ބިޑް ޑޮކިއުމެންޓްގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އަދި ދައުލަތުގެ މާލިއްޔަތު ގާވާއިދާ ހިލާފަށް ނޭޝަނަލް ޓެންޑާ ބޯޑުން ތިން ޕްރޮޖެކްޓެއް ބަޔަކަށް އެވޯޑްކުރި ކަމަށް ބުނެ އެސްޖޭ ކޮންސްޓްރަކްޝަނުން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަންގެ ގާނޫނީ ޓީމުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް އަދި ދައުލަތަށް 21.6 މިލިއަން ރުފިޔާގެ ގެއްލުންވާ ގޮތަށް ތިން ޕްރޮޖެކްޓެއް އެވޯޑްކޮށްފައިވާ ކަމަށެވެ. އެއީ ހދ. ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތުގެ މަޝްރޫއާއި، ތ. ވިލުފުށީގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫއު އަދި ހދ. ނޮޅިވަރަންފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓްގެ މަޝްރޫ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން ބުނީ މި ޕްރޮޖެކްޓްތަކަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ އެ ކުންފުނިން ކަމަށެވެ. އެގޮތުން ހަނިމާދޫ މަޝްރޫއަށް އެ ކުންފުނިން ހުށަހަޅާފައި ވަނީ ބިޑް އެވޯޑުކުރި ފަރާތަށް ވުރެ 3.8 މިލިއަން ރުފިޔާގެ ކުޑަ އަގެކެވެ. ނޮޅިވަރަންފަރު މަޝްރޫއަށް އެ ކުންފުނިން ހުށަހެޅީ ބިޑް އެވޯޑުކުރި ކުންފުންޏަށް ވުރެ 9.3 މިލިއަން ރުފިޔާގެ ކުޑަ އަގެއް ކަމަށާއި އަދި ވިލުފުށި މަޝްރޫއަށް އެސްޖޭއިން ހުށަހެޅީ 8.5 މިލިއަން ރުފިޔާގެ ކުޑަ އަގެއް ކަމަށެވެ.
ނަމަވެސް އެ ބިޑްތައް އެ ކުންފުންޏަށް އެވޯޑު ނުކުރީ ބިޑްތަކުގެ ބީލަން ކަރުދާހުގައި ބުނާ އެމްޕްލޯޔާސް ރިކުއާމަންޓް އަދި ފައިނޭންޝަލް ރިކުއަމެންޓް ހަމަނުވާތީ ކަމަށް ޓެންޑާ ބޯޑުން އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އެ ނިންމުން ގަބޫލު ނުކުރެވޭތީ މާލިއްޔަތު ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް އޮފިސަރަށް ހުށަހެޅި ކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެސްޖޭ އިން ބުނި ގޮތުގައި ތިން ފްރޮޖެކްޓްގެ ތެރެއިން ޕްރޮކިއުމަންޓް އޮފިސަރު ޖަވާބުދާރީ ވެފައި ވަނީ ވިލުފުށި ހައުސިން މަޝްރޫއަށް އެކަންޏެވެ. އަދި ޖަވާބުގެ ގޮތުގައި ދީފައިވަނީ ޓެންޑާ ބޯޑުން ވެސް ދިން ޖަވާބެވެ.
މާލިއްޔަތު ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓް އޮފިސަރު 14 ދުވަސް ތެރޭގައި މައްސަލަ ނިންމައި މައްސަލަ ހުށަހެޅި ފަރާތަށް އަންގަންޖެހެ އެވެ. ނަމަވެސް ވިލުފުށި މައްސަލަ ފިޔަވައި އެހެން މައްސަލަތަކުގައި ޖަވާބުދާރީ ވެފައި ނުވާ ކަމަށް އެސްޖޭ އިން ބުނެ އެވެ.
ޕްރޮކިއުމަންޓް އޮފިސަރުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު މުސްތަގިއްލު ރިވިއު ކޮމިޓީއަށް ތިން ޕްރޮޖެކްޓާ ގުޅޭ މައްސަލަ އެސްޖޭގެ ފަރާތުން ހުށަހަޅާފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ވިލުފުށީ މަޝްރޫއަކީ އެސްޖޭ އަށް އެވޯޑް ކުރަން ޖެހޭ މަޝްރޫއެއް ކަމަށާއި އެކުންފުނިން ހުށަހެޅި ބިޑް ޑޮކިއުމެންޓަކީ ޝަރުތު ހަމަވާ ޑޮކިއުމެންޓެއް ކަމަށް ރިވިއު ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. ނޮޅިވަރަންފަރު މަޝްރޫއާއި ހަނިމާދޫ މަޝްރޫއާއި ގުޅިގެން ބީލަން އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ޓެންޑާ ބޯޑަށް އެންގުމަށް އެ ކޮމިޓީން ނިންމާފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެސްޖޭ ކުންފުނީގެ ބިޑްތަކަކީ ޝަރުތު ފުރިހަމަވާ ބީލަންތަކެއް ކަމަށް ރިވިއު ކޮމިޓީން ކަނޑައެޅި ނަމަވެސް ޓެންޑާ ބޯޑުން އެ ކޮމިޓީގެ ނިންމުންތަކަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެސްޖޭ އިން ބުނީ މަޝްރޫއުތަކަށް ހުށަހެޅި ބިޑްތަކަށް ބަލާއިރު ޓެންޑަ ބޯޑުން މައްސަލަ ޖައްސާފައި ވަނީ ހަމައެކަނި އޭޕްރީލް 4، 2011 ގައި ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ އަދި ވެލިޑިޓީގެ މުއްދަތުވެސް ހަމަނުވާ ކްރެޑިޓް ރެފަރެންސް ސިޓީގައިވާ ފެސިލިޓީ އާއި މެދުގައި އެކަނި ކަމަށެވެ. އެ ފެސިލިޓީ އަކީ "އެސްޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި އޮތް ފެސިލިޓީއެއް ކަމަށް އެ ބޯޑުން ބުނި ނަމަވެސް އެސްޖޭއިން ހުށަހަޅާފައިވާ ރެޖިސްޓްރޭޝަން ލިޔުމުގައި އެ ނަން "އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" އަށް ބަދަލުކޮށްފައިވާކަން ސާފުކޮށް ފެންނަން އޮންނާނެ އެވެ.
ބެންކް އޮފް ސިލޯނުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ އަކީ އެސްޖޭއަށް ދޫކޮށްފައިވާ އެއްޗެއްކަން ކަށަވަރުވާ ކަމަށާއި އެއީ މިހާރުވެސް އެކްޓިވް ފެސިލިޓީއެއް ކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮނިގަނޑުގައި ހިމެނޭ ދެފަރާތަކުން ދެ ގޮތަކަށް އެއްކަމަކާ ގުޅިގެން މައްސަލަ ނިންމާފައިވާއިރު މިކަމުގައި ކަން ހިނގާފައިވާ ގޮތް މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް އެސްޖޭ ކުންފުނިން ބުނެ އެވެ.
އެސްޖޭ ކުންފުންޏަކީ މިސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތައް ލިބިފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.