ރައީސް އަބްދުﷲ ޔާމީން

އާރަށު މައްސަލާގައި ރައީސް ޔާމީން އަނެއްކާ ފުލުހަށް ހާޒިރުކުރަނީ

ވ. އާރަށް ބަޔަކަށް ކުއްޔަށް ދީގެން ދައުލަތަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހަށް ހާޒިވާން އަންގައިފި އެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިވާން އަންގާފައި ވަނީ މެންދުރުފަހު 2:00 އަށެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރަނީ އާރަށް ކުއްޔަށް ނެގި ކުންފުނިން ދިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހު ވަނީ ދައުވާ ކުރަން ވެސް ފޮނުވާފަ އެވެ.

އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި މެލޭޝިޔާގައި ހުންނަވާ ސަފީރު ވިސާމް އަލީގެ ފިރިކަލުން އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް އެ ކުންފުނިން ނަގާ ވ. ފެލިދޫ ކައުންްސިލްގެ އިހުތިސޯސްގެ ތެރެއަށް ގެންދިޔައީ އެވެ.

ފަހުން އެ ރަށް ކުއްޔަށް ދޫކުރީ ޓޫޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އަދި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ބޭރުގެ ކުންފުންޏަކަށް އެ ރަށް ދޫކޮށްލީ އެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު އޮތީ އެ މުއާމަލާތުން ލިބިވަޑައިގެން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމުގެ ތުހުމަތެވެ.

ދައުވާ ކުރަން ފޮނުވި ފަހުން އެ މައްސަލައިގައި ރައީސް ޔާމީން މީގެ ކުރިން ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ. ނިމިފައި އޮތް ތަހުގީގެއް އަލުން ކުރިއަށް ގެންދަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މަޖިލީހުން ތަނާޒުލުވެފަ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ފުލުހުން މަސައްކަތް ކުރީ މީގެ ކުރިން ގާނޫނީ އިންޒާރުދީ ސުވާލުކޮށް، ބަޔާން ނަގައި ނިމިފައިވާ މައްސަލައެއްގައި އަނެއްކާވެސް އަލުން ގާނޫނީ އިންޒާރުދީ ބަޔާން ނެގުމަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ލިބިވަޑައިގެންނެވި އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރި ކަން ސާބިތުވެ އެމަނިކުފާނު މިވަގުތު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެކަމަކު ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ.