ބޮލީވުޑް

ދަރިފުޅު އަނަންޔާއާ ދިމާކުރާތީ ދެރަވޭ: ޗަންކީ

ބޮލީވުޑްގައި ޗަންކީ ޕާންޑޭ އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މި މުއްދަތުގައި އޭނާގެ ހިތަށް ނުކުރާ އަސަރު މިހާރު އޭނާއަށް އެބަ ކުރެ އެވެ. އޭނާގެ ދަރިފުޅު އަދި އަލަށް ވިދަން ފެށި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އަށް ސޯޝަލް މީޑިއާގައި ޓްރޯލްކުރާ މީހުންގެ ވާހަކަ ތަކުންނެވެ. ސޯޝަލްމީޑިއާގައި ބައެއް މީހުން ދަރިފުޅާ މުޚާތަބުކޮށް ކުރާ މަލާމާތްތަކާއި ކިޔާ އެއްޗެތި އަޑުއިވުމުން އަދި ފެނުމުން ހީވެސް ނުކުރާ ވަރުގެ އަސަރުތަކެއް ހިތަށް ކުރާ ކަމަށް ޗަންކީ ބުންޏެވެ.

ބައެއް މީހުން މަލާމަތް ކުރިޔަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަނަންޔާ އަކީ ސޯޝަލް މީޑީއާ ސެންސޭޝަނެއް ކަމެވެ.

އިންޑިޔާ ނޫހަކާ ވާހަކަ ދައްކަމުން ޗަންކީ ބުނީ މިޒަމާނުގައި ފިލްމު ކުޅޭ ޒުވާނުންނަށް ކުރިމަތިވާ މިފަދަ ކަންތައްތަކާ ހެދި އޭނާ އަށް ވަރަށް އަސަރު ކުރެ އެވެ. ސޯޝަލްމީޑިއާގައި ފައިދާތަކެއް ހުރި ނަމަވެސް މީހުންނަށް ނަފްސާނީ ގޮތުން ގެއްލުންވާ ވަރުގެ ނޭދެވޭ ކަންތައް ތަކެއްވެސް ސޯޝަލްމީޑިއާގައި ހުރިކަމަށް ޗަންކީ ބުންޏެވެ.

"އަހަރެމެން ބަތަލުގެ ރޯލުތައް ކުޅުނު ޒަމާނުގައި މޯބައިލް ފޯނެއް ކެމެރާއެއް ނުހުރޭ. ފޮޓޮއެއް ނަގަން ވެއްޖެނަމަ ފޮޓޯގްރާފަރެއް ހޯދައިގެން އެކަން ކުރަން ޖެހެނީ. މިހާރު އެހެނެއް ނޫން. އެމީހަކު ބޭނުން ގޮތަކަށް ފޮޓޯ ނަގަނަގާފައި ހަމަ ޝެއާ ކުރަންވީ. އަހަރެމެންނަށް އޭރު ކިތަންމެ ނުބައިކަމެއް ކޮށްފައި ވެސް މީހަކަށް ނޭނގި ސަލާމަތް ވެވިދާނެ. ނަމަވެސް މިޒަމާނުގައި ކިރޔާ ވެސް މަޝްހޫރު ވެލާއިރަށް އެމީހުންގެ ފަތްފުށް އޮންނަނީ ބޭޒާރުވެފައި. އަދި އެމީހާ ކުރާ ކޮންމެ ކަމަކަށާއި ބުނާ ކޮންމެ ބަހަކަށް މަލާމާތާއި ފުރައްސާރަކުރުން ވަރަށް ފަސޭހައިން އަމާޒުވޭ. ދަރިފުޅަށް ވެސް މި ކަހަލަ ކަންތައްތަކާ ކުރިމަތިވަނީ އެހެންވެ ކަން ގަބޫލުކުރަން ޖެހޭ،" ޗަންކީ ބުންޏެވެ.

ޗަންކީ އިތުރަށް ބުނި ގޮތުގައި ބައެއް މީހުންގެ ކޮމެންޓުތައް ކިޔާފައި ދަރިފުޅު ދެރަވެގެން ހާސްވެގެން އުޅޭ ކަމަށެވެ. އެފަދަ ވަގުތުތަކުގައި ދަރިފުޅު ހިތްހަމަޖައްސައިދޭން އޭނާ ތަފާތު ވާހަކަތައް ދައްކާ ކަމަށްވެސް ޗަންކީ ބުންޏެވެ.