ދުނިޔެ

ތުރުކީގައި ރަޝިއާ ޓޫރިސްޓުންނާއެކު ބަހެއް ފުރޮޅާލައި ތިން މަރު

ތުރުކީގައި ރަޝިއާ ޓޫރިސްޓުން ގޮވައިގެން އެއާޕޯޓަށް ދަތުރުކުރި ބަހެއް ފުރޮޅާލައި ތިން މީހަކު މަރުވެ ފަސް މީހަކަށް އެކިވަރުގެ ގެއްލުން ލިބިއްޖެ އެވެ.

ޗުއްޓީ ނިންމާފައި އަންތާލިޔާ އެއާޕޯޓަށް 22 މީހުން ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަން ތުރުކީ މީޑިއާތަކުން ވެސް ކަށަވަރުކޮށްދެ އެވެ.

ޓްރެފިކް ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ބަސް ފުރޮޅާލަން މެދުވެރިވި ސަބަބަކީ ޑްރައިވަރަށް ކޮންޓްރޯލް ގެއްލުމެވެ. ޑްރައިވަރު އަތުން ހުންގާނު ކައްސާލައި މަގުބައިކުރާ ގާފޮޅެއްގައި ޖެހި ވިދިގެން އޮތް ލޭނަށް ބަސް ފުރޮޅާލީ އެވެ.

ތުރުކީ އޮފިޝަލުންނާ ހަވާލާދީ ރަޝިއާއިން ބުނާ ގޮތުން ރަޝިއާގެ ޕާސްޕޯޓް އޮންނަ ތިން މީހަކު މިހާދިސާގައި ވަނީ މަރުވެފަ އެވެ. އަދި އިތުރު ފަސް މީހަށް ބޮޑެތި އަނިޔާވެފައިވާއިރު ދެ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ތުރުކީ ޓޫރިސްޓް އޮޕަރޭޓަރުން ބުނާ ގޮތުން ހާލުދެރަ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ މަރުވެފަ އެވެ. އެހެންކަމުން މިހާދިސާގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އެރީ އެވެ.

މިއީ ތުރުކީއަށް ހިތާމަވެރި ދުވަސްކޮޅެކެވެ. އެގައުމުގެ ޖަންގަލީގައި އަލިފާން ރޯވެ ކޮންޓްރޯލް ނުވެ ވަނީ ގައުމީ ކާރިސާ އިއުލާންކޮށްފަ އެވެ. ޖަންގަލީގެ އެކި ހިސާބުތަކުގައި އަލިފާން ރޯވުމަކީ ތުރުކީ އޮފިޝަލުން ބުނާ ގޮތުން ތަަބީއަތެއް ނޫނެވެ. އެހެންކަމުން އޮފިޝަލުން ބުނަނީ އަލިފާން ރޯވުމާ ކޮންމެވެސް ބަޔަކާ ގުޅުމެއް އޮވެދާނެ ކަމަށެވެ.

ރަޝިއާ ޓޫރިސްޓުންނާ އެކު ބަސް ފުރޮޅާލި މައްސަލަ ބަލާނެ ކަމަށް އެގައުމުން ވެސް ބުނެ އެވެ. އާންމު ގޮތެއްގައި މިކަހަލަ ހާދިސާތައް ހިނަގާފައި ހުންނަނީ ޑްރައިވަރުގެ ފަރުވާކުޑަކަމުން ނުވަތަ މަރާމާތު ނުކުރާ އުޅަނދުތަކުގެ ސަބަބުންނެވެ.