ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެއަށް އޮލިމްޕިކްސް ސްޓޭޑިއަމެއް މުހިއްމުވެފައި

ޖަޕާނުގައި ނިމިގެން ދިޔަ "ޓޯކިއޯ އޮލިޕްމިކްސް 2020" ކުޅިވަރު މުބާރާތުން ރީތި އެތައް ކަމެއް ފެނިއްޖެ އެވެ. ކުޅިވަރުން ލިބިދޭ އެތައް މިސާލު ތަކެއް ދުނިޔެ އަށް ދައްކައިފި އެވެ. ޓީވީން ކުޅިވަރުގެ އީދު ބަލަމުން ދިޔައިރު، މިފަދަ ކުޅިވަރު މުބާރާތަކުން ގައުމަކަށް އަންނާނެ ކުރިއެރުން އިހުސާސް ކުރެވެ އެވެ. ހާއްސަކޮށް އޮލިމްޕިކްސް ސްޓޭޑިއަމްތަކުގެ ރީތިކަން ފާހަގަކުރެވެ އެވެ. މި މަންޒަރު ފެނުމުން ހިތަށް އަރަނީ ރާއްޖޭގައި މި ފަދަ އޮލިމްޕިކްސް ސްޓޭޑިއަމެއް އެޅިދާނެ ހެއްޔެވެ؟ އެފަދަ ސްޓޭޑިއަމެއް އެޅުމުގެ ޕްލޭނެއް އެބައޮތް ހެއްޔެވެ؟

މި ކަމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެކެވެ. އެކަމަށް މަސައްކަތް ވެސް އެބަ ކުރެ އެވެ. ނަމަވެސް އޮލިމްޕިކްސް ސްޓޭޑިއަމެއް ރާއްޖޭގައި އަޅާ ވާހަކަ ބުނުމުން އެކަމަށް ހަޖޫޖަހައި ފާޑުކިޔާނެ މީހުން ބައިވަރެވެ. ރާއްޖޭގައި އެކަން ކުރާނެ ގޮތަކާއި މެދު ސުވާލު އުފައްދާނެ މީހުން ވެސް ވަކި މަދެއް ނުވާނެ އެވެ. ހުޅުމާލެއާއި މާލެ ގުޅާލާ ބްރިޖްގެ ވާހަކަ ދެއްކުމުން ވެސް ގިނަ ބަޔަކަށްވީ މިހެންނެވެ. ނަމަވެސް މިއީ ރާއްޖެ އަށް ނުވާނެ ވަރުގެ ކަމެއް ނޫނެވެ. ސުވާލަކީ އެހާ ބޮޑު ހަރަދެއް ކޮށްގެން އޮލިމްޕިކް ސްޓޭޑިއަމެއް ރާއްޖޭގައި އެޅުން ހަމަ އެހާ މުހިންމު ހެއްޔެވެ؟ މީގެން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

އޮލިމްޕިކްސްއާ ހަމައަށް ދިއުމުގެ ކުރިން މިފަދަ މުބާރާތްތައް "ހޯސްޓް" ކޮށްގެން ވެފައިވާ ފައިދާ އަށް ބަލައިލުން ވެސް މުހިންމެވެ. މިއީ އެތައް ބިލިއަން ރުފިޔާއެއްގެ އަގު ނުކުރެވޭ ފައިދާ ގައުމަށް ލިބޭނެ ކަމެކެވެ.

ދެހާސް އަށް ވަނަ އަހަރު ރާއްޖެ އިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މުބާރާތް ހޯސްޓް ކުރި އެއް ގައުމަކީ ރާއްޖެ އެވެ. އެ މުބާރާތުގައި މުޅި ގައުމީ ފުޓްބޯޅަ ދަނޑު ގުގުމާލާފައި އޮތީ ދިވެހި ސަޕޯޓަރުންގެ އަޑުންނެވެ. ގަދަ ރަތް ކުލައިން މުޅި ދަނޑު ފުރާލާފައި އޮތުމުން ކުޅުންތެރިންގެ ލޭ ހަމަ ރަނގަޅަށް ވެސް ކައްކުވާލި އެވެ. އެފަދަ ބޮޑެތި މުބާރާތްތައް ބޭއްވޭނީ ފެންވަރު ރަނގަޅު ވަސީލަތްތައް ވެސް ހުރެގެންނެވެ.

ރަނގަޅު ތަމްރީނާއި ފަރިތަކުރުންތައް ހަރުދަނާވާނެ

ރާއްޖޭގައި އާދަޔާއި ހިލާފު މޮޅެތި އެތުލީޓުން އެބަތިއްބެވެ. ފަހުގެ ތާރީހުގައި ރާއްޖެއިން ވަނީ އެކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދީފަ އެވެ. 2019 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ އިންޓަނޭޝަނަލް މުބާރާތްތައް މިކަމުގެ ހެއްކަކަށް ފުދޭނެ އެވެ. މިއީ އެތައް އަހަރުތަކެއްގެ މަތިން ގިނަ ބަޔަކުވީ ގުރުބާނީ ތަކެއްގެ ފޮނި ރަހަކަން ޔަގީނެވެ.

ނަމަވެސް މި ފަހަރުގެ އޮލިމްޕިކްސް އަށް ދިޔައިރު ރާއްޖެ އިން އެންމެ ބޮޑަށް ކުރަމުންދިޔަ އެއް ޝަކުވާ އަކީ އެތުލީޓުންނަށް އެކަށީގެންވާ ވަރުގެ ރަނގަޅު ތަމްރީނެއް ނުލިބުމެވެ. މިއީ އަބަދު ވެސް އިވެމުން އަންނަ ޝަކުވާ އެކެވެ. އެފަދަ ތަމްރީނެއް ދޭނެ ތަނެއްވެސް ހަގީގަތުގައި ނެތީ އެވެ. އެ ފަދަ ފެންވަރެއް ރާއްޖޭގައި ހުރި ނަމަ ލަންކާގައި ތަމްރީނު ނުހަދައި، ކުޑަކުޑަ ދީމަވެސް ފަރިތަކުރާނީ ރާއްޖޭގަ އެވެ. އެންމެ ފަހުން ހުޅުމާލޭގައި އެޅި ދުވާ ޓްރެކާއި، ސްވިމިން ޓްރެކް ވެސް އޮލިމްޕިކްސް ސްޓޭންޑާޑުގެ މިންގަނޑަކަށް ނުފެތެ އެވެ.

އޮލިމްޕިކް ސްޓޭޑިއަމެއް ރާއްޖޭގައި އެޅިއްޖެ ނަމަ އެތުލީޓުންނަށް އެކަށީގެންވާ ރަނގަޅު ތަމްރީނާއި ފަރިތަކުރުންތައް ހަރުދަނާ ކުރެވޭނެ އެވެ. އިންޓަނޭޝަނަލް ފެންވަރުގެ ޓްރެކް ތަކުގައްޔާއި ފީލްޑް ތަކުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުން މުބާރާތްތަކަށް ބައިވެރިން ތިބޭނީ ދޮންވެ ފައްކާވެފަ އެވެ.

އޭރުން ކޮވިޑްގެ ދުވަސްވަރޭ ކިޔާފައި މީހުން އެއްވެ އުޅޭ އާންމު ސަރަހައްދު ތަކުގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވިފައި ތިބޭކަށް ނުޖެހޭނެ އެވެ. އެކަމަށް ހާއްސަ ފީލްޑުތަކާއި ޓްރެކް ތަކަށް އެތުލީޓުން ހާޒިރު ކޮށްގެން ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ އެވެ. މިއީ ކުޅިވަރު އެސޯސިއޭޝަން ތަކުންވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

އާ އެތުލީޓުން އުފެއްދުމަށް ބާރަކަށްވާނެ

ރާއްޖޭގެ ކުޅިވަރު އިންޑަސްޓްރީ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ އާ އެތުލީޓުންނާއި ކުޅުންތެރިން އުފެއްދުމަށް ދިމާވެފައިވާ ދަތި ތަކެވެ. މިހާރު ގައުމު ތަމްސީލު ކުރަންދާ ގިނަ އެތުލީޓަކުންނަކީ މާލޭގައި އުޅޭ އެތުލީޓުންނެވެ. ކިތަންމެ މޮޅެތި ކުދިން ތިބި ނަމަވެސް، އަތޮޅު ތެރޭގައި ފަރިތަ ކުރެވޭނެ އިންތިޒާމު ތަކެއް ނެތެވެ. ފެންވަރު ރަނގަޅު މުބާރާތެއް ވެސް ބޭއްވޭކަށް ވެސް ނެތެވެ.

އަނެއް ކޮޅުން މާލެ އައިސް މާލޭގެ ކޮންކްރީޓް ޖަންގަލީގައި ކުލި ދައްކައިގެން އުޅެވޭނެ ފެންވަރެއް ހުރިހާ އެންމެންގެ ނުހުރެދާނެ އެވެ. މިފަދަ ސަބަބު ތަކާއި ހުރެ އެތައް މޮޅެތި އެތުލީޓުންނެއްގެ ކެރިއާ ނިންމާލަން ޖެހިފައި ވެސް އެބަހުއްޓެވެ.

އޮލިމްޕިކް ސްޓޭޑިއަމް އަކާއި އެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ. އަތޮޅު ތެރެއިން މިކަމަށް ޝައުގުވެރިކަން ހުންނަ ކުދިން ގެނެސް އެކުދިން ތަމްރީނު ކުރުމުގެ މަސައްކަތް މިތަނުގައި ކުރިއަށް ގެންދެވޭނެ އެވެ. އޭރުން ފުރުސަތު އޮންނާނީ ހަމައެކަނި "މާލެ ކުދިން" ނަކަށްވެސް ނޫނެވެ. މުޅި ރާއްޖެއިން މިކަމަށް ފުރިހަމަ ތާއީދު ލިބޭނެ އެވެ. ބޮޑު ކުއްޔެއް ދައްކައިގެން މިކަމަށް ހުސްވާކަށް ވެސް އެތުލީޓުންނަކަށް ނުޖެހޭނެ އެވެ.

އިގްތިސޯދީ ގޮތުން ހީނުކުރާވަރުގެ ފައިދާ

ކުޅިވަރު ކުރިއަރުވާ ތަރައްގީ ކުރުމުގެ އިތުރުން، އޮލިމްޕިކް ސްޓޭޑިއަމަކާއި އެކު ރާއްޖޭގެ އިގްތިސޯދަށް ނުހަނު ގިނަ ފައިދާ ތަކެއް ކުރާނެ އެވެ. މިތަން އިމާރާތް ކުރަން ބޮޑު ހަރަދެއް ދިޔަ ނަމަވެސް މީގެން ލިބޭ ނަފާ އަދި މާބޮޑެވެ.

އޮލިމްޕިކް ސްޓޭޑިއަމަކާއި އެކު އިންޓަނޭޝަނަލް ގިނަ މުބާރާތްތަކެއް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ އެވެ. އޭރުން އޮންނާނީ ހަމައެކަނި މަޝްހޫރު އެތުލީޓުންނާއި އެކު ރާއްޖޭގެ ރައްޔިތުން ސެލްފީ ނަގައި ސޯޝަލް މީޑިއާއަށް ފޮޓޯ އެޅުމެއް ނޫނެވެ. މިއިން ކޮންމެ މުބާރާތަކީ ވިޔަފަރިވެރިންވެސް އުފަލުން ހެއްވާލާނެ މުބާރާތްތަކަކަށް ވާނެ ކަން ޔަގީނެވެ.

އިންޓަނޭޝަނަލް ކޮންމެ މުބާރާތަކާއި އެކު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ފުރާލާނެ އެވެ. މިއީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ލިބޭ ބޮޑު ފައިދާއަކަށް ވާއިރު، މީގެ ސަބަބުން ދައުލަތަށް ވަންނަމުންދާ ފައިސާ ވެސް އިތުރުވާނެކަން ގައިމެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ. ރާއްޖޭގެ ފިހާރަ ތަކާއި ރެސްޓޯރެންޓް ތަކުން ބޭރުގެ މީހުން ހިދުމަތް ހޯދާ ވަރު ބޮޑު ތަނުން އިތުރުވެގެންދާނެ އެވެ. ރާއްޖެއަށް ޑޮލަރު ވަންނަ މިންވަރު އިންތިހާއަށް އިތުރުވެގެންދާނެ އެވެ.

ހަމަ އެހެންމެ ރާއްޖޭގެ އިގްތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނައިރު، ގިނަ އަދަދެއްގެ ފަތުރުވެރީން އަންނަނީ ރާއްޖެ ޒިޔާރާތް ކުރަމުންނެވެ. އޮލިމްޕިކް ސްޓޭޑިއަމެއް ހުރެއްޖެ ނަމަ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ އެވެ. އަދި އަންނަ ފަތުރުވެރިން މިތަން ބަލާލަން ދާނެކަން ވެސް ޔަގީނެވެ. މިވެސް ފައިސާ އެވެ.

ޗައިނާއިން އޮލިމްޕިކް ސްޓޭޑިއަމްއެއް އަޅައިދޭނެ

ރާއްޖޭގައި ގިނަ އިންޓަނޭޝަނަލް މެޗު ތަކަކާއި މުބާރާތްތަކެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު އުންމީދެކެވެ. އެކަމަށް ޓަކައި އެމަނިކުފާނު އަންނަނީ ކުޅިވަރު އެސޯސިއޭޝަން ތަކާއި ގުޅިގެން ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މިކަމާއި ގުޅިގެން ބޭރު ގައުމުތަކާއި އެކު ވެސް އެމަނިކުފާނު އަންނަނީ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ޗައިނާގެ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން ސްޓޭޑިއަމް އަޅައިދޭން ނިންމައި 2019 ގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެއްބަސްވުމުގައި ސޮއިވެސް ކުރައްވާފަ އެވެ. އަދި ސްޓޭޑިއަމް ކުރަހައި އެ ކުރެހުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ވެސް ކުރައްވާފަ އވެެ.

ރާއްޖޭގައި އިންޓަނޭޝަނަލް މެޗު ތަކަކާއި މުބާރާތް ތަކެއް ބޭއްވުމަށް ވެސް މިހާރު ދަނީ ފުރުސަތުތަކެއް ލިބެމުންނެވެ. އެގޮތުން އޭއެފްސީ ކަޕްގެ ސައުތު އޭޝިއަން ގްރޫޕް މެޗުތައް މި މަހުގައި ކުޅުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގަ އެވެ. އަދި އޮކްޓޫބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ވެސް ރާއްޖެ އިން ވަނީ ބިޑް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ބައިނަލްއަގްވަމީ ޓީޓީ ދެ މުބާރާތެއް ވެސް އަންނަ އަހަރު ރާއްޖޭގައި އޮންނާނެ އެވެ.