ޓޯކިއޯ އޮލިމްޕިކްސް 2020

ފުރާނަ ސަލާމަތްކުރަން އޮލިމްޕިކްސް މެޑަލް ވިއްކާލައިފި

ޓޯކިޔޯ އޮލިމްޕިކްސް 2020 ގެ ޖެވެލިން އުކުމުން ދެވަނަ ހޯދި ޕޮލެންޑުގެ މަރިއާ އެންޑްރީޖިކް، ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން އޭނާގެ މެޑަލް ވިއްކާލައިފި އެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ލިބުނު ރިހި މެޑަލް މަރިއާ ވިއްކާލާފައި ވަނީ މިލޯޝިކް މަލީސާ ކިޔާ އަށް މަހުގެ ކުޑަކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކުރުމަށެވެ.

މަރިއާގެ މެޑަލް ނީލަން ކިއުމަށް އަގު ފަށާފައި ވަނީ 51،000 ޑޮލަރުންނެވެ. އަދި ނީލަން ނިމުނު އިރު އޭގެ އަގު ވަނީ 125،000 ޑޮލަރަށް އަރާފަ އެވެ. މަލީސާގެ ހިތުގެ އޮޕަރޭޝަން ކުރުމަށް 383،000 ޑޮލަރު ހަރަދުވާނެ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

ކުޑަކުއްޖާގެ އޮޕަރޭޝަން ކުރުމަށް އެހީވެދެން މަރިއާ ވިއްކާލާފައި ވަނީ އޭނާއަށް އޮލިމްޕިކްސްގައި އަލަށް ލިބުނު މެޑައްޔެވެ. އަދި މިއީ އޭނައަށް އޮލިމްޕިކްސްގައި ލިބުނު ހަމައެކަނި މެޑައްޔެވެ. މަރިއާ ބުނީ މިކަމާއި މެދު އޭނާ މާގިނައިރު ވިސްނަން ނުޖެހުނު ކަމަށެވެ.

"މި މެޑަލްއަކީ އަހަރެން ކުރި ބުރަ މަސައްކަތުން ލިބުނު އެންމެ އަގުހުރި ހަނދާން. އަހަރެންގެ އުންމީދަކީ އެކުއްޖާއަށް މި މެޑަލްއަކީ ދިރިހުރުމުގެ ނިޝާނަކަށް ވެގެންދާނެ،" ކަމަށެވެ.

މަރިއާގެ މި އެހީ އާއިއެކު ކުއްޖާގެ އޮޕަރޭޝަން ކުރުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެން ގޮސްފައިވާ ކަމަށް މަލީޝާގެ މަންމަ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައިވެ އެވެ. އަދި މަރިއާގެ އެހީއަށް އޭނާ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.