ވ. އާރަށް ބަޔަކަށް ކުއްޔަށް ދީގެން ދައުލަތަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ސުވާލުކުރުމަށް މިއަދު ފުލުހަށް ހާޒިރުކުރި ނަމަވެސް އެއީ ތަހުގީގު ނިމިފައި އޮތް މައްސަލައަކަށް ވާތީ އިތުރަށް ދެއްވާނެ މައުލޫމާތެއް އަދި ބަޔާނެއް ނެތް ކަމަށް އެމަނިކުުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރަނީ އާރަށް ކުއްޔަށް ނެގި ކުންފުނިން ދިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމުގެ ތުހުމަތެވެ. މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހު ވަނީ ދައުވާ ކުރަން ވެސް ފޮނުވާފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން ރައީސް ޔާމީން ފުލުހަށް ހާޒިރުކުރިއެވެ. މިއަދުގެ ހާޒިރުކުރުމަކީ ހަވަނަ ހާޒިރުކުރުމެވެ.
މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް އަންގާ ބަޔާނުގައި މިއަދު ސޮއިކޮށްފައިވާއިރު ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނީ މިއަދުވެސް ފުލުހުން ކުރީ ކުރީންވެސް ކުރި ސުވާލުތައް ކަމަށެވެ. އަދި ތަހުގީގު ނިމި ދައުވާކުރަން ފޮނުވާފައި އޮތް މައްސަލައެއްގައި ދެވަނަ ފަހަރަށް ސުވާލު ކުރެވޭނެ ކަމާމެދު އެމަނިކުފާނު ސުވާލު އުފައްދަވާފައިވާ ކަމަށެވެ. މީގެ އިތުރުން ކުރީން ދެއްވާފައިވާ މައުލޫމާތުގެ އިތުުރުން ދެން ދެއްވާނެ މައުލޫމާތެއް އަދި ބަޔާނެއްވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.
"ފުލުހުންވެސް ފާހަގަކުރެއްވި ދެން މި މައްސަލަ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުއްވުމަށް ފަހު ހަތް ދުވަހުގެ ތެރޭގައި ގޮތްތަކެއް ނިންމާނެ ކަމަށް. އަދި އެކަން އަންގާނެ ކަމަށް ވަނީ ވިދާޅުވެފައި،"
ރައީސް ޔާމީންގެ އަރިހުގައި މިއަދު ފުލުހަށް ވަޑައިގެންނެވީ ވަކީލު މުހައްމަދު ޝަހީދު އާއި މުހައްމަދު ރާޣިބެވެ.
ވަކީލުން ވިދާޅުވީ މިއަދުގެ ތަހުގީގުގައި، ރައީސް ޔާމީން މާފުށީ ޖަލުގައި ހުންނެވިއިރުވެސް މި މައްސަލާގައި ތަހުގީގަށް ކަމަށް ބުނެ ހަތަރު ފަހަރު މާލެ ގެންނެވިކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުން އެމަނިކުފާނަށް ކުރާ ހަގީގީ ތުހުމަތު ސާފުނުވާތީ ގާނޫނީ އިންޒާރުގައި ސޮއިކުރައްވާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީނާމެދު އިންސާފުން ބޭރުން އަމަލު ކުރަމުން ގެންދަވާތީ އެކަން ފާހަގަ ކުރެއްވި ކަމަށެވެ. އެ ގޮތުން ތަހުގީގު މަރުހަލާ އާއި ޕްރޮސެކިއުޓް ކުރުމުގެ މަރުހަލާގައިވެސް ތަފާތުކޮށް ކަންކަން ހިންގަވާ ކަމަށް ވިދާޅުވި ކަމަށެވެ.
ވަކީލުން ވަނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދު އަމަލުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށްވެސް ވިދާޅުވެފައެވެ. އަދި އިތުރު "ތަކުލީފު" ތަކެއް ޖެއްސުމުގެ ބަދަލުގައި މިއަދު މައްސަލައިގެ ތަހުގީގު ނިންމެވިކަން ފާހަގަ ކުރެއްވިއެވެ.
އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި މެލޭޝިޔާގައި ހުންނަވާ ސަފީރު ވިސާމް އަލީގެ ފިރިކަލުން އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮތް ކުންފުންޏަކަށް ދީފައި އޮތް ރަށެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެ ރަށް އެ ކުންފުނިން ނަގާ ވ. ފެލިދޫ ކައުންްސިލްގެ އިހުތިސޯސްގެ ތެރެއަށް ގެންދިޔައީ އެވެ.
ފަހުން އެ ރަށް ކުއްޔަށް ދޫކުރީ ޓޫޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އަދި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ބޭރުގެ ކުންފުންޏަކަށް އެ ރަށް ދޫކޮށްލީ އެވެ. ރައީސް ޔާމީންގެ މައްޗަށް ތުހުމަތު އޮތީ އެ މުއާމަލާތުން ލިބިވަޑައިގެން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާ ކުރެއްވި ކަމުގެ ތުހުމަތެވެ.