ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫ ގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކޮށްފި އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޖެކްޓް ހިންގާފައި ވަނީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަނުންނެވެ.
މިތަން ފަރުމާކޮށްފައިވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް ބޭނުންކުރެވޭނެހެން އަލިކޮށް އެއްފަހަރާ އަށް މީހުންނަށް މަސްކަނޑަން ތިބެވޭ ގޮތަށެވެ. މިތަން ތަރައްގީކޮށްފައި ވަނީ ސާފު ރީތިފެން ލިބޭ ގޮތަށް، މަސްކަނޑަން ތިބޭ މީހުންނަށް ވެސް ރަނގަޅު ޖާގައެއް ލިބޭ ގޮތަށެވެ. އަދި އެ ސަރަހައްދުގައި ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް ގާއިމްކޮށްފައިވެ އެވެ.
ޕްރޮޖެކްޓް ކާމިޔާބުކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވި ގޮތުގައި ބޮޑުފޮޅުދޫގައި މަސްކެނޑުމަށާއި ސާފުކުރުމަށް މީގެކުރިން މީހުން އެއްވަނީ ބަނދަރުމައްޗަށެވެ. އަލަށް ގާއިމްކުރެވުނު މަސްކަނޑާ ތަނުގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް މަސްވެރިންނާއި އާންމު ރައްޔިތުންނަށް ވެސް އަލަށް ހެދި ސަރަހައްދު މަސްކެނޑުމަށް ބޭނުންކުރެވޭނެ އެވެ.
މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމަށް ބީއެމްއެލްގެ އިތުރުން ސްޕޮންސަރުންނާއި ކްލަބްގެ މެންބަރުންގެ އިތުރުން ވޮލަންޓިއަރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.