ބޮލީވުޑް

ޝިލްޕާ އެނބުރި "ސުޕަ ޑާންސާ ޗެޕްޓަ 4"ގެ ސެޓަށް

ވިޔާނުދާ ފިލްމު އުފައްދާ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފިރިމީހާ ރާޖް ކުންދްރާ ހައްޔަރުކުރި ފަހުން ފުރަތަމަ ފަހަރަށް ޝިލްޕާ ޝެޓީ މަސައްކަތަށް ނުކުމެއްޖެ ކަމަށް ބޮލިވުޑް ޚަބަރުތައް ބުނެ އެވެ.

އެގޮތުން ޝިލްޕާ އެނބުރި "ސުޕަ ޑާންސާ ޗެޕްޓަ 4"ގެ ސެޓަށް އަތުވެއްޖެ ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ފާއިތުވީ ތިން ހަފުތާގައި މި ޝޯގެ ފަނޑިޔާރުގެ ގޮނޑިން ޝިލްޕާ ފެނިފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި ކޮންމެ ހަފުތާއަކުވެސް ކޮންމެވެސް ފިލްމީ ތަރިއަކު ނުވަތަ ތަރިންތަކެއް ޝޯގެ ފަނޑިޔާރުކަން ކޮށްދީފައިވެ އެވެ.

ޝިލްޕާ މި ޝޯއަށް އެނބުރި ނާންނާނެ ކަމަށާއި އޭނާގެ ބަދަލުގައި ޝޯގެ ފަނޑިޔާރުކަން ކުރާނެ ފަންނާނަކު ހޯދަމުންދާ ކަމަށް ވެސް ތަންކޮޅެއް ކުރިން އަޑު ފެތުރުނެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މިހާރު ޝިލްޕާ ގެންދަނީ ކުރިޔަށް އޮތް ހަފުތާގައި ދައްކަން ހަމަޖެހިފައިވާ މި ޝޯގެ ދެ އެޕިސޯޑު ޝޫޓް ކުރަމުންނެވެ.

ޝިލްޕާ ނެތުމުން ވަރަށް ދެރަވާ ކަމަށް ޝޯގެ އަނެއް ދެ ޖަޖުން ކަމަށްވާ އަނުރާގް ބާސޫ އާއި ގީތާ ވެސް ބުނެފައިވެ އެވެ.

"ސުޕަ ޑާންސާ"އަކީ ކުޑަކުދިން ބައިވެރިވާ ޑާންސް ރިއަލިޓީ ޝޯ އެކެވެ. މި ޝޯގައި ކޮންމެ ކުއްޖަކަށް ވެސް ކޯރިއޮގްރާފަރެއް ހުރެ އެވެ. އަދި އެ ކުއްޖާ ނަށަނީ އެ ކޯރިއޮގްރާފަރާ އެކުގަ އެވެ.

ސޮނީ ޓީވިން ދައްކާ މި ޝޯގައި އިންޑިޔާގެ އެކި ކަންކޮޅުތަކުން ވަރަށް ހުނަރުވެރި ކުދިންތަކެއް ބައިވެރިވެ އެވެ.