ވާހަކަ

ވީމޭ ކަލާޔާނުލާ

(30 ޖުލައި 2021އާ ގުޅޭ)

"ކީކޭ؟ ކީކޭ ތިބުނީ؟" ލިވިޔާގެ ދުލުން ބަސްތައް ނުކުމެގެން ދިޔައީ އޭނާގެ އިޚްތިޔާރުން މުޅިން ބޭރުންނެވެ. ދެލޯ ބޮޑުކޮށްގެން އިން ލިވިޔާގެ މޫނުމަތިން ފެންނަމުން ދަނީ ކޮޅުނެތް ކޮޅަށް ހައިރާން ކަމެވެ. ޝީލާ އެބުނި ވާހަކަ އެއްވެސް ގޮތަކަށް ލިވިޔާއަށް ނޭނގުނު ކަހަލައެވެ.

"ނޭނގެނީތަ؟ ނޫނީ ނޭނގޭ ކަމަށް ހަދަނީތަ؟" ލިވިޔާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރު ތަކުން، ޝީލާ އެހެން އަހައިލީ ނުރުހުމާ އެކު ޖެއްސުމުގެ ރާގެއްގައެވެ. ހުސްނާ ބަލިކަން އެނގުނަސް، ޙަޤީޤަތުގައި ހުސްނާގެ ޙާލަތުގެ ސީރިއަސްކަން ލިވިޔާއަށް ނޭނގެއެވެ. ހުސްނާގެ ފުރާނަ މަތިކޮށް އެދެމީހުންގެ ދިރިއުޅުމުގެ ތެރެއަށް ޝީލާ ވަންނާނެ ކަމަށް ލިވިޔާ ހުރީ ތައްޔާރު ވެެގެނެއް ނޫނެވެ.

އެއްވެސް އެއްޗެއް ނުބުނެ، ލިވިޔާ ހުރީ ބަސް ހުއްޓިފައެވެ. ލިވިޔާ މަޑުކޮށްގެން ހުރީ ޝީލާ ވާހަކަދައްކަން ދެންނެވެ. ވަގުތު ކޮޅެއްގެ ހިމޭން ކަމަކަށް ފަހު، ޝީލާ ކުރިއަށް ފިޔަވަޅެއް ނެގިއެވެ.

"އޯކޭ! ބުނެފާނަން!" ޝީލާ ގޮސް ހުއްޓުނީ ސީދާ ލިވިޔާއާ ވަރަށް ގާތުގައެވެ. ސީލާ ބަލަން ހުރީ ލިވިޔާގެ ދެލޮލަށެވެ. ލިވިޔާގެ ދެލޮލުން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. ކުއްލިއަކަށް ހުރެފައި ޝީލާގެ މޫނުމަތި މުޅިން ބަދަލުވިއެވެ. ކުރިން ފެނުނު އިޙްސާސް ތަކެއް މިހާރަކު ޝީލާގެ މޫނު މައްޗަކުން ފެންނާކަށް ނެތެވެ. އެ ރުޅިވެރިކަން މުޅިން ވަނީ ނެތިގެން ގޮސްފައެވެ. ޝީލާގެ ދެލޮލުގެ ތެރެއަށް ހީވީ ކުއްލި ރާޅެއް ޖެހިހެންނެވެ. ދެލޯ ތެތްމައިލީ ކަރުނައިގެ ތިކިތަކުންނެވެ. ޝީލާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، އިޙްސާސްތައްވެސް މުޅިން ބަދަލުވި ކަހަލައެވެ.

"އަހަރެންގެ މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުން. އެފަކީރު އެ މަރުވަނީ.." ޝީލާ އެހެން ބުނުމާ އެކު ފެށީ ރޯންށެވެ.

"އޭނ؟" ބޭއިޙުތިޔާރުގައި އެހެން ބުނުމަށްފަހު، ލިވިޔާއަށް އެޅުނީ ފަހަތަށް ފިޔަވަޅެކެވެ. ލިވިޔާގެ ހިތުގެ ވިންދު ހީވީ ދުއްވައިގަތް ހެންނެވެ.

"އާނ! އަހަރެން މިއަދު މިގެއަށް މިއައީ އިތުރު އެއްވެސް ގޮތެއް ނެތީމަ.، ހަދާނެ ގޮތް ހުސްވެ، މުޅި މީހާ އެއްކޮށް ޑައުންވީމަ. އަހަރެންގެ މަންމަ ސަލާމަތް ކުރެވެން ހުރީ ހަމަ އެކަނި މީހަކީ ލިވިޔާ.." ޝީލާ ހިފައިލީ ލިވިޔާގެ ކަނާ އަތުގައެވެ.

"އަހަރެން އާދޭސް ކޮށްފަ މިބުނަނީ.. އަހަރެންގެ މަންމަ ސަލާމަތް ކޮށްދީ!" ޝީލާ ގެންދިޔައީ ލިވިޔާގެ އަތުގައި ހިފައިގެން ހުރެ އާދޭސް ކުރަމުންނެވެ.

"ހެޔޮނުވާނެ! އަހަރެންގެ މަންމަ ސަލާމަތް ކުރޭ! އެކަން ކުރެވެން ހުރި މީހަކީ ހަމައެކަނި ތީ.. ލިވިޔާއަށް އެކަނި އެކަން ވާނީ.." ޝީލާ ދައްކަމުން ދިޔައީ ލިވިޔާއަށް އެއްވެސް ގޮތަކަށް އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއިން ކޮންމެ ވާހަކައަކުން ލިވިޔާގެ ހިތުގެ ކޮންމެ ނާރަކަށް ދިޔައީ އެތައް އަނިޔާއެއް ލިބެމުންނެވެ.

"އަހަރެން ކީއްކުރަންވީ! އަހަރެންނަށް ވެވެން އޮތް ކަމެއް ކޮށްދޭނަން!" ލިވިޔާ ވެސް ހިފައިލީ ޝީލާގެ އަތުގައެވެ. ލިވިޔާގެ ހިތަށް ކިތަންމެ ތަދު ވިޔަސް، އަމިއްލަ އެދުން އިސްކުރަން ލިވިޔާއަށް ފަސޭހައެއް ނޫނެވެ.

"ލިވިޔާ.. އަސްލުތަ؟ ހަމަ ކޮންމެ ކަމެއް ވިޔަސް ކޮށްދޭނަންތަ؟ ލިވިޔާއަށް ވެސް އެނގެއެއްނު، މަންމަ އެއްވެސް ގޮތަކަށް ލިވިޔާއާ ޝަހުރާ ގުޅެން ޤަބޫލު ނޫންކަން. މަންމަ ބޭނުން ވަނީ އެހެން މީހަކާ ޝަހުރު ކައިވެނި ކުރަން. އެއީ މަންމަގެ ހުވަފެނެއް. މަންމަ ބޭނުމެއް ނުވޭ، ލިވިޔާ ޝަހުރާ ގުޅިގެން އުޅޭކަށް.." ޝީލާ ދައްކަމުން ދިޔަ ވާހަކަތަކުން ލިވިޔާ ވަނީ ހިތް ހަލާކު ވާން ގާތް ވެފައެވެ. ކިތަންމެ ކަރުނައެއް ލޮލަށް ޖަމާވިޔަސް، އެކަރުނަތައް ވަނީ ލިވިޔާގެ ލޮލުގެ ތެރޭގައި އަޅުވެތިވެފައެވެ.

"ލިވިޔާ.. އަހަރެންގެ މަންމަ އެދަނީ މަރާ ހަނގުރާމަ ކުރަމުން. މަންމަ މަރުވެއްޖިއްޔާ މުޅި ދުނިޔޭގެ ނަފުރަތު އަމާޒު ވާނީ ސީދާ ލިވިޔާއަށް. އެ ތުހުމަތު ލިވިޔާ އަށް އަމާޒު ވާން ލިވިޔާ އަޅެ ބޭނުންތަ؟ ބުނެބަލަ! އަހަރެންނަށް ޔަޤީން އެކަން އެހެން ވާކަށް ލިވިޔާ ނޭދޭނެކަން. އެޔަށް ވުރެ، ލިވިޔާގެ ހިތް ހެޔޮ ވާނެ." ޝީލާގެ ރާގު ބަދަލުވެ، ލިވިޔާއާ ގުޅެން މަސައްކަތް ކުރަމުން ދިޔައެވެ. ހުސްނާގެ ބަލި ޙާލަތުގެ ސީރިއަސް ކަމާއި، ހުސްނާގެ އެދުމަކީ ޝަހުރު އެހެން މީހަކާ އިނުން ކަން ޝީލާގެ ފަރާތުން އެނގުމުން ލިވިޔާއަށް ހީވީ ދިރިހުއްޓައި މީހަކު އޭނާ މަރައިލި ހެންނެވެ.

"އެހެންވީމަ.." ލިވިޔާއަށް ބުނެވުނީ އެވަރަށެވެ. ލިވިޔާގެ ދެލޮލަށް ބޮޑިވެފައިވާ ކަރުނަތައް ހޯސްލާފައި އެކީ އެކައްޗަކަށް އޭނާގެ ކޯތާފަތް މައްޗަށް ބަންޑުންވެގަތެވެ. އެތެރެއިން ހެމުން، ބޭރު ފުށުން ހިތްހެޔޮކަން ދައްކައިގެން ޝީލާ ބަލަމުން ދިޔައީ ލިވިޔާއަށެވެ. އޭނާގެ ޕްލޭން ކާމިޔާބު ވުމުގެ އަލިމަގު ފެންނާތީއެވެ.

"އަހަރެން ޝަހުރާ ވަކިވާނަން.." ފުން ނޭވާއެއް ދޫކޮށްލަމުން، ލިވިޔާގެ ދުލުން ބޭރުވެގެން ދިޔައީ އޭނާއަށް ބުނަން އެންމެ އުނދަގޫވި ޖުމުލައެވެ. ލިވިޔާއަށް ވަނީ ރޮވިފައެވެ. ލިވިޔާގެ ކޮނޑުގައި ޝީލާ އޯގާތެރިކަން ދެއްކުމުގެ ގޮތުން އަތް ބާއްވައިލިއެވެ.

"އަހަރެންނަށް އެނގޭ ފަސޭހައެއް ނުވާނެކަން. ތީ އުނދަގޫ ނިންމުމެއްކަން.. އެކަމު، ލިވިޔާ ތިވަނީ ވަރަށް މަތިވެރި ޤުރުބާނީއެއް.. ދުވަހަކުވެސް ލިވިޔާގެ ތި ޤުރުބާނީ ހަނދާނުން ނުފިލާނެ! ޝުކުރިއްޔާ ލިވިޔާ.." ޝީލާގެ އޯގާވެރިކަން ދިޔައީ އިތުރު ވަމުންނެވެ. ނަމަވެސް، އެ އޯގާވެރިކަމުގެ ފަހަތުގައި ވަނީ މުޅިން އެހެން ވާހަކައެކެވެ. ރޮމުން ލިވިޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. ލިވިޔާ ގެންދިޔައީ އޭރުވެސް ގިސްލައި ރޮމުންނެވެ.

"ލިވިޔާ.. އަދި މަޑުކޮށްބަލަ!" ޝީލާ ގޮވައިލި އަޑަށް ލިވިޔާ ހުއްޓުނެވެ.

"ތިހެން ހުރެފަ ވަކިވީމަ އަދި ކަމަކު ނުދާނެ. އެބައިން ކުރަން ޖެހޭނެ އެހެން ކަމެއް." ޝީލާގެ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ރޭވުމާ އެއްގޮތަށެވެ.

"ކޮން ކަމެއް؟" ފިސްފިސް ވަމުންދާ އަޑަކުން ލިވިޔާ އެހެން އަހައިލީ ފަސް އެނބުރި ބަލައިލަމުންނެވެ. (ނުނިމޭ)