މަހޭޝް ބަޓް ޑައިރެކްޓްކުރި އާލިއާ ބަޓް އާއި އަދިތުޔާ ރޯއި ކަޕޫރުގެ "ސަޅަކް 2"ގައި މުހިއްމު ރޯލެއް ކުޅެފައިވާ ބަތަލާ ކްރިސަން ޕެރޭރާ އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ސިޓީ އެއް ކަމަށްވާ ޝާރްޖާގެ ޖަލެއްގައި ދުވަސްތަކެއް ހޭދަކުރަން ޖެހި ވަރަށް ބިރުވެރި ތަޖުރިބާތަކެއް ކޮށްފި އެވެ.
މިހާރު ކްރިސަން ވަނީ ޖަލުން ދޫކޮށްލާފަ އެވެ. ނަމަވެސް ގިނަ ދުވަސް ތަކެއް އޭނާ ވަނީ ޝާރްޖާ ޖަލުގައި ހޭދަކޮށްފަ އެވެ.
ކްރިސަން ޖަލަށް ލާފައިވަނީ ޑްރަގް ސްމަގްލް ކުރިކަމުގެ ތުހުމަތުގަ އެވެ. ޔޫއޭއީގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކްރިސަން ހައްޔަރުކުރީ އޭނާގެ އަތުގައި އޮތް ޓްރޮފީއެއްގެ ތެރޭގައި މަސްތުވާތަކެތި ހުއްޓާ ފެނިގެންނެވެ.
ކްރިސަން ޖަލުން ދޫކޮށްލާފައިވާކަން އޭނާގެ މަންމަ އާއި ބޭބެ ވަނީ ޔަގީންކޮށްދީފަ އެވެ.
ކްރިސަންގެ މަންމަ ބުނި ގޮތުގައި ޖަލުން ދޫކޮށްލި ނަމަވެސް ކްރިސަން އަށް ވަނީ ނަފްސާނީ ގޮތުން ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެފަ އެވެ. އަދި އަބަދާ އަބަދު ބިރުން އުޅޭ ކަމަށާއި އިންޑިއާއަށް އެނބުރި ދިއުމުން ފިލްމު ކުޅުމުގެ ފުރުސަތު އެއްވެސް މީހަކު ދެން އޭނާއަށް ނުދޭނެކަމަށް ކްރިސަން އަށް މިހާރު ގަބޫލު ކުރެވިފައިވާ ކަމަށެވެ.
ކްރިސަން ވެސް ވަނީ ޝާރްޖާ ޖަލުގައި އޭނާ ހައްޔަރުކޮށްފައި ހުރިއިރު ކުރެވުނު ބިރުވެރި ތަޖުރިބާތައް ސޯޝަލް މީޑީއާގައި ޕޯސްޓްކުރި ސިޓީއެއްގައި ތަފްސީލުކޮށްދީފަ އެވެ.
އޭނާގެ ސިޓީގައި ލިޔެފައިވާ ގޮތުގައި ޖަލުގައި ހުރިއިރު އިސްތަށިގަނޑު ވެސް ދޮންނަން ޖެހުނީ ޓައިޑް (ދޮންނަކުނޑި) އިންނެވެ. އަދި ކޮފީ ވެސް ހަދަން ޖެހެނީ ފާޚާނާގެ ފެނުންނެވެ.
"އަހަރެންނަށް މި ވާހަކަތައް ލިޔަން ގަލަމަކާއި ކަރުދާސްގަނޑެއް ލިބުނީވެސް ޖަލަށް ލީތާ ތިން ހަފުތާ އާއި ފަސް ދުވަސް ވީފަހުން،" ކްރިސަންގެ ސިޓީގައި ވެއެވެ.
އޭނާގެ ސިޓީގައި ލިޔެފައިވާ ގޮތުން އޭނާއަކީ މައުސޫމް މީހެކެވެ. ބަޔަކު އޭނާއަށް ލަނޑެއް ދިނީ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ. އަދި މިއީ ވަރަށް ނުފޫޒުގަދަ ބައިނަލްއަގުވާމީ ބަޔަކު އޮގަނައިޒްކޮށްގެން ހިންގާ ސްކޭމެއް ކަމަށާއި އޭނާވެސް ނޭނގި ހުރެ މި ދަންތުރައިގައި ޖެހުނީ ކަމަށް ކްރިސަން ލިޔެފައި ވެއެވެ. ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަވެ އޭނާއަށް އިންސާފު ލިބޭނެކަމަށް އުންމީދުކުރާ ކަމަށްވެސް ކްރިސަން ލިޔެފައި ވެއެވެ. އަދި އިންޑިއާ އަށް އެނބުރި އާދެވޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ ކަމަށް ކްރިސަން ބުނެފައިވެ އެވެ.
މުމްބައި ފުލުހުން ވެސް ބުނެފައިވަނީ ކްރިސަން ހައްޔަރުކުރީ ބައެއްގެ ރޭވުމެއްގެ ދަށުން އޮޅުވާލުމެއްގެ ތެރެއިން އޭނާ ލައްވާ ޑްރަގް އެތެރެ ކުރުވައިގެން ކަމަށެވެ. މިކަމުގައި ޝާމިލުވާ ދެ މީހަކު މިހާރު އިންޑިއާ އިން ހައްޔަރުކޮށްފައި ވެއެވެ. މީގެތެރެއިން އެކަކީ ކްރިސަންގެ މަންމަ ޕްރަމީލާގެ ބިޒިނަސް ޕާޓްނަރެވެ.
އެމީހުން ކްރިސަން، ޝާރްޖާ އަށް ފޮނުވީ ފިލްމެއްގެ އޮޑިޝަނަކަށޭ ކިޔާފަ އެވެ. އަދި އޭނާ ފުރަން އެއާޕޯޓަށް ގޮސް ހުއްޓާ އޭނާ އަތަށް ޓްރޮފީ ހަވާލުކުރީ ވެސް އެމީހުންނެވެ. އެއީ އޮޑިޝަންގައި ބޭނުންކުރަން ޖެހޭ އެއްޗެއް ކަމަށް ބުނެފަ އެވެ.
މުމްބައި ފުލުހުން ބުނީ މިހާރު މިކަމުގައި ބައިވެރިވާ މީހުން ހައްޔަރުކޮށް ސުވާލުކުރަމުންދާ ކަމަށެވެ.