މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުން ސުކޫލަށް ހާޒިރުވެގެން ކިޔަވާ ގޮތަށް ނިންމައިފި

Aug 2, 2021

ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ސުކޫލަށް ހާޒިރުވެގެން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް 19އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިވަރުން ސުކޫލުތަކަށް ގެންގޮސް ކިޔަވައިދިނުމުގެ ބަދަލުގައި މިދިޔަ އަހަރެއްހާ ދުވަހު ދަރިވަރުން ކިޔެވީ ގޭގައި ތިބެގެން އޮންލައިން ކޮށެވެ. ނަމަވެސް ކޮވިޑްގެ ހާލަތު އެހާ ގޯސް ނޫން ރަށްރަށުގައި ދަރިވަރުން ސުކޫލަށް ގޮސްގެން ވެސް ކިޔަވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަން އަންގާފަ އެވެ. އެގޮތުން ދަރިވަރުން ކުލާސް ތަކުގައި ތިބޭއިރު ގައިދުރުކުރުމާއި، މާލެ ސަރަހައްދުގައި ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑި އެކި ގުރޭޑްތަކަށް ތަފާތުކުރުމާއި، ކުލާސް ރޫމުތަކުގައި ވައިދައުރުވާ ގޮތަށް ދޮރުފަތްތައް ހުޅުވާލާފައި ބެހެއްޓުން ހިމެނެ އެވެ.

މީގެއިތުރުން ހައިރިސްކް ދަރިވަރުން ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމާއި، ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މިމަހު ރާއްޖެ އައި ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުދިއުމަށް ވެސް އިރުޝާދު ދީފައިވެ އެވެ. މި މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ވެސް އެގޮތަށް އަމަލުކުރުމަށް އަންގާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން ކޮވިޑްގެ ކުރީގައި އާންމު ހާލަތުގައި ކިޔަވައިދިން ގޮތަށް ދިރާސީ އާ އަހަރުގައިވެސް ދަންފަޅި ތަކުގެ ދިގުމިން ހަމަޖެހިފައި ހުންނާނެ އެވެ. އެކަމަކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ނިންމާފައިވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ޖަހާ ނިމުމުންނެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް ދިރާސީ އާ އަހަރު ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ ޖެނުއަރީގަ އެވެ.