ޓޫރިސްޓް އެރައިވަލް

މިއަދަކީ ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައި ދުވަހެއް

ބޯޑަރު ހުޅުވިފަހުން މި އަދަކީ އެއް ދުވަހެއްގެ މައްޗަށް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައި ދުވަހެކެވެ- މިއަދުގެ މިހާތަނަށް 5،516 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވި ގޮތުގައި މިއަދަކީ މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ.

މިއަދު އައި ޓޫރިސްޓުންގެ އަދަދު މި އަހަރުގެ މާޗް 26 ވަނަ ދުވަަހަށް ވުރެ އިތުރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ދުވަހަކީ ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ.

މިނިސްޓަރު މައުސޫމް ވަނީ މި ރެކޯޑާ ހަމައަށް ގޮސްފައިވަނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަަދަދު ވަނީ 600،000 އަށް ވުރެ އިތުރުވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެ އަންނަ ޑެއިލީ ޓޫރިސްޓު އެރަވައިވަލް އުޅެނީ 3،000 އިން މަތީގަ އެވެ.

ޓޫރިސްޓުން މިހާރު އެވްރެޖު ގޮތެއްގައި ރާއްޖޭގައި މަޑު ކުރަނީ ނުވަ ދުވަހު އެވެ. އަދި މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާ އެވެ.

ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު ބޯޑަރު ބަންދުކޮށް ޖުލައި 15ގައި ހުޅުވި ފަހުން މިދިޔަ އަހަރު އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. ނަމަވެސް އޭގެކުރީ އަހަރު 1.7 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ ޓާގެޓަކީ އެއް މިލިއަން ނުވަތަ 1.5 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ދުވާލަކު 2500 ޓޫރިސްޓުން ރާއްޖެ އަންނަނަމަ އެ އަމާޒަށް ވާސިލް ވާނެ އެވެ.