ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

"ވެކްސިނަށް ވުރެ ބޮޑު ގައުމީ ކަމެއް ނެތް: އެމްޓީޑީ

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށް ފަރުދީ ޒިންމާ އަދާކުރުމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އިން ދިވެހި ޒުވާނުންނަށް ގޮވާލައިފި އެވެ. އެ ޕާޓީން ބުނީ ވެކްސިނަށް ވުރެ ބޮޑު ގައުމީ ކަމެއް މިވަގުތު ނެތް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 90 އިންސައްތައަށް ވެކްސިން ދިނުމަށް އަމާޒުކޮށް ސަރުކާރުން ފަށާފައިވާ ކެންޕެއިނަށް ތާއީދުކޮށް އެ ޕާޓީން ނެރެފައިވާ ބަޔާންގައި ބުނެފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރަމުންދާ އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށްވާއިރު ގިނަ ގައުމުތަކުގެ މިއަދުގެވެސް ހާލަތަކީ އެގައުމުގެ ރައްޔިތުންނަށް ދޭނެ ވެކްސިންވެސް ނުލިބި އެތައް ބަޔަކު ކޮވިޑް-19 ގެ ބަލީގެ ޝިކާރައަކަށްވެ މަރުވަމުން ދިއުން ކަމަށެވެ. ނަމަވެސް ދިވެހި ރާއްޖެއިން މިކަމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށާ ރައީސް ސޯލިހްގެ ލީޑާޝިޕްގެ ދަށުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދިފައިވާ ކަމަށެވެ.

"..މިކަން މި ޕާޓީ އިން އުފަލާއި ޝުކުރުވެރިކަމާއި އެކީ ފާހަގަ ކުރަމެވެ. އަދި ރައީސް ސޯލިހު އިންސާނިއްޔަތުކަން އިސްކުރައްވާ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އިސްތިސްނާނުކޮށް ވެކްސިން އެމީހުނަށްވެސް ހިލޭ ޖަހައިދީ މިހާރު ރާއްޖޭގެ 61 ޕަސެންޓް އާބާދީ ދެޑޯޒް ޖަހާ ވެކްސިނޭޝަން ފުރިހަމަކޮށްފިއެވެ. އަދި 70 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހައިފިއެވެ. މިއީ ދުނިޔާގެ ފެންވަރުން ބެލިނަމަވެސް ވަރަށް ބޮޑުކުރިއެރުމެކެވެ،"

އެމްޓީޑީން ބުނީ އެ ޕާޓީ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 ވެކްސިން ނުޖަހާ މީހުންގެ ތެރޭގައި 18 އަހަރާއި 26 އަހަރުގެ ދެމެދު ޒުވާނުން ގިނަކަމެވެ. އަދި އެ ޕާޓީގެ އެދުމަކީ ރައީސް ސޯލިހު ގޮވާލާފައިވާ ގޮވާލުމާއި އެއްގޮތަށް ފަރުދީ އަދި އާއިލީ ޒިންމާއެއް ކަމަށް ދެކިގެން ވެކްސިން ފުރިހަމަކުރުމަށް ހުރިހާ ޒުވާނުން ވެކްސިން ޖަހަން ދިއުން ކަަމަށެވެ.

".. މިކަމަށް ވުރެ ބޮޑު ގައުމީކަމެއް މިއަދަކު ނެތެވެ. އެހެނީ ކޮވިޑުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ ގައުމައް ދަނީ އެތައް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މިއަދު އެންމެ މުހިއްމީ މިކަން ގައުމީ ކަމެއްގޮތުގައި ދެކި މިވަގުތައް ސިޔާސީ ހިޔާލު ތަފާތުތައް އެއްކިބާކޮށް މުޅި ދިވެހިރާއްޖޭގައި ދިރިއުޅޭ އާބާދީ ވެކްސިންގެ ދެ ޑޯޒް ޖަހާ ނިންމުމެވެ،" ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވާ އެމްޓީޑީގެ ބަޔާނުގައިވެއެވެ.