ޓެރަރިޒަމް

ވައްޑޭއަށް އިންޒާރު ދިން ޓީޗަރު ސަސްޕެންޑްކޮށްފި

މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އަށް މަރުގެ އިންޒާރު ދިން ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރު ދީފައިވާ ޕޯސްޓެއް ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަނީ ކޮށްފަ އެވެ. އެގޮތުން ވަހީދު ތައުބާ ނުވެއްޖެނަމަ އޭނާ މަރަން ޖެހޭނެ ކަމަށް އަޝްރަފް ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "އަވަސް" އަށް ވިދާޅުވީ އަޝްރަފްގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާއެކު އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. އަދި މިއަދުން އެއް މަސް ދުވަހަށް އޭނާ ސަސްޕެންޑް ވެސް ކޮށްފައިވާ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުނަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ވަނީ މަރަަށް މަރު ހިފުމަކީ ވަރަށް "ސިކު" ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވަހީދަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. އަދި އެ ވާހަކަތަކާ ގުޅިގެން ވަހީދަށް އެކި އެކި އިންޒާރު ލިބެމުންދާތީ އެމްޑީޕީން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.