ޓޯކިއޯ އޮލިމްޕިކްސް 2020

ސަމޯން ބައިލްސް ފައިނަލުގައި ވާދަކުރަން ނިންމައިފި

ޖިމްނާސްޓިކްގެ އޮލިމްޕިކް ޗެމްޕިއަން، އެމެރިކާގެ ސަމޯން ބައިލްސް ޓޯކްޔޯ އޮލިމްޕިކްސް 2020ގެ ބެލެންސް ބީމް ފައިނަލުގައި ވާދަކުރަން ނިންމައިފި އެވެ.

އުމުރުން 24 އަހަރުގެ ސަމޯން އަށް އޮލިމްޕިކްސްގެ ތެރޭގައި ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ވަނީ ކުރިއަށް ހުރި އިވެންޓު ތަކުން އެކަހެރި ވެފަ އެވެ. ބައިލްސް ވަނީ އޭނާ ކޮލިފައި ވެފައިވާ އޯލް އަރައުންޑްގެ އިތުރުން އަންއީވެން ބާސް، ވޯލްޓް އަދި ފްލޯ އިވެންޓު ވެސް ދޫކޮށްލާފަ އެވެ.

ޖިމްނާސްޓިކްގެ އެންމެ މޮޅު އެތުލީޓުންގެ ތެރޭގައި ގުނާލެވޭ ބައިލްސް އަށް އަނިޔާވެފައިވަނީ ޖިމްނާސްޓިކް ކޮލިފިކޭޝަންގެ ވޯލްޓް އިވެންޓް ތެރެއިންނެވެ. މި އިވެންޓް ތެރެއިން އަނިޔާވުމާއެކު ބައިލްސް ވަނީ ޓީމުގެ ޑޮކްޓަރާއެކު މުބާރާތް ކުޅޭ ސަރަހައްދުން ވަގުތުކޮޅަކަށް ދުރަށް ގޮސްފަ އެވެ.

އެއަށްފަހު ބައިލްސް އެނބުރި އައިސް ވަނީ ބެންޗުގައި މަޑުކުރަން ނިންމާފަ އެވެ. ބައިލްސްގެ ބަދަލުގައި "އަން އީވަން ބާސް" އަދި "ބެލެންސް ބްރީމް" އިވެންޓަށް ކުޅެން އަރާފައިވަނީ ޖޯޑަން ޗައިލްސް އެވެ.

ބައިލްސް އަށް އަނިޔާވި ވޯލްޓް އިވެންޓުގެ ތެރޭގައި ބައިލްސް މަސައްކަތްކުރީ، ފުންމާލުމަށްފަހު "އަމަނާ" ކިޔާ އުކުޅެއް ދައްކާލުމަށެވެ. 2.5ގެ "ޓާން" އެއް އެކުލެވޭ މި އުކުޅު ބައިލްސް އަށް ފުރިހަމަ ކުރެވޭ ގޮތެއް ނުވި އެވެ. 1.5ގެ "ޓާން" އަކަށް ފަހު ބައިލްސް ބިންމައްޗަށް ތިރިވީ އަނިޔާއަކާ އެކު އެވެ.

ބައިލްސް އޮލިމްޕިކްސް 2021 ގައި ވާދަކުރީ ޖިމްނާސްޓިކްގެ ފޭވަރިޓުގެ ގޮތުގަ އެވެ. ބްރެޒިލްގައި ކުރިއަށް ދިޔަ 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ބައިލްސް ވަނީ ޖުމްލަ 5 މެޑަލް ހާސިލުކޮށްފަ އެވެ. އެކަމަކު މިއަހަރުގެ އޮލިމްޕިކްސްގައި މި އަދަދަށް މެޑަލް ހޯދުމަކީ މިހާރު ނާދިރު ކަމެކެވެ.