ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ވެކްސިން ނުޖަހާ ގެސްޓުންނަށް ދެވޭނީ އެންމެ ނުވަ ރަށަށް

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ދެވޭނެ ނުވަ ރަށެއްގެ މައުލޫމާތު އެޗްޕީއޭ އިން ހާމަކޮށްފި އެވެ

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ގައިޑްލައިންތަކުގައިވާ ގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށް ރަށުގައި ހުންނަ ގެސްޓު ހައުސްތަކަށް ދެވޭނީ އެ ރަށްތަކުގައި ދިރިއުޅޭ މީހުން ވަކި އަދަދަކަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ އެވެ.

އެގޮތުން ގެސްޓު ހައުސްތައް ހުންނަ ރަށްރަށުގައި ދިރިއުޅޭ މީހުންގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ. އަދި އެރަށްރަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށް އަދި އެ ރަށްރަށުގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެ އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން އެ ޝަރުތުތައް މިހާތަނަށް ފުރިހަމަވެފައިވަނީ އެންމެ ނުވަ ރަށެކެވެ.

މީގެތެރޭގައި އއ. އަތޮޅުގެ ފަސް ރަށެއް ހިމެނެ އެވެ. އެއީ މަތިވެރި، ތޮއްޑޫ، ރަސްދޫ، އުކުޅަސް، މާޅޮސް، ހިމަންދޫ އެވެ. މީގެއިތުރުން އދ. ހަންޏާމީދޫއާއި ދިގުރަށް އަދި ކ. މާފުށި ހިމެނެ އެވެ. މި ރަށްތަކުގެ ތެރެއިން އއ. އުކުޅަހާއި އދ. ހަންޏާމީދޫގެ 65 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ފުރިހަމަކޮށްފައިވެ އެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް ރަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކޮންމެ ރަށަކަށް ވެސް ދެވޭނެ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން ދިން ލުއިތަކާއެކު ފަތުރުވެރިން ރާއްޖެ އައުމުގެ ކުރިން 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ. އަދި ގެސްޓު ހައުސްތަކަށް ރަށްރަށަށް ދާނަމަ 72 ގަޑި އިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހޭނެ އެވެ.