ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން ޖަޒީރާ ސްކޫލެއްގެ ހިންގުމަށް މަސައްކަތް ފަށާފައިވާ އިރު އޭގެ ނަަތީޖާ ވަރަށް އަވަހަށް ފެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަންޔޫބީލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ވަށާޖެހޭ ތައުލީމީ ނިޒާމުގެ ތެރެއިން ތެރެއިން ދަސްވެނިވާއިރު ކޮންމެ ދަރިވަރެއް ހުންނާނީ އަމިއްލަ ޒިންމާ ތަކަށް ފަރިތަވެފައި ކަމަށެވެ. އެގޮތުން، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައި ކަމަށާއި އެކުދިން ތިބޭނީ ސްކޫލުގައި ދަސްކުރި އެއްޗެހި އަމަލީ ގޮތުން ތަންފީޒު ކުރަން އަހުލުވެރިވެފައި ކަމަށެވެ.
އަދި، އަންނަ އަހަރު ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 70 ހާހަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާއިރު މިހާރުގެ ސަރުކާރުގެ 223 ސްކޫލުގެ ތެރެއިން 144 ސްކޫލް މިހާރު އެ ވަނީ އެއް ދަންފަޅި އަށް ބަދަލު ކުރެވިފައި ކަމަށެވެ. އަދި އޭގެ ކުރިން 69 ސްކޫލް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ ތަންފީޒީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި މި ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަ ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތައުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ އިލްމީ ގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު ދިރިއުޅުމުގެ އަމަލީ މައިދާނަށް އެކުދިން އަހުލުވެރި ކުރުވުން. ވަށާޖެހޭ ތައުލީމީ ނިޒާމެއްގެ ތެރެއިން ޖަޒީރާ ސްކޫލެއްގެ ހިންގުމަށް އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައެޅީ މި ދެންނެވި މަަގުސަދު ހާސިލް ކުރުމަށް"
އިތުރަށް ވިދާޅުވީ، ކުޑަފަރީ ސްކޫލަކީވެސް މަތީ ސާނަވީ ފުރިހަމަވަންދެން ކިޔަވައިދޭ ސްކޫލަކަށްވެފައި މަތީ ސާނަވީ ނިމުމަށްފަހު މަތީ ތައުލީމު ހާސިލް ކުރުމަށް ހުރިހާ ދަރިވަރުންނަށްވެސް ބާރު އަޅާ ކަމަށެވެ. އަދި، މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ފަހި ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެދޭ ކަމަށެވެ.
"ގްރޭޑް 12 ނިންމާފައި ކިޔެވުން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިހެން ދަންނަވާއިރުވެސް އެނގޭ އާއިލީ އެތައް ސަބަބުތަކާއި މާލީ އެތައް ދަތިތަކެއް އެކަމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާކަން. މަތީ ތައުލީމް ހާސިލް ކުރުމަށް ތަނަވަސްކޮށްދީފައިވާ ފުރުސަތުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން. އުއްމީދަކީ، ސަރުކާރުން ފަހިކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ވީ އެންމެ ރަނގަޅަކަށް ހިފުން" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުޑަފަރީ ސްކޫލަށް މިހާރު އެންމެ ބޭނުންވެފައި ކަންކަމުގެ ތެރެއިން ސްކޫލުގެ އާ އިމާރާތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ. އަދި އަންނަ އަހަރު ސްކޫލް އާ އިމާރާތުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.
" އާބާދީ ކިތަންމެ ކުޑަޔަސް އެއްވެސް ރަށެއް ބާކީ ނުކުރުމަކީ އެންމެ މުހިއްމު އެއް ސިޔާސަތު. މި ސްކޫލަށް ލިބެންޖެހޭ ވަސީލަތްތަކާއި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ހޯދަދެމުން ދާނަން. އޭގެ ތެރެއިން މި ސްކޫލަށް އެންމެ ބޮޑީ އިމާަރާތުގެ މައްސަލަ. ސްކޫލުގެ އިމާރާތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން. އަދި ސްމާޓް ކްލާސްރޫމްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނަން"
ކުޑަފަރީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން މިއަދު އެ ރަށު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް ހިދުމަތް ކޮށްދިން ފަރާތްތަކަށް ރަމްޒީ ފިލައެއް އަރުވާފަ އެވެ. އެގޮތުން، ކުޑަފަރީ ސްކޫލަށް 10 އަހަރާއި 20 އަހަރު އަދި 30 އަހަރު ހިދުމަތް ކޮށްދިން ފަރާތްތަކަށް ފިލާ ވަނީ އަރުވާފަ އެވެ.