ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ރަޖިސްޓްރީކުރަން ބޭނުންވާ ގަރާޖު ހުއްދަ މާލޭ ސިޓީ ކައުންސިލްއިން ދޫކުރަން ފަށައިފި އެވެ.
ގާރަޖު ހުއްދަ ކުރިން ދޫކުރަމުން ދިޔައީ ޓްރާންސްޕޯޓް އޮތޯރިޓީން ނެވެ. ނަމަވެސް އެ ހިދުމަތް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން މިިދިޔަ މަހު އޮތީ ނިންމައިފަ އެވެ. އެއާއެކު މިއަދުން ފެށިގެން ވެހިކަލްތައް ބާއްވާ ގަރާޖު ޗެކް ކުރުމާއި ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނީ މާލޭ ސިޓީ ކައުންސިލްއިން އެވެ.
އެ ހިދުމަތަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. އަދި އެ ފޯމް ފުރިހަމަ ކުރުމަށްފަހު މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަން (އިއްޒުއްދީންމަގު، ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތި) ގެ ރިސެޕްޝަން ނުވަތަ ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން (އެޗްޑީސީ ބިލްޑިން 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅޭނެ އެވެ.
ގަރާޖު ހުއްދަ ދިނުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރި އިރު އެއް ގަރާޖަކަށް އެތައް ވެހިކަލެއް ރަޖިސްޓްރީކުރުމާއި ރަޖިސްޓްރޭޝަންގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލުކުރަން ގަރާޖު ސިޓީ އުވާލަންވެސް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ އިސްލާހު ފާސްވާގޮތެއް ނުވި އެވެ. މައްސަލަ އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.
ގަރާޖު ހުއްދަ ދިނުން ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ނިންމި ނިންމުމުގައި މަޝްވަރާކޮށްފައިނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވިއެވެ. މުއިއްޒު އޭރު ވިދާޅުވީ ކުއްލިއަކަށް ސިޓީ ކައުންސިލްގެ ދަށަށް އެ ހިދުމަތް ބަދަލުކުރުމުން ހިދުމަތް ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި އެކަމަަށް ބޭނުންވާ ބަޖެޓާއި އަދި މުވައްޒަފުންގެ ދަތިކަން ކުރިމަތިވާނެ ކަމަށެވެ.