ވިޔާނުދާ ފިލްމުތައް އުފައްދާ ކަމުގެ ތުހުމަތުގައި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރު ކުރީއްސުރެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝިލްޕާގެ އަބުރު ކަތިލަމުން އޭނާއަށް މަލާމާތް ކުރަމުން ގެންދެ އެވެ. މިކަމާ އައި ރުޅިން ޝިލްޕާ ވަނީ އިންޑިއާގެ ބައެއް މީޑިއާތަކާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ބޮމްބޭ ހައި ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ޝިލްޕާގެ ދައުވާގައި ބުނެފައިވަނީ އޭނާގެ އަބުރަށް އަރައިގަނެ ތަފާތު ވާހަކަތައް ހަދަހަދައިގެން މީޑިއާ ތަކުން ދައްކަމުންދާ ކަމަށެވެ. ނަމަވެސް އިއްޔެ ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ކޯޓުން ޝިލްޕާ އަށް އެންގީ މީޑިއާ ތަކުން ޚަބަރު ފަތުރާފައިވަނީ މުމްބައި ފުލުހުންނާ ހަވާލާދީ ކަމަށްވާތީ އެ ވާހަކަތައް ފަތުރައިގެން އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ.
ޝިލްޕާގެ މައްސަލައިގައި ކޯޓުން އޭނާއާ އެއްކޮޅު ނުވިޔަސް ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން ޝިލްޕާ އަށް ތާއީދުކޮށް ބަޔާންތައް ދެމުން އެބަދެ އެވެ. އެގޮތުން ޑައިރެކްޓަރު ހަންސަލް މެހެތާ ކުރި ޓުވީޓްތަކެއްގައި ބުނެފައިވަނީ ޝިލްޕާގެ ފިރިމީހާގެ މައްޗަށް ކޯޓުން ހުކުމެއް ނުކުރާހާ ހިނދު އޭނާގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށާއި އެހެންކަމުން މިކަމާ ގުޅުވައިގެން ޝިލްޕާގެ އަބުރަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އިންޑަސްޓްރީގެ ގިނަ ބަޔަކު މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައި ހަނުހުރުން އިސްކޮށްފައިވާތީ ވެސް ހަންސަލް ވަނީ ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނި ގޮތުގައި އެއްވެސް މީހަކަށް ރަނގަޅު ކަންތައްތަކެއް ދިމާވާ އިރެއްގައި އެމީހަކަށް މަރުހަބާ ކިޔަން އެންމެން އަވަސްވެ ގަންނަ ކަމަށާއި ދެރަކަމެއް ދިމާވާއިރަށް އެންމެން ތިބެނީ އެއްވެސް އެއްޗެކޭ ނުބުނެ އެނގޭ ކަމަށް ވެސް ނުހަދާ ކަމަށެވެ.
ޝިލްޕާގެ ފިރިމީހާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން މުމްބައި ކްރައިމް ބްރާންޗުން މިހާރު ވަނީ ޝިލްޕާގެ ބަޔާން ވެސް ނަގާފަ އެވެ. އަދި ޝިލްޕާ އާއި ރާޖް ދިރިއުޅޭ ގެއަށް ރާޖް ގޮވައިގެން ގޮސް ފުލުހުން ހެކި ހޯދަން މަސައްކަތް ކުރި އިރު ޝިލްޕާ ދެރަވެގެން ރޮއިރޮއިފައި ރާޖް އާ ދިމާލަށް ވަރަށް ހަޅޭއްލެވި ކަމަށް މުމްބާއި ފުލުހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައިވެ އެވެ.
ރާޖްއާ ހެދި އޭނާގެ އާއިލާގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވިއްޖެ ކަމަށާއި އޭނާއަށް ކުޅެން ލިބުނު ގިނަ އިޝްތިހާރު ތަކަކާއި ފިލްމުތަކެއް އޭނާ އަތުން ބީވެ އިންޑަސްޓްރީގެ މީހުން އޭނާއަށް ފުރަގަސް ދީފި ކަމަށް ވެސް ޝިލްޕާ، ރާޖްއާ ދިމާލަށް ގޮވި ކަމަށް ވެއެވެ.
ފިރިމީހާގެ ވިޔާނުދާ ފިލްމުގެ ވިޔަފާރީގެ އެއްވެސް ޚަބަރެއް އޭނާއަށް ލިބިފައި ނުވާ ކަމަށް ވެސް މުމްބައީ ފުލުހުން ކައިރީ ޝިލްޕާ ބުނި ކަމަށް ވެއެވެ.