ބޮލީވުޑް

އަނަންޔާއަށް އެކްޓްކުރަން ނޭނގޭ ކަމަށް ބުނެ މަލާމާތްކޮށްފި

ސައުތު އިންޑިއާގެ މަޝްހޫރު އެކްޓަރު ވިޖޭ ދޭވަކޮންޑާ އާއި އަނަންޔާ ޕާންޑޭ ކުޅުނު "ލިގާ" ބޮކްސް އޮފީހުގައި ބޮމެއް ހެން ގޮވާފައިވާއިރު އެ ފިލްމުގައި އަނަންޔާ އެކްޓްކޮށްފައިވާ ގޮތް ކަމުނުގޮސްގެން ގިނަ ބަޔަކު ދަނީ އޭނާއަށް މަލާމާތް ކުރަމުންނެވެ.

ކަރަން ޖޯހަރާއި ޕޫރީ ޖަގަންނާތު އުފެއްދި މި ފިލްމަށް ކްރިޓީކްސް އާއި ބެލުންތެރިން ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު އަނަންޔާގެ އެކްޓިން ފެންވަރު ވަރަށް ދަށްކަން އެންމެން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މި ފިލްމުގައި ވިޖޭ ކުޅެފައިވަނީ ބޮކްސިން ތަޅާ މީހެއްގެ ރޯލެވެ. އޭނާގެ ރޯލު ވަރަށް ފުރިހަމައަށް ކުޅެފައިވާ ކަމަށް ފިލްމު ބެލި އެންމެންވެސް އެއްބަސްވެ އެވެ. ނަމަވެސް ސްކްރިޕްޓް ފީކަޅާކަމާއި އަނަންޔާ އަށް އެކްޓްކުރަން ނޭނގުމަކީ ފިލްމު ފްލޮޕްވާން ދިމާވި ސަބަބުތައް ކަމަށް ފާޑުކިޔުންތެރިން ބުނެފައިވެ އެވެ.

އަނަންޔާ އަށް ފާޑުކިޔާ މީހުން ބުނަނީ އޭނާ ކިތަންމެ ރީއްޗަސް ބަތަލާއެއްގެ ގޮތުގައި ފިލްމުތަކުގައި ބައިވެރިކުރާވަރުގެ ހުނަރެއް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. އަދި ފިލްމުތަކުގެ ލީޑް ރޯލު އޭނާއަށް ދިނުން ހުއްޓާލަންވެސް ބައެއް މީހުން އެދިފައިވެ އެވެ.

"ވާޙް. ކޮން ކަހަލަ މޮޅު އެކްޓިން އެއް. ކޮންމެވެސް މީހަކު މީނަޔަށް (އަނަންޔާ އަށް) އޮސްކާ އެވޯޑެއް ދީބަލަ،" އަނަންޔާ އަށް މަލާމާތްކޮށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

ކޮމެންޓުކުރި ދެ ވަނަ މީހަކު ބުނެފައިވާ ގޮތުގައި "ލިގާ"އަކީ ހަގީގަތުގައި ވެސް ވަރަށް ހުތުރު ފިލްމެކެވެ. ފިލްމުގެ ހުތުރުކަމަށް ވުރެ އަނަންޔާގެ އެކްޓިން ފީކަޅާކަމުން ބޮލަށް އުނދަގޫވީ ކަމަށް އެމީހާ ބުނެފައިވެ އެވެ.

"މަގޭ ދަތްއުނގުޅާ ބުރުހަށް ވެސް އަނަންޔާ އަށް ވުރެ މޮޅަށް އެކްޓްކުރަން އެނގޭނެ،" ކޮމެންޓުކުރި ތިންވަނަ މީހަކު ބުނެފައިވެ އެވެ.