ރައީސް އޮފީސް

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ހުޅުވާލައިފި

Aug 2, 2021

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުގެ މަތީން ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާ ކަމަށެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުންނެވެ.

މި މަގާމަށް އެދި ކުރިމަތިލުމުގެ ފޯމު ރައީސް އޮފީހުންނާއި އަދި ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަކަށް މިހާރު ދަނީ އަމަލުކުރަމުންނެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ ރަސްމީ ތަފާސްހިސާބުތައް އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމުކުރުމާއި، ބޭނުން ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފައްދާނެ އެވެ.