އިގްތިސާދު ފުލުގައި ޖައްސާލި ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގައުމު ހިންގަވަމުން ގެންދަވަނީ އިދިކޮޅު ކޯލިޝަނުން "ޖޭ" ވާހާ މޮޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މައުސޫމް މިހެން ވިދާޅުވީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ތިން ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމަށް އަދި އެ ތިން ޕާޓީގެ ލީޑަރުންނަށް ރަސްމީކޮށް ދީފައިވަނިކޮށެވެ.
އިދިކޮޅު ކޯލިޝަންގެ ދައުވަތު ލިބުނު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި މައުސޫމް ވިދާޅުވީ އިދިކޮޅު ޕާޓީގެ ބައެއް އިސް ބޭފުޅުންގެ ވާހަކަތަކުން ދޭހަވަނީ އިންތިހާބު އިއުލާނުކުރުމުގެ މާކުރީން އެ ބޭފުޅުން ބަލި ގަބޫލުކޮށްފި ކަމެވެ.
"ރައީސް ސޯލިހް ހަމަ މޮޅީ، އިކޮނޮމީ [އިގްތިސާދު] ފުލުގައި ޖައްސާލި ކޮވިޑުތެރޭވެސް ގައުމު ހިންގަމުން އެ ގެންދަވަނީ އެއުރެން [އިދިކޮޅު ކޯލިޝަން] 'ޖޭ' ވާހަ މޮޅަށް،" ރައީސްގެ ދިފާއުގައި ނިކުންނަވާ މައުސޫމް ވިދާޅުވިއެވެ.
ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ސަރުކާރު ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއަށް ދިން ނަމަވެސް އެ ޕާޓީތަކުން ވަނީ މިނިވަންކަން އެބައޮތް ކަމަށް ބުނެ އެ ދައުވަތު ގަބޫލުކުރަން ދެކޮޅު ހަދާފަ އެވެ.
ޖުމްހޫރީ ޕާޓީ އާއި އަދާލަތުން އެކަން އިއުލާނުކޮށްފައިވާއިރު ރައީސް މައުމޫންގެ އެމްއާރްއެމުން މިއަދު އެ ހުށައެޅުމަށް ޖަވާބު ދޭނެ އެވެ.