ދުނިޔެ

ދެކުނު ކޮރެއާގައި ހުންނަވާ ޖަޕާންގެ ޑެޕިޔުޓީ ސަފީރު ގައުމަށް ގެންދަނީ

ދެކުނު ކޮރެއާގައި ހުންނަވާ ޖަޕާނުގެ ޑެޕިޔުޓީ ސަފީރު ހިރޮހިސާ ސޮމާ ގައުމަށް ގެންދަން ނިންމައިފި އެވެ.

ޖަޕާނުން މިގޮތް އިޚުތިޔާރުކުރި ސަބަބަކީ، ޑެޕިޔުޓީ ސަފީރު ދެކުނު ކޮރެއާގައި ދެން ބަހައްޓައިފި ނަމަ ދެގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ބިރުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިރޮހިސާ ސަމާ ވަނީ ގައުމެއްގެ މުހިންމު މަގާމެއްގައި ހުންނަވައި ވިދާޅުވާން ރަނގަޅު ނޫން އަދި ހުތުރު ބަސްތަކެއް، ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ-އިން އަށް ނިސްބަތްކުރައްވާފަ އެވެ.

ދެކުނު ކޮރެއާގެ ފޮރިން މިނިސްޓްރީން ވަނީ ޑެޕިޔުޓީ ސަފީރު ދެއްކެވި ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ޑެޕިޔުޓީ ސަފީރުގެ ސަބަބުން ދެގައުމުގެ ގުޅުން ގޯސްވެދާނެ ކަމަށާއި ޖަޕާންގެ ދެކުނު ކޮރެއާ ސަފީރު، ކޮއިޗީ އައިބޮޝީއަށް ޝަކުވާ ދަންނަވާފައި ވާނެ ކަމަށެވެ.

މޫން ޖޭ-އިން ކުރިން ނިންމަވާފައި އޮތީ ޓޯކިޔޯ އޮލިމްޕިކްސް 2020 އަށް ޖަޕާނަށް ވަޑައިގެން ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާއާ ބައްދަލުކުރެއްވުމަށެވެ. އަދި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ. އެހެން ނަމަވެސް ޑެޕިޔުޓީ ސަފީރު ދެއްކެވި ވާހަކަތަކުގެ ސަބަބުން ދަތުރު ވަނީ ކެންސަލް ކުރައްވާފަ އެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ ގުޅުން އަބަދު ވެސް އޮންނަނީ ހުންފަދަވެފަ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ދެގައުމުގެ ދެމެދުގައި ހިނގާދިޔަ ހާދިސާތަަކުގައި ދެކުނު ކޮރެއާ އަށް ބަދަލުދިނުމުގައި ޖަޕާނުން ފަހަތު ފަޔަށް ބުރަވެފައި އޮތުން ވަނީ ބޮޑު މައްސަލަ އަކަށް ވެފަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާން ސިފައިން ދެކުނު ކޮރެއާގެ 12 އަންހެނަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި ކޮންމެ އަންހެނަކަށް 91،800 ޑޮލަރު ދިނުމަށް ދެކުނު ކޮރެއާ ކޯޓަކުން އޮތީ ޖަޕާނަށް އަމުރުކޮށްފަ އެވެ.