ބޮލީވުޑް

ފިރިމީހާގެ ސަބަބުން ޝިލްޕާއަށް ދެ ކްރޯޑު ރުޕީސްގެ ގެއްލުން

ވިޔާނުދާ ފިލްމުތައް އުފައްދާ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރުކުރުމާ ގުޅިގެން ޝިލްޕާއަށް ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

މި މައްސަލައިގައި ޝިލްޕާގެ އެއްވެސް ޝާމިލު ވުމެއް އޮތް ކަމެއް އަދި ނެތް ކަމެއް ވެސް ޔަގީނެއް ނޫނެވެ. ޔަގީންވާ އެއްޗަކީ މިހާރުވެސް މީގެ ނޭދެވޭ އަސަރުތައް ޝިލްޕާގެ ކެރިއަރަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމެވެ. އަދި އޭނާ އަށް މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމެވެ.

ޖުލައި 19ގައި ރާޖް ކުންދްރާ ހައްޔަރުކުރުމާ އެކު ޝިލްޕާގެ ޕްރޮފެޝަނަލް ގިނަ މަސައްކަތް ތަކަކަށް ވަނީ ހުރަސްތައް ކުރިމަތި ވެފަ އެވެ.

މުމްބާއީ ފުލުހުން އައިސް އޭނާގެ ގެ ފާސް ކުރުމާއި އެމީހުންގެ ސުވާލުތަކަށް ގިނަ ވަގުތުތަކަކު ޖަވާބު ދޭން ޖެހުމުގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި ކުދިން ކައިރީގައި މަޑުކުރުމަށް ޝިލްޕާ ބޭނުންވެ އެވެ. އެއީ ބޭރު ތެރެއަށް ނުކުމެ މީހުންނާ ކުރިމަތިލާން ވެސް އޭނާ ފަސް ޖެހޭތީ އެވެ.

މި މައްސަލަތައް ޖެހުނުއިރު ޝިލްޕާ ދިޔައީ ޑާންސް ރިއަލިޓީ ޝޯއެއް ކަމަށްވާ "ސުޕަ ޑާންސާ ޗެޕްޓަ 4"ގެ ޖަޖުކަން ވެސް ކުރަމުންނެވެ. ނަމަވެސް މައްސަލަ ޖެހުނު ފަހުން އޭނާ އެންމެ އެޕިސޯޑެއްގައި ވެސް ބައިވެރިވެފައެއް ނުވެ އެވެ.

ޝިލްޕާ މި ޝޯގެ ކޮންމެ އެޕިސޯޑަކަށް އެތައް ލައްކަ ރުޕީސް އެއް ޗާޖް ކުރެ އެވެ. ވީމާ ޝޯގައި ބައިވެރި ނުވެވުމުން އޭނާ އަށް ބޮޑު ގެއްލުމެއް މާލީ ގޮތުން ލިބޭނެ އެވެ.

މަހެއްހާ ދުވަހުގެ ޗުއްޓީއަކަށް ފަހު ޝިލްޕާ އަލުން ސުޕަ ޑާންސާގެ ޖަޖެއްގެ ގޮތުގައި ބައިވެރިވާން ގަސްދުކޮށްފައިވީ ނަމަވެސް މަހެއްހާ ދުވަހު އޭނާ ބައިވެރި ނުވެ ދޫކޮށްލުމުން ދެ ކްރޯޑު ރުޕީސްގެ ގެއްލުމެއް ލިބޭނެ ކަމަށްވެ އެވެ.

މި ޝޯގައި ޝިލްޕާއަށް ބައިވެރި ނުވެވި އެތައް އެޕިސޯޑެއް ފާއިތުވެފައިވީ ނަމަވެސް ޝޯގެ ޖަޖު ކަމުން ޝިލްޕާ މުޅިން ވަކިކުރަން ސޮނީ ޗެނަލުން އަދި ޝޯގެ ޕްރޮޑިއުސަރުން ވެސް ބޭނުން ނުވާ ކަމަށްވެ އެވެ.