ވާހަކަ

ސިއްތާ

(29 ޖުލައި 2021 އާ ގުޅޭ)

ދެ ޒުވާނުން ތިރިއަށް ފައިބާ އިމާރާތުގެ އަސްކަނި ދަށުގައި މަޑުކޮށްލިއެވެ. ނީރާގެ އަތުގައި ލައިޒަލް ހިފާލީ ދެނެވެ. މާނަވީ ގޮތަކަށް ނީރާއަށް އޭނާ ބަލާލިއެވެ. ގުޅިފައިވި ދެއަތްތިލަ ލައިޒަލް އުފުލާލިއެވެ. ތުންފަތާ ހަމައަށް ގެނެސް ނީރާގެ އަތްތިލައިގަ ބޮސްދީފިއެވެ. ދާންވީ ކަމުގައި ލައިޒަލް ބުނެލީ ދެނެވެ. އަސްކަނި ދަށުން ނުކުމެ ކާރު ޕާކުކޮށްފައި އޮތް ހިސާބަށް ދެ ޒުވާނުން އައީ ދުވެލާފައެވެ. އޭރުވެސް ވެހޭ ވާރޭއަށް ބަދަލެއް ނާދެއެވެ. އިހަށްވުރެ ވައިބާރުވެލައިފިއެވެ. ކުރިއަށްވުރެ ބޮޑަށް ދެ މީހުން ތެމިއްޖެއެވެ. ކާރުގެ ދޮރުފަތް އަވަހަށް ހުޅުވާލަން އުޅުނު ލައިޒަލްގެ ހަރަކާތް މަޑުޖެހުނެވެ. އޭނާގެ ފަހަތުން ގަމީހަށް ނީރާ ދަމާލީއެވެ. އެ މޫނަށް ލައިޒަލްގެ ނަޒަރު ހުއްޓުނެވެ. ނީރާގެ ދެ ލޮލުން އޭނާގެ ގާތުގައި ވާހަކައެއް ބުނަން އުޅޭ ކަހަލައެވެ.

"ތެމެނީނު... އިހަށް ކާރަށް އަރަމާ." ނީރާ ބެލުން ދިގުލާންފެށުމުން ލައިޒަލް ބުނެލިއެވެ.

ކާރުގެ ދޮރުފަތް ލައިޒަލް ހުޅުވާލަ ދިނުމުން ނީރާ އަރައިފިއެވެ. ލައިޒަލްގެ ހަރަކާތްތައް ހަލުވިއެވެ. ދޮރުފަތް ލައްޕާލުމާއެކު ދުވެފައި ކާރުގެ އަނެއް ފަރާތުން ކުރީ ސީޓަށް އަރައިފިއެވެ. ތެމިފައިވި އިސްތަށިގަނޑުގައި ވައަތުން އަތްފުނާ އަޅާލައި ރީތިކޮށްލިއެވެ. ކާރުގެ ތެރޭ ހުރި ޓިޝޫ ފޮށިން ދެތިން ޓިޝޫ ދަމާލުމާއެކު ނީރާއާ ދިމާއަށް އެނބުރިލިއެވެ. ކުޑަވެލައިގެން އިސްޖެހިފައި ނީރާ އިނެވެ.

"ނީ..." ލައިޒަލް މަޑުމަޑުން ގޮވާލިއެވެ.

ނީރާ އިސްއުފުލާ ބަލާލުމުން އެ މޫނުގައިވި ފެނުގެ އަސަރު ލައިޒަގް އަތުގަ އޮތް ޓީޝޫތަކުން ފުހެދޭން ފެށިއެވެ. ނީރާ އިނީ ގެއަށްދާން ތައްޔާރަކަށް ނޫނެވެ. ލައިޒަލްއާ ރޭގެ ވަދާއު ކިޔަން އޭނާއަށް އަވަހީއެވެ. މިހާ ދަންވަންދެން ދެމީހުން އެކަނި ބޭރުގަ އުޅުނުމީ ފުރަތަމަ ފަހަރެވެ. ނީރާ ނޭދުނުނަމަ ރޭގަނޑުގެ އެހާ ލަސް ގަޑިއެއްގައި ލައިޒަލް އޭނާ ގޮވައިގެން ނޫޅޭނެއެވެ. ހިތުގެ އެދުން ފާޅުކުރާކަށް ނީރާއަކަށް ނުކެރުނެވެ. ގެއަށް ގޮސް އީހާނާ ކުރިމަތިލުމަށްވުރެ ލައިޒަލްގެ އަތުގެ ތެރޭ ރޭގެ ހަތަރުދަން ހޭދަވެގެން ދާން ނީރާގެ ހިތް އެދެނީއެވެ.

"ނީރާ..." ލައިޒަލްގެ ގަމީހުގެ މޭމަތިން ނީރާ ހިފައި ގާތަށް ދަމާލުމުން ގޮވާލިއެވެ. ލަފުތަކަކަށްވުރެ ނީރާ ޢަމަލުން އިސްނެގިއެވެ. މޫނު ގާތްކޮށްލުމާއެކު ލައިޒަލްގެ މޫނުގައި ނީރާގެ ކޯތާފަތުން ބީހިލިއެވެ. ނީރާގެ އެ އިސްނެގުން ފުދުނެވެ. އެ ފިނި ރޭގައި ވެސް ލައިޒަލްގެ ތުންފަތުގައިވީ މަޑުމަޑު ހޫނުކަމެކެވެ. ދެމީހުން ބުއި ކޮފީގެ ހިތިކަމުގެ އަސަރު އަނގައިން ނުފިލާ ހުއްޓެވެ. ނީރާގެ ހަށިގަނޑުގެ ބައްޓަން ދަސްކުރަން ލައިޒަލްގެ އަތްތިލަ އުޅޭ ފަދައެވެ. ދެ ނޭވާ ގުޅި އަވަސް ރާގަކަށް ބަދަލުވަމުން އައިއެވެ.

"ބިފޯ ވީ ޓޭކް ދިސް އެނީ ފާދާ... ލެޓްސް ކޯލް އިޓް އަ ނައިޓް." ނީރާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލައިގެން އިނދެ ލައިޒަލް ބުނެލިއެވެ. ދެން ލޯބިވެތިކަމާއެކު ނީރާގެ ނިތްކުރީގައި ބޮސްދީފައި ދުރަށް ޖެހި ސީޓުގައި ލައިޒަލް ހަމަޖެހިލިއެވެ. ޟަމީރުގެ ދާއިރާއިން ބޭރުވެ ނަފްސުގެ އެދުންތަކުގައި ބެހިގެން ދިޔަނުދޭން ލައިޒަލް މައިތިރި ބެހެއްޓީއެވެ. ވިސްނޭވަރަށްވުރެ ސިކުނޑިއަށް ވަނީ މަސްތުކަމުގެ ފުސްކަން ވެރިވެފައެވެ. ބުއްދީގެ މައްޗަށް އަތްގަދަކޮށްލާނޭ ފުރުސަތަކަށް ބަލަބަލާ އޮތް ހިތް ތަންފުކެއް ވެސް ދޫ ނުދިނެވެ. އޭނާގެ މުޅި ވުޖޫގައިވާ ހަމައެކަނިވަނީ ނީރާކަން ބުނެދޭން އެ ހިތް ތެޅެމުންދިޔައެވެ. ދުވަހަކުވެސް ބޭނުންވެފައި ނުވާ ފަދަ ވަރުގަދަ ފުން އެދުންވެރިކަމެއްގެ އަސަރުގައި އެ ހިތް ލައިޒަލް ޖައްސަނީއެވެ. ކާރު އިސްޓާޓު ކުރުމާއެކު ހުންގާނުގައި ދެއަތް ޖައްސާލި އިރުވެސް ލައިޒަލްއަށް ހަގީގަތުގެ ތެރެއަށް ހޭނުލެވޭ ކަހަލައެވެ.

ހުޅުމާލެއަށްކަން ނީރާ ގޮވައިގެން ދާން ޖެހެނީ އެނގި ހުރެ ކާރުގެ މިސްރާބު އަނބުރާލެވޭ ގޮތް ލައިޒަލްއަކަށް ނުވިއެވެ. މާލޭގެ މަގުތަކުން ދުއްވަމުންދިޔައީ ގޮތެއް ނިންމަން ނޭނގިގެން އުޅޭ ހެނެވެ. އޭރު އޭނާއަށް މިދެވެނީ ކޮން ދިމާއަކަށްކަން ރެއަކާ ނުލައެވެ. ހިޔާލުތަކަށް ގެއްލިފައި އިން ލައިޒަލްގެ ލޮލުގައި ކާރުގެ މީޓަރު އަޅައިގަތެވެ. އަވަހަށް އެންމެ ކައިރިން ޕާކުކުރަން ލިބުނު ސަރަހައްދުގައި އޭނާ ކާރު މަޑުކޮށްފިއެވެ. ގިނަދުއްވުންތަކެއް އެރޭ ދުއްވަން ޖެހިދާނޭކަން ނޭނގޭތީ އޭނާ ޕެޓްރޯލު މަދުވެފައި ހުރުމުން ވެސް އަޅަން ނޫޅުނީއެވެ. ކާރު ކޮންމެ ވަގުތަކު ވެސް ހުއްޓިދާނޭ ލައިޒަލްގެ ހިތަށް އެރިއެވެ.

"ސޮރީ." ފޯނު ނަގަމުން ލައިޒަލް ބުނެލިއެވެ.

"ކިހިނެއްވީ؟." ކާރު މަޑުކުރި ސަބަބެއް ނީރާއަކަށް ނޭނގެއެވެ.

ފެޓްރޯލު ނެތްކަމާއި ކޮންމެ ވަގުތެއްގައި ވެސް ކާރު ހުއްޓިދާނޭ ލައިޒަލް ބުނީ ދެނެވެ. ވަގުތުގެ ގޮތުން އެ ގަޑީގަ ހުރިހާ ފެޓްރޯލު ސްޓޭޝަނެއް ހުންނާނީ ބަންދުކޮށްފައިކަން ނީރާއަށް ވެސް އެނގެއެވެ. ދެން ހަނދާނީ ކިހިނެއްތޯ ނާހާ ނީރާ އިނީ ލައިޒަލް ނިންމާ ގޮތެއް ބެލުމަށެވެ.

"ޓެކްސީއެއް ލިބޭތޯ ބަލަން." ފޯނު ހުޅުވައިގެން އިނދެ ލައިޒަލް ބުނެލިއެވެ. ނީރާ ހަމައެކަނި ބޯޖަހާލީއެވެ. ލައިޒަލް ޓެކްސީއެއް ހޯދުމުގައި އުޅުނުއިރު ނީރާ އަތްދަބަހުގެ ތެރެއިން ފޯނު ނެގިއެވެ. އީހާނު ގުޅާވަރުން ނިއްވާލި ފޯނު އޭނާ ހުޅުވިއެވެ. ރަނގަޅަށް ފޯނު މަސައްކަތް ކުރަން ފެށުމާއެކު ފަތިފައްޗަށް މެސެޖުތަކުގެ އަޑު އިވެންފެށިއެވެ. އަވަސްއަވަހަށް ފޯނުގެ އަޑު ނީރާ "ސައިލެންޓް"އަށް ލައިފިއެވެ. އީހާންގެ މެސެޖުތަކުގެ ތެރެއިން ރިދާގެ މެސެޖެއް ވެސް އައިސްފަ އޮތެވެ.

"ނީރާ... ހުރިހާ ނަންބަރެއް ބިޒީ. ވާރޭ ތުނިކޮށްލަންދެން މަޑުކޮށްލަން އޯކޭތަ؟" ލައިޒަލް އަހާލިއެވެ.

"ވާރޭ ހުއްޓާނުލައިފިއްޔާ." ނީރާ ސުވާލުކޮށްލިއެވެ.

ލައިޒަލް އިރުކޮޅަކު އެއްޗެކޭ ނުބުނެ ކުރިމަތިން ފެންނަން އޮތް މަގަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދެން އޭނާ ދޮރު ހުޅުވާލައި ކާރުން ފޭބިއެވެ. ލައިޒަލް ކުރަން އުޅޭކަމެއް ނޭނގިފައި އޭނާގެ ކޮންމެ ހަރަކާތަކަށް ސަމާލުވެ ނީރާ އިނެވެ. ލައިޒަލް އައިސް ނީރާ އިން ފަރާތުން ކާރުގެ ދޮރުފަތް ހުޅުވާލިއެވެ. ނީރާގެ އަތުގެ ކުޑަހުޅާ ހިސާބުގައި ހިފާލުމާއެކު ލައިޒަލްއާއެކު އައުމަށް ބުންޏެވެ. ސުވާލެއް ނުކޮށް ނީރާ ކާރުން ފޭބިއެވެ.

"ދުވެވޭނެތަ؟" ކާރު ތަޅުލުމަށްފަހު ލައިޒަލް އަހާލިއެވެ. ނީރާގެ ތުންފަތް ދެމިލިއެވެ. އަވަސް ގޮތަކަށް ނީރާ ބޯޖަހާލިއެވެ. ލައިޒަލްގެ އަތްތިލައަށް އިނގިލިތައް ހެޔޮވަރުކޮށްލުމާއެކު އަނެއް އަތުން އަތްދަބަސް ގެނެސް މޭގައި ބޮނޑިކޮށްލަމުން "ރެޑީ" އޭ ނީރާ ބުނެލިއެވެ. ބޯ ވާރޭގެ ތެރޭ ދެ ޒުވާނުން ދުއްވައިގަތެވެ. ވާރޭގެ ހަމަލާގައި ތެމި ފޯވަމުންދިޔަ ނީރާ ހޭންފެށިއެވެ. ފިރިހެންކުއްޖެއްގެ އަތުގައި ހިފައިގެން ފިލަން ދުވާ ދެ މީހުން ފަދައިން ފަޔަށްލެވުނުހާ ބާރެއްލާ ދުވަމުން ދިޔައިރު ނީރާއަށް ހީވީ މީ ފިލްމެއް މަންޒަރެއް ހެންނެވެ. ދޭތެރެއަކުން ލައިޒަލް ބަލާލާއިރު އެ ތުންފަތް ދެމިލާފަ ވާތަން ނީރާ ދުށްޓެވެ. ކަންމަތިން އަޅައި ޖެހިގެން އޮތް މަގުގެ ބިއްދޮށަށް އޮތް މަގަށް ލައިޒަލް ނުކުތެވެ. އޭނާ ނީރާ ގޮވައިގެން އައިސް އުސް އިމާރާތެއްގެ ދޮރޯށި ކުރިމަތީ މަޑުކުރިއެވެ. ކޯޑު ޖަހާލުމާއެކު ދޮރޯށި ހުޅުވާލައި ނީރާ ގޮވައިގެން އެތެރެއަށް ލައިޒަލް ވަނެވެ. ބޭރުން ފެންނަ ވަރަށްވުރެ އެތެރެއިން ގޭގެ ޖާގަ ބޮޑުކަމަށް ދައްކައެވެ. ތިރި އެއްކޮށް އޮތީ ހުސްކޮށެވެ. އޮމާން މާބަލް ވިދަމުންދިޔައީ މަތީގައި ދިއްލާފައި ހުރި ކުދި ބޮކިތަކުގެ އަލިންނެވެ. އެތެރޭގައި އެއްފަރާތުގައި ހުރި ސިޑިއާ ޖެހިގެން ލިފްޓު ހުއްޓެވެ. ލިފްޓާ ދިމާއަށް ލައިޒަލް އިޝާރާތްކޮށްލިއެވެ. ނީރާގެ އަތުން ދޫކޮށްލާ އޭނާ މޫނުގައިވި ފެންތައް ފުހެލިއެވެ.

"އެއްކޮށް ތެމިއްޖެ ދޯ." ނީރާއަށް ބަލާލަމުން ލައިޒަލް ބުނެލިއެވެ.

"އިރުކޮޅަކުން ހިކޭނެ. މީ ކޮންތަ..." ލައިޒަލްގެ ކުރިއަށް ހުރެ ލިފްޓާ ދިމާއަށް އައި ނީރާ ކައްސާލީއެވެ.

"ކިހިނެއް ތިހެދީ؟... ތަދުވިތަ؟" ލައިޒަލް އަވަހަށް ނީރާ ނަގަމުން ބުންޏެވެ.

"ކަހާލީ... މި ފައިވަނުގެ ގޮތުން ކަންނޭނގެ." ނީރާ ފަޔަށް ބަލާލާފައި ލައިޒަލްއަށް ބަލާލަމުން ބުންޏެވެ.

ކުރިއަށް ހިނގައިގަތް ނީރާ އަނެއްކާ ވެސް ކައްސާލަން އުޅުނެވެ. މިފަހަރު ހުސިޔާރުވެ ހުރެ ނީރާ ވެއްޓުނަ ނުދީ ލައިޒަލް ހިފެހެއްޓިއެވެ. އަދި މަޑުކުރުމެއްނެތި ލައިޒަލްގެ އަތްދަނޑި މައްޗަށް ނީރާ އުފުލާލިއެވެ. ނީރާއަށް ސިހުން ލިބުނެއްކަމަކު އޭނާގެ ހިތް އުފަލުން ފޮޅިއްޖެއެވެ. ނިކަން ހިނިއައިސްފަ ލައިޒަލްގެ ކަނދުރާގައި ވައަތް އަޅުވާލައި އެ އަތުގައި އަނެއް އަތުން ހިފަހައްޓާލިއެވެ. ހުޅުވުނު ލިފްޓުގެ ތެރެއަށް ލައިޒަލް ވަނެވެ. ތިރީގަ ބަހައްޓަފާނެތީ ނީރާ ވަކިންބޮޑަށް ލައިޒަލްއާ ގާތްވެލިއެވެ. އޭނާ ލައިޒަލްގެ ކަންފަތުގައި ދަތްއެޅިއެވެ. އެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހި ހީބިނަގައިގެން ދިޔައިރު އެކަން ނީރާއަށް އިހްސާސް ވިއެވެ. އޭނާ ބާރަށް ހޭންފެށިއެވެ.

"ނީ..." ލައިޒަލް ގޮވާލަންވާއިރަށް ނީރާ ހޫން ލައްވާލިއެވެ.

"އައި ނޯ ވަޓް ޔޫ އާ ޑުއިން. ސްޓޮޕް އިޓް." ލައިޒަލް ބުނެލީ ނިކަން މަޑުމަޑުންނެވެ.

"އައި ޑޯންޓް ވޯންޓު..." ލުއި ހީނލުމަކާއެކު ނީރާ ބުނެލިއެވެ.

އެޕާޓްމެންޓުގެ ދޮރު ކައިރިއަށް އާދެވުމުން ލައިޒަލްގެ އަތުގެ ތެރެއިން ނީރާ ތިރީގަ ބެހެއްޓިއެވެ. އެޕާޓްމެންޓަށް ވަދެ ނީރާގެ ގާތުގައި އަންނާށޭ ލައިޒަލް ބުނެލިއެވެ. ފަޅުކަން ނޫނީ އެތާކު ނުވެއެވެ. ލައިޒަލް ދިރިއުޅޭ ތަނެއްކަން ބުނަން އެނގެނީ ހުރިހާ ކަމެއް ކުރުމުގައި ހުރި ފަރިތަކަމެވެ. ބޮކިތައް ދިއްލާލުމާއެކު ސިޓިންރޫމު ހުރަސްކޮށް ފެންނަން ހުރި ދެ ކޮޓަރިން އެއްކޮޓަރީގެ ދޮރު ލައިޒަލް ހުޅުވިއެވެ. އޭނާ ކޮޓަރިއަށް ވަދެފައި ނުކުތީ ބޮޑު ތުވާއްޔެއް ހިފައިގެންނެވެ. އެ ހިފައިގެން އައިސް ނީރާގެ ވަށައިގެން އޮޅާލިއެވެ.

"މިރޭ މަޑުކޮށްފާނަންތަ؟" ތުވާއްޔާއެކު ނީރާގެ ގައިގާ ހިފަހައްޓާލަމުން ނިތުގައި ނިތްޖައްސާލައިގެން ހުރެ ލައިޒަލް އަހާލިއެވެ. ދެ ހިތް ވެސް އެގޮތް ބޭނުންވެފައި ތިބިކަން ޔަގީނެވެ. ނީރާ އެއްބަސްވުމަށް ބޯޖަހާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ލައިޒަލް ވަނީ ކޮޓަރިއަށެވެ.

"ހެދުން ބަދަލުކުރަންވީނު." އަލަމާރި ހުޅުވައިގެން ހުރެ ލައިޒަލް ބުންޏެވެ. ޓީޝާޓަކާއި ސޯޓުބުރިއެއް ނަގައިގެން އައިސް ނީރާއަށް ދިއްކޮށްލިއެވެ. އޭނާ ފާހާނާއަށް ވަދެ ހެދުން ބަދަލުކުރިއެވެ. ލައިޒަލްގެ ސޯޓު ބޮޑުކަމުން އޭގެ ވާކޮޅަށް ދަމާލައި އުނަގަނޑުގައި އައްސާލިއެވެ. ފާހާނާއިން ނީރާ ނުކުތުމުން އޭނާގެ ހެދުން ލައިޒަލް ގެންގޮސް މެޝިނަށް ލިއެވެ. ހިއްކަން ޖައްސާފައި އޭނާ އެނބުރި އަންނަންވާއިރަށް ނީރާ ކޮޓަރިން ނުކުމެ ހުއްޓެވެ.

* * * * *

"އީހާން..." ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދޮރުމަތީ އީހާން ހުރިތަން ފެނި ލަމްހާ ގޮވާލިއެވެ.

"ނީރާ ގެއަކުނެތް." އީހާން ބުނެލިއެވެ.

"މަންމައަށް އެނގޭ... ދެންމެތަ އީހާން ތިއައީ؟" ލަމްހާގެ އަޑުގައި ވަނީ ނިދީގެ އަސަރެވެ.

"މަންމާ. ދޭއްޖަހަނީ... ނީރާ ގެއަކުނެތޭ." އީހާން ހީކުރީ ލަމްހާއަށް އޭނާ ބުނި އެއްޗެއް ދޭހަނުވީ ކަމަށެވެ.

"ނީރާވީ ކޮންތާކުކަން މަންމައަށް އެނގޭ. އަޑުގަދަނުކުރޭ. ބޭބެ ވެސް އިތީ ނިދާފަ. ނީރާއަށް ގުޅާ އުނދަގޫ ނުކުރާތި. މާދަން އޭނާ އަންނާނެ. ދޭ އީހާނު ވެސް ނިދަން" ލަމްހާ އާފުރިލިއެވެ. ނިދަން ބޭނުންވެފައި ހުރިވަރުން އޭނާ އެނބުރި ކޮޓަރިއަށް ވަނީއެވެ. ލެއްޕުނު ދޮރު ކުރިމަތީ ވަގުތުކޮޅަކަށް އީހާނަށް ހުރެވުނެވެ.

ނަފްސު ހަމައިން ނައްޓާވަރުގެ ގަދަ ރުޅިއެއް އީހާނަށް ވެރިވެއްޖެއެވެ. ލޯ ކުރިމަތިން ފެންނަން ހުރިއްޔާ ހުރި އެއްޗެއް އުކާލައި ސުންނާފަތިކޮށްލަން އޭނާ ބޭނުންވިއެވެ. ދަތްކުނޑިވިކާލައިގެން ހުރެ އޭނާ ބޮލުގައި އަތް ހިންގާލިއެވެ. ދަތްތައް ޖައްސައިގެން ހުރެ ނީރާގެ ނަން ކިޔާލިއެވެ. ދެން ހަރުކޮށް ހިނގާފައި ގޮސް އެޕާޓްމެންޓް އިން ނުކުމެއްޖެއެވެ. އޭނާ ވަގުތުން ޝީންއަށް ގުޅިއެވެ.

"ކިހިނެއްވީ؟ ރުޅި މަޑުވީތަ؟" ފޯނުން އިވުނީ ޝީންގެ ނުރުހުމުގެ އަޑެވެ.

"އައި ނީޑް ޔޫ ޓުނައިޓް." އީހާން ބުނެލިއެވެ. ޝީން އަނގައިން ނުބުންޏެވެ. އިރުކޮޅެއް ފަހުން ޝީން ގާތުން އީހާން އެދުނީ އެޕާޓްމެންޓުން ބޭރަށް ނުކުންނާށެވެ. އޭނާ ބޭރުގައި އެބަހުރީން ކަމެވެ. ނުރުހިފައި ހުރެ ވެސް ޝީން ނުކުތެވެ. ދޮރުމަތީ ހުރި ޝީންއަށް ބަލާލާފައި އީހާން އިސްޖަހާލިއެވެ. ދޮރު ލައްޕާލާފައި ޝީން މަޑުމަޑުން އައިސް އީހާންގެ ކައިރީ ހުއްޓުނެވެ. އެހިނދު އީހާން ކުރިއަށް ޖެހިލާ ޝީންގެ ކޮނޑުގައި ނިތް ބާއްވާލީއެވެ.

"ބޮލުގަ ރިއްސަނީ... މިރޭ ނުވެސް ނިދޭނެ." އީހާން ބުނެލިއެވެ. ޝީންއަށް އެވާހަތައް ގުޅުވާލެވުނީ އެ ދެމެދުގައި ހިނގާދިޔަ ހިތްހަމަނުޖެހުމާއެވެ.

"މިހެންމިވީ އީހާން އުޅުނު ގޮތުން. ސޮރީ... ރުޅި އާދެވުނީމަ. ބޭސް ކާންވީނު." ކޮނޑުގައި އޮތް އީހާންގެ ބޮލުގައި ޝީން ފިރުމާލިއެވެ. ހިތުގައި ހަމްދަރުދީ އުފެދުނީއެވެ.

"އައި ނީޑް ޔޫ. ކަމް ވިތް މީ. މާދަމާ ނެތެއްނު އެއްވެސް ޕްލޭނެއް... ކާންޓް ޔޫ ސްޓޭ ވިތް މީ." އީހާން ހުރި ގޮތަށް ހުރެ ހިފާލީ ޝީންގެ އަތުގައެވެ.

"ކޮންތާކަށް ދާން." ޝީންއަށް އަހާލެވުނެވެ.

"މައި ރޫމް." އީހާނު ބުނެލިއެވެ. ޝީން ހާސްވިއެވެ. އެއާއެކު އޭނާގެ ކޮނޑުން ބޯހިއްލާލައި ޝީންގެ ދެ އަތުގައި އީހާން ހިފާލިއެވެ. އާދޭސްކޮށްލިއެވެ. އެކަކަށްވެސް ނޭނގޭނެ ކަމެވެ. ޝީން ޖެހިލުންވިއެވެ. އޭނާ ހޯދަން ދައްތަ އުޅެފިއްޔާ ކޮޓަރީގަ ނެތްކަން އެނގޭނެއެވެ. އޭރުން އެތައް ސުވާލެއް ކުރިމަތިވާނެއެވެ. އަނެއްކޮޅުން އީހާން ހީވަނީ އެހެން މީހެއް ހެންނެވެ. އޭނާ އާދޭސްކުރާއިރު ހީވަނީ ކޮންމެވެސް ކަމެއް ތަހައްމަލު ނުކުރެވިގެން އުޅޭ ހެނެވެ. އެ ދެ ލޮލުން ފާޅުވޭވޭ ހުރި އަސަރުތައް މާނަކުރާކަށް ޝީނަށް ނޭނގުނެވެ. ރުޅިވެރިކަން ކަމެއް، ނޫނީ ހިތްދަތިކަމާއި ވޭންކަމެއް ބުނާކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

ފަނޑިއަލިކަމުގައި އީހާންގެ ފަހަތުން އައިސް އޭނާގެ ކޮޓަރިއަށް ޝީން ވަނެވެ. މީހަކަށް ފެނިދާނެކަމަށް ޝީން ގަނެފައި ހުރި ބިރު ފިލަން ހިނދުކޮޅެއް ވެސް ނުނެގިއެވެ. އޭނާއަށް އީހާންގެ ބީހުން ނޫން އެއްވެސް ކަމެއް އިހްސާސެއް ނުވެއެވެ. ކަމަކާމެދު ވިސްނާ ހިޔާލު ކުރާނޭ ފުރުސަތެއް ޝީންއަށް އީހާން ނުދިނެވެ.

* * * * *

މަޑުމަޑުން ދުރުކޮށްލެވުނު އެސްފިޔަތަކުގެ ދޭތެރެއިން ފުރަތަމަ ވެސް ލައިޒަލްއަށް ފެނުނީ އަތުތެރޭގައި އޮތް ނީރާއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ރޭގަ އޭނާ ނީރާއާއެކު ހޭދަކުރި ކޮންމެ ހިނދުކޮޅަކީ ހުވަފެނެއްނޫންކަން ޔަގީން ކުރެވުނެވެ. އެ ހިނިތުންވުން އިތުރަށް ފުންވެލީ އެހެންވެއެވެ. އަތް ދަމާލައި ލައިޒަލް ފޯނު ނެގިއެވެ. ކެމެރާ ހުޅުވާލިއެވެ. ނީރާގެ ނިތުގައި ތުންފަތް ޖައްސާލަމުން އެ ލޯބި ވަގުތުކޮޅު މަންޒަރެއްގެ ސިފައިގަ ފޯނުގައި ރައްކާކޮށްލިއެވެ. ރޭގައި ހިނގި އެއްވެސް ކަމެއް ލައިޒަލްގެ ހަޔާތުން ދުވަހަކުވެސް ފުހެވިގެންނުދާނެއެވެ.

"ލައިޒަލް..." ނިދިބަރުކަމާއެކު ހޭލަން ބޭނުންނުވެފައި އޮވެ ނީރާ ގޮވާލިއެވެ.

"މޯނިންގް ލަވް." ނީރާގެ ނޭފަތުކޮޅުގައި ބޮސްދީފައި ލޯބިން ލައިޒަލް ބުނެލިއެވެ. (ނުނިމޭ)