އަބްދުއްރަހީމް އަބްދުﷲ

ރައީސް ޔާމީން ބިރަަށް ފަސްޖެހިވަޑަައިނުގަންނަވާނެ

މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން އިތުރުވަމުންދާ ކަމަށާ ނަމަވެސް އެމަނިކުފާނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އެންގުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު އަވަސްއަށް ވިދާޅުވީ އަންގާރަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ރައީސް ޔާމީން އަންގާފައިވާ ކަމަށެވެ. މި އެންގުން އައީ މިއަދު ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާ ބިރު ދެއްކުން ދަނީ އިތުރުވަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަަށެވެ.

"ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު،"

ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރުކުރާއިރު މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އިތުރު ދެ ދައުވާއެއްގެ ޝަރީއަތް މިއަދު ވަނީ ފަށާފައެވެ.