އިންޑިއަން އައިޑަލްގެ 12 ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭ އަށް އެންމެ ދެ ހަފުތާ އަށް ވެފައިވާއިރު ޝޯގައި މިހާރު ތިބި ބައިވެރިން ނަލަކޮށް ޒީނަތްތެރިކުރުމުގެ ހުރިހާ ކަމެއްވެސް މިހާރު ފެށިގެން ކުރިއަށް އެބަދެ އެވެ. އެގޮތުން ހުރިހާ ބައިވެރިންގެ މޭކްއޯވާ ހެދުމުގެ ޒިންމާ ހަވާލުވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ އެވެ.
އިންޑިއަން އައިޑަލް 12ގެ ގްރޭންޑް ފިނާލޭ 12 ގަޑިއިރަށް ދެމިގެން ދާއިރު ފައިނަލަށްދާ ލަވަކިޔުންތެރިންގެ އެތައް ޕާފޯމަންސެއް މި 12 ގަޑިއިރު ތެރޭގައި ފެނިގެންދާނެ އެވެ. އެހެންވެ ކޮންމެ ޕާފޯމަންސަކަށް ކަހަލަ ގޮތަކަށް ހެދުން ތައްޔާރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެ އެވެ.
ހޮނިހިރު ދުވަހު މަނީޝް ކުރި ޓުވީޓެއްގައި އިންޑިއަން އައިޑަލްގެ ޓޮޕް 6 އަށް ދިޔަ ލަވަކިޔުންތެރިން އޭނާއާއެކު ނަގާފައިވާ ފޮޓޯއެއް ޝެއާ ކޮށްފައިވެ އެވެ.
އޭނާ ބުނި ގޮތުގައި މި ހަ ލަވަކިޔުންތެރިންނަށް އޭނާގެ ހެދުން ފިހާރައިގައި ހުރި ރީތި ހެދުންތަކުން ހެދުން ޚިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މިފަހަރުގެ ޝޯގެ ފައިނަލަށް ގޮސްފައިވާ ހުރިހާ ލަވަކިޔުންތެރިންނަކީ އާދަޔާޚިލާފު މޮޅު ބައެއްކަން މަނީޝް ފާހަގަކޮށްފައިވެ އެވެ.
"ކުޑައިރު އަހަރެންނަކީ ފިލްމު ބެލުމަށް ދެވި ހިފާފައި ހުރި މީހެއް. ކުޑައިރު ބެލި ފިލްމުތަކުގެ ލަވަތައް މި ހުނަރުވެރި ލަވަކިޔުންތެރިންގެ ރީތި އަޑުން ވިރުވާ އަޅާލާއިރު ވަރަށް ހިތްގައިމު،" މަނީޝްގެ ޓުވީޓުގައި ބުނެފައިވެ އެވެ.