ހުޅުމާލޭގައި ހެދުމަށް ހަމަޖެހިފައިވާ ޕާކިން ބިލްޑިންގުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލެސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހުޅުމާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ހުޅުމާލެ ރައްޔިތުންގެ ވެހިކަލްތައް ޕާކުކުރުމަށްޓަކައި ހަދަން ހަމަޖެހިފައިވާ ޕާކިން ބިލްޑިންގުގެ މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިއަދު ފަށާފައިވާ ކަމަށެވެ.
ޕާކިން ބިލްޑިން ހަދަނީ މަދުވެގެން 500 ވެހިކަލަށް ޕާކުކުރެވޭނެ ޖާގައާ އެކުގައެވެ. ހުޅުމާލޭ އިން އެކަމަށް ހާއްސަކޮށް ބިމެއް ހޯދާފައިވަނީ ނިމިގެންދިޔަ ކައުންސިލުގެ ދުވަސްވަރު އެވެ.
ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ޕާކިން ބިލްޑިންއާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތައް ކޮންމެ ފުލެޓަކަށް ކާރެއް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ތައްޔާރުވަނީ މިމަހުގެ ތެރޭގައި ޕާކިން ބިލްޑިންގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށެވެ. އެގޮތުން ޕާކިން ބިލްޑިން ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހަދާފައިވާ ބަސް ޓާމިނަލާއި އިންވެގެން އޮންނަ ޕާކިން އޭރިއާގައި ހަދާ ބިލްޑިންގައި ޕާކް ކުރެވޭނީ ހަމައެކަނި ހަތަރުފުރޮޅުލީ ވަކި ސައިޒު ތަކެއްގެ އުޅަނދުތަކަކަށެވެ.
ފަސްހާސް އަކަފޫޓުގެ ބިމެއްގައި ހަދާ މިއިމާރާތުގައި ޕާކް ކުރާ އުޅަނދުތަކުން ފީ އެއް ނަގާނެ އެވެ.
ނިމިދިޔަ ސަރުކާރުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕާކިން ސިސްޓަމްތަކެއް ގާއިމުކުރި އެވެ. ނަމަވެސް އެ ސިސްޓަމްތައް ބޭނުން ނުކުރެވި މިހާރު ވަނީ ދަނބަރު ޖަހާފަ އެވެ.