަގޅުވުމަކީ ދެގައުމަށް ވެސް އޮތް ބޮޑު ފައިދާ އެކެވެ. އެހެންނަމަވެސް މަޝްވަރާތަކުގައި ސީރިއަސް ވަނީ ކޮން ބައެއް ކަމެއް އަދި ބުނާ ބަހުގައި އިތުބާރު ދަމަހައްޓަނީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ކޮންމެ ގައުމަކުން ވެސް އިލްޒާމް އަޅުވަނީ އަނެއް ގައުމުގަ އެވެ.