ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދުގެ ބަޔާނެއް އަދިވެސް ނުލިބޭ: ޕީޖީ

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެ ހަމަލާ އަމާޒުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބަހެއް އަދިވެސް ލިބިފައިނުވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ބަހެއް ބޭނުންވާ ކަމަށެވެ. އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވިދާޅުވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރުވެސް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ވަގުތު އެކަމަށް އިއުތިރާޒު ކުރެއްވި ކަމަށެވެ.

އަދި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަން ފެށުމާއެކު ބޭރުގައި ހުންނަވައިގެން ސިޓީ އަކުން ނުވަތަ އީ-މެއިލް މެދުވެރިކޮށްވެސް ނަޝީދުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ތަހުގީގަށް ނަޝީދުގެ ބަޔާނެއް މިހާރު ލިބިފައިވޭތޯ ދެންނެވުމުން މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އަދިވެސް ބަޔާނެއް ލިބިފައި ނެތް ކަަމަށެވެ. ނަމަވެސް އުންމީދު ކުރައްވަނީ ވަރަށް އަވަހަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބަޔާނެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އަދި ބަޔާނެއް ދެއްވާފައި ނެތް. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ބަޔާނެއް ހޯދަން ނުވަތަ މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތެއް ހޯއްދެވުމަށް މަސައްކަތްތަކެއް އެބަކުރަން. އަދިއެއް ކާމިޔާބެއް ނުވޭ އަޅުގަނޑުމެންނަކަށް. މި މައްސަލައިގެ ވިކްޓިމެއް ރައީސް ނަޝީދަކީ. އެހެންވީމަ އަޅުގަނޑުމެން ރެސްޕެކްޓް ކުރަން ޖެހޭ އެބޭފުޅާގެ ޝުއޫރުތަކަށްވެސް. އެހެންވީމަ އެވަރަށް ބަލައިގެން އަޅުގަނޑުމެންވެސް އެކަމާއި އުޅޭނީ،" ޝަމީމް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ވަަރަށް މުހިންމު ރައީސް ނަޝީދުގެ ބަޔާނެއް އޮތުން. ނެތުމަށްވުރެ އޮތުން މާބޮޑަށްވެސް މުހިންމު،"

ބަޔާން ނުދެއްވާ މައްސަލާގައި ރައީސް ނަޝީދު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާ ރައްދު ދެއްވާފައެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

"ޝާއިރު ވިދާޅުވި ފަދައިން ހިތާ މޭ ހިބައިން ލިޔެ ދިނީމަވެސް ނުވީ ނޫންތޯ؟" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.