ފިނިޕޭޖް

ޒޭން މާލިކް ބުނަނީ ސޯލޯ ކެރިއަރާ އެކު މިނިވަންވެއްޖެ ކަމަށް

Nov 21, 2015

ސޯލޯ އާޓިސްޓަކަށް ބަދަލުވުމަކީ މިއުޒިކް ކެރިއަރު އާ ފެށުމަކުން ފެށުނު ކަމެއް ކަމަށާއި އެއްކޮށް މިނިވަންވެގެން ދިޔަ ކަމުގެ އިހްސާސްކުރެވުނު ކަމެއް ކަމަށް ވަން ޑައިރެކްޝަންގެ ކުރީގެ މެމްބަރު ޒޭން މާލިކް ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޕޮޕް ބޯއި ބޭންޑުން ޒޭން ވަކިވިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ މި އަހަރުގެ މާޗް މަހު އެވެ. އެއަށް ފަހު އުމުރުން 22 އަހަރުގެ މި ލަވަކިޔުންތެރިޔާ މިހާރު ދަނީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމްގެ މަސައްކަތްކުރަމުންނެވެ.

ބޭންޑުން ވަކިވުމަށް ފަހު މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއު، ދަ ފޭޑާ މެގަޒިން އަށް ދެމުން ޒޭން ބުނެފައި ވަނީ އޭނާގެ އަލަތު އަލްބަމަކީ ވަރަށް ވެސް ޕާސަނަލް އަލްބަމެއް ކަމަށާއި މިއީ ނިކަން ބުރަ މަސައްކަތްތަކެއް ކުރެވިގެން ނެރޭ އަލްބަމެއް ކަމަށެވެ.

މި އިންޓަވިއުގައި އޭނާ ވަނީ "މުސްލިމް ޕޮޕް ސްޓާރެއްގެ" ގޮތުގައި ދިރިއުޅުމުގެ ތަޖުރިބާއާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އިންގްލެންޑްގެ ބްރެޑްފޯޑަށް އުފަން ޒޭންގެ ބައްޕަ އަކީ ޕާކިސްތާނު ދަރިކޮޅުގެ އިނގިރޭސި މުސްލިމެކެވެ. ޒޭންގެ މަންމަ އަކީ ވެސް މުސްލިމެކެވެ.

ޒޭން ބުނެފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާ އޭނާގެ އަލްބަމްގެ ލަވަތަކުގައި ވަރަށް ބޮޑުވާނެ ކަމަށެވެ. އެގޮތުން ކުޑަކުއްޖެއްގެ ގޮތުގައި ބޮލީވުޑްގެ މިއުޒިކް ވަރަށް ގަދަ އަށް އަޑުއެހިފައިވުމުން އޭގެ ނުފޫޒު ވެސް އަލްބަމްގައި އޮވެދާނެ ކަމަށެވެ.

އަމިއްލަ އަލްބަމެއްގެ މަސައްކަތްކުރަމުން އަންނައިރު ޒޭން ބުނެފައި ވަނީ ވަކި މިވެނި އެވެނި ގޮތަކަށް މަސައްކަތްކުރަން ގޮވާލަމުން ދިޔަ ބައެއްގެ ތެރެއިން ނުކުމެގެން އައިސް މިފަދަ މިނިވަންގޮތަކަށް މަސައްކަތްކުރަން ލިބުމަކީ ވަރަށް ތަފާތު އިހްސާސެއް ކުރެވޭ ތަޖުރިބާއެއް ކަމަށެވެ.

ވަން ޑައިރެކްޝަން ދޫކޮށް ޒޭން ސޯލޯ ކެރިއަރެއް ފައްކާކުރަމުން އަންނައިރު މި ބޭންޑްގެ މަގްބޫލުކަން ވެސް ވަނީ ދަށަށް ޖެހިލައިފަ އެވެ. އަންނަ އަހަރުގެ މި ބޭންޑުން ބްރޭކެއް ނަގާނެކަން ވެސް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް ބޭންޑް ނުރޫޅޭނެ ކަމަށް ބުނެ އެވެ.