ނައިފަރު

ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާ ވާހަކަ ދޮގުކޮށްފި

ޅ. ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ރަށު ކައުންސިލުން ދޮގުކޮށްފި އެވެ.

ނޫހެއްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ނައިފަރުގައި ހަށިވިއްކުމުގެ ވިޔަފާރީގެ ބޮޑު ނެޓްވޯކެއް ހިނގަމުންދެ އެވެ. މި ވިޔަފާރި ހިންގަމުންދަނީ ދޮށީއުމުރުގެ އަތުން ފައިސާ ހޯދުމަށް ކަމަށްވެ އެވެ.

މި ވިޔަފާރީގައި އިސްކޮށް އުޅެނީ ތިން ފިރިހެނެއް ކަމަށާއި އެ ތިން މީހުންނާ އެކު މި ވިޔަފާރީގައި 15 ވަރަކަށް އަންހެނުން ޝާމިލްވާ ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

މި ތުހުމަތުތައް ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވަނީ ދޮގުކުރައްވާފަ އެވެ. އަވަސް އަށް މައުލޫމާތު ހިއްސާކުރައްވަމުން ރަޝީދު ވިދާޅުވީ އެ ކަހަލަ ކަމެއް ރަށުގައި ނުހިނގާ ކަމަށެވެ.

ރަށުން ބޭރުން އައިސް އުޅޭ ބަޔަކު ވެސް އެފަދަ އަމަލެއް ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ނުވާ ކަމަށާއި އެރަށުގެ މީހަކު ވެސް އެފަދަ ވިޔާ ނުދާ އަމަލެއް ކުރަމުން ނުދާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި ނައިފަރު ފުލުހުންނަށް ވެސް ހަށިވިއްކާ ކަމުގެ މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އާންމުންގެ ފަރާތުން ވެސް ޝައުވާއެއް ކައުންސިލަށް އައިސްފައި ނުވާ ކަމަށެވެ. އަދި އެކަހަލަ ވާހަކައެއް ވެސް ރަށު ތެރޭގައި ނުދެކެވޭ ކަމަށެވެ. ފަސްހާހަށްވުރެ ބޮޑު އަބާދީއެއް އޮންނަ އެ ރަށުގެ ރަށްޔިތުންގެ ބޮލުގައި ހަށިވިއްކާ ކަމުގެ ދޮގު ތުހުމަތެއް އެޅުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަށިވިއްކަމުންދާ މީހުންނަށް ފިޔަވަޅު ނޭޅި ދަނީ ސިޔާސީ ނުފޫޒުންނެވެ. އަދި އެ މީހުން ކުރާ މަސައްކަތަށް ހުރަސްއަޅާ މީހުންނަށް ތަފާތު އިންޒާރުތައް ދެއެވެ. އެގޮތުން ވިޔަފާރީގެ މައުލޫމާތު އެނގުނު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި ކަމަށްވެ އެވެ.