މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސުކޫލުތައް ހުޅުވަން ތައްޔާރުވާއިރު ކިޔަވައިދޭނެ ގޮތެއް އަދިވެސް ނުނިންމާ

Aug 1, 2021
1

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ކިޔަވައިދޭނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ދިރާސީ އާ އަހަރު ކިޔަވައިދޭނެ ގޮތެއް ނުނިމި އޮތީ ހާލަތު އޮތް ގޮތުން ކަމަށެވެ. ނަމަވެސް މިހަފްތާގެ ތެރޭގައި ގޮތެއް ނިންމުމަށްފަހު އާންމުކޮށް އިއުލާންކުރާނެ ކަމުގައި ވިދާޅުވި އެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް ދިރާސީ އާ އަހަރު ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ ޖެނުއަރީގަ އެވެ.

ކޮވިޑުގެ ހާލަތު މުޅި ރާއްޖޭގައި ގޯސްވުމާ ގުޅިގެން މިދިޔަ އަހަރުގެ މެދެއްހާ ހިސާބުން ދިރާސީ ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސް މާލެއާއި ބައެއް ރަށްތަކުގެ ދަރިވަރުން ކިޔަވަމުން ދިޔައީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ރަށްތަކުގެ ދަރިވަރުން ސުކޫލަށް ގޮސްގެން ވެސް ކިޔަވާފައިވެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ޓީޗަރުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސުކޫލްތަކަށް އަންގާފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ހަފްތާއަކަށް ވެގެންދިޔައިރު ކިޔަވައިދޭނެ ގޮތެއް އަދިވެސް މިނިސްޓްރީން ނިންމާފައި ނުވާތީ ބައެއް ބެލެނިވެރިން ގެންދަނީ ސުކޫލުތަކަށް ޝަކުވާ ހުށަހަޅައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަވަސްއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނީ މިއަހަރު އަނެއްކާ ދަރިވަރުން ގޭގައި ތިބެގެން ކިޔަވަން ޖެހިއްޖެނަމަ އެކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތައް އިތުރުވާނެ ކަމަށް ގަބޫލުކުރެވޭތީ ކަންބޮޑުވާ ކަމަށެވެ. އަދި ސުކޫލުތަކަށް ދަރިވަރުން ގެންގޮސް އިތުރު ހަރަކާތްތައް ފެށުމަކީ އެކުދިންގެ އާންމު ސިއްހަތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށްވެސް އަވަސްއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ބުނެފައިވެ އެވެ.