ކުޑަފަރީ

ސަސްޕެންޝަން އުވާލުމަށް ފަހު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ސަސްޕެންޑްކުރި ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަޒީފާއިން ވަކިކޮށްފި އެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އަޝްރަފް ވަނީ ފޭސްބުކް ފޯސްޓެއް ކޮށްފައެވެ މަރަަށް މަރު ހިފުމަކީ ވަރަށް "ސިކު" ކަމެއް ކަމަށް ސިފަކޮށް ވަހީދު ދެއްކެވި ހަރުކަށި ވާހަކަތަކާއި ގުޅިގެން އޭނާ ތައުބާވާން ޖެހޭ ކަމަށާ އެކަން ނުކޮށްފިނަމަ މަރުގެ ހުކުމް ގާއިމުކުރަން ޖެހޭ ކަމަށް އަޝްރަފް ކުރި ޕޯސްޓްގައި ބުނެފައިވެއެވެ. އެއީ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ކުރި ޕޯސްޓެއް ނަމަވެސް އާންމުންގެ ސަމާލު ކަމަށް އެކަން ގެނެސް އެ ޕޯސްޓްގެ މައްސަލަ ހޫނުވީ މެއި ހައެއްގައި ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާގެ ފަހުންނެވެ.

އަޝްރަފް މަސް ދުވަހަށް ސަސްޕެންޑް ކުރީ މެއި މަހުގެ ނުވަވަނަ ދުވަހު އެވެ.

އޭނާ މިއަދު އަވަސްއަށް ބުނީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު ފަހުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި ކަމަށެވެ. މިދިޔަ މުއްދަތުގައި ނަސޭހަތްދީ އަދި ބަޔާންވެސް ނަގާފައިވާ ކަމަށެވެ.

މީގެ އިތުރުން މައްސަލަ ބެލުމަށް ފަހު އަޅާ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރާ ކަމަށް ނިންމާ އެކަމަށް ޖަވާބުދާރީވުމަށް އެންގުމުން ލިޔުމުން އޭނާ ވަނީ ޖަވާބުވެސް ދީފައެވެ. ނަމަވެސް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބުރާސްފަތި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނިކުތުމަށް ރޭ އެންގިއެވެ.

އެ އެންގުމަށް ފަހު މިއަދު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމުގެ ލިޔުން ސުކޫލުން ވަނީ ހަވާލުކޮށްފައެވެ.

އަޝްރަފް ބުނީ އޭނާއާމެދު ފިޔަވަޅު އެޅީ ތުހުމަތު ސާބިތުވެގެން ނޫން ކަމަށާ އެއީ ސަރުކާރުން ޒާތީގޮތުން ދިން އަނިޔާއެއް ކަމަށެވެ. އަދި އޭނާގެ ފޭސްބުކް ޕޯސްޓްގައި މީހަކު މަރަން ގޮވާފައިނުވާނެ ކަމަށާ ދިމާވިނަމަ ދިމާވެފައިވަނީ ލިޔެފައި އޮތް އިބާރާތް ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށެވެ. މެންބަރު ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން އޭނާ ތައުބާވާން ޖެހޭ ކަަމަށް އެތައް އިލްމުވެރިންނެއް ވިދާޅުވި ކަަމަށާ އޭނާގެ ޕޯސްޓްގައިވެސް ބުނެފައިވަނީ އެ ވާހަކަތައް ކަމަށެވެ.

"މިއީ އަޅުގަނޑަށް ދިން ވަރަށް ބޮޑު އަނިޔާއެެއް، އެއްވެސް ހަމަހަމަ ކަމެއް ނެތި ނިންމި ވަރަށް ބޭއިންސާފު ނިންމުމެއް،"

އަޝްރަފް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ ސަބަބުން ދަރިވަރުންނާއި މުވައްޒިފުނަަށް ނުރައްކާ އޮތް ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް މި ތުހުމަތު ދޮގުކޮށް ސުކޫލުގެ ވަރަށް ގިނަ ޓީޗަރުން ވަނީ އެޑިއުކޭޝަނަށް ބަޔާން ދީފައެވެ. އަދި އޭނާގެ ދިފާއުގައި މެޖޯރިޓީ ބެލެނިވެރިން ވަނީ ޕެޓިޝަނެއްވެސް ހުށައަޅާފައެވެ.

އަޝްރަފަކީ 2016 ވަނަ އަހަރުން ފެށިގެން ތައުލީމީ ދާއިރާގައި ހިދުމަތް ކުރަމުންދާ މީހެކެވެ. 2016 ވަނަ އަހަރު މާލޭގައި ހިރިޔާގައި ޓީޗަރެއްގެ ގޮތުގައި އުޅުނެވެ. އަދި 2017 ވަނަ އަހަރު އޭނާގެ އުފަން ރަށް ހދ. ކުމުންދޫގައިވެސް ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކޮށްފައިވެއެވެ. އޭނާގެ އަންހެނުންގެ ރަށް ކުޑަފަރީއަށް ބަދަލުވެ އެ ރަށު ސުުކޫލުގައި މަަސައްކަތް ކުރަން ފެށީ 2019 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު އެވެ.