މެލޭޝިޔާ

މަދަނީ އަބްދުﷲ މެލޭޝިއާ އިން ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިން ޑިޕޯޓްކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

އަބްދުﷲގެ ގާތް ރަހްމަތްތެރިއެއްގެ ފަރާތުން އަވަސްއަށް އެނގިފައިވާ ގޮތުގައި އަބްދުﷲ މެލޭޝިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ އިމިގްރޭޝަނުން އޭނާ ހިފެހެއްޓީ ޓެރަރިޒަމަށް ހިތްވަރުދޭ ބޭފުޅެއް ކަމަށް ތުހުމަތުކޮށްފަ އެވެ.

"މިއީ ދިވެހި ސަރުކާރުން ތައްޔާރުކޮށްފައި އޮންނަ ލިސްޓެއްގައި ހިމެނޭ ދިވެހިންތަކެއްގެ ތެރޭގައި އަބްދުﷲގެ ނަންވެސް ހިމަނައި އެ މައުލޫމާތު މެލޭޝިއާއާ ވެސް ހިއްސާކޮށްފައި އޮތީމާ އަބްދުﷲއަށް އަރާފައިވާ ތާއްޓެއް ކަމަށް މިހާތަނަށް އެނގިފައިވަނީ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

މެލޭޝިއާގެ ކަމާ ގުޅޭ އިދާރާތަކުގެ ތަހުގީގުގެ ބޭނުމަށް އަބްދުﷲގެ ފޯނުވެސް ވަނީ އަތުލާފަ އެވެ.

އަބްދުﷲއަށް ކޮށްފައިވާ ތުހުމަތަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އޭނާ ފްރޭމްކުރުމަށް ކޮށްފައިވާ އެއްވެސް އަސްލެއް ނެތް ތުހުމަތެއް ކަމަށްވެސް އޭނާގެ ގާތް ބައެއް މީހުން ބުނެ އެވެ.

އަބްދުﷲ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މިސަރުކާރުގައި އޭނާ މީގެކުރިން ސިޔާސީ ބައެއް ކަންކަމުގައި ހައްޔަރުވެސްކޮށްފައިވެ އެވެ.

ވަކިން ހާއްސަކޮށް ޗެނަލް 13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމުގެ އެއް ޕްރެޒެންޓަރުގެ ހައިސިއްޔަތުން އަބްދުﷲ އަކީ ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި އޮންނަނީ އަބަދުވެސް ލޭބަލް ވެފަ އެވެ.