ކަރަންޓުގެ މައްސަލަ

ކަރަންޓު ބިލު ބޮޑުވި ގޮތު ޔުޓިލިޓީ އޮތޯރިޓީން ބަލަނީ

މި މަހު ގޭގެއަށް ލިބުނު ކަރަންޓް ބިލް ބޮޑުވިކަމަށް ބުނާ މައްސަލަ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބަލަން ފަށައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު އިއުލާންއެއްގައި ބުނީ ސްޓެލްކޯގެ ކަސްޓަމަރުންނަށް މިދިޔަ މަހު ލިބުނު ބިލު އާދަޔާ ހިލާފަށް ބޮޑުކަމުގެ ޝަކުވާ މީސްމީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައި ނެތް ނަމަވެސް އެކަން ބަލަމުންދާ ކަމަށެވެ.

މި މަހު ލިބުނު ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ އާންމުން ގެންދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ. ގިނަ ގޭގެއިން 2،000 ރުފިޔާގެ އިތުރުވުމެއް ކަރަންޓް ބިލްގައި ވެއެވެ. ރައްޔިތުންގެ ރުޅިވެރިކަމާއި ޝަކުވާތަކަށް ސްޓެލްކޯއިން ބުނީ ބިލް ބޮޑު ކަމަށް ފެންނަނީ ކުރީން ދެމުން އައި ސަބްސިޑީ ކަނޑާލުމުން ކަމަށެވެ.

ނަމަވެސް ކުންފުނިން އެ ބުނާ ސަބްސިޑީ ދިނުމުގެ ކުރީން ލިބެމުން އައި ކަރަންޓް ބިލްތަކަށް ވުރެ މި ފަހަރު ލިބުނު ބިލް މާ ބޮޑުވުމުން ސްޓެލްކޯގެ އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ސަރުކާރާއި އެ ކުންފުންޏަށް އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކަރަންޓު ބިލު ބޮޑުވި މައްސަލައިގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފާޑުކިޔުން ވެސް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައި ކަމަށާއި އަދި ކަރަންޓު ބިލު އިތުރަށް ބޮޑުވުމުން އިތުރަށް ހާލުގައި ޖެހިފައިވާ ކަމަށެވެ.