މާލޭ ސިޓީ

މާލޭގައި ދެ ފުޓްސަލް ދަނޑު އަޅައިދޭނެ ބަޔަކު ހޯދަނީ

މާލޭ ސިޓީ ކައުންސިލުން ތަރައްގީކުރާ ދެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ސިޓީ ކައުންސިލްގެ އިއުލާންގައި ބުނެފައިވަނީ ބޭނުންވަނީ ފުޓްސަލް ދަނޑުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ބަޔަކު ހޯދަން ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މި މަހުގެ 22 ވަނަ ދުވަހު މެންދުރުފަހު 2:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަަށް ދިއުމަށް ވެސް ވަނީ އެދިފަ އެވެ. އަދި ބުނެފައިވަނީ އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު މެންދުރުފަހު 2:00 އަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަަށް ދިއުމަށެވެ.

ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައިވަނީ އެ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިގެ ހުސްބިމުގައި އެއް ދަނޑެވެ. އަދި ގަލޮޅު އަވަށުގައި އެއް ދަނޑެވެ.

މާލެ ސިޓީ ކައުންސިލުން ފުޓްސަލް ދެ ދަނޑު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރުމުން ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ފާޑުކިޔާފަ އެވެ. އެމީހުން ބުނާ ގޮތުގައި ދަނޑު ހެދުމަށްވެސް އިސްކަންދޭ ޖެހޭ މުހިއްމު މައްސަލަތައް މާލޭގައި އެބަހުއްޓެވެ.