ރައީސް އަބްދުﷲ ޔާމީން

މަރު ކޮމިޝަނުގައި ރައީސް ޔާމީން ހަނުހުންނަވައިފި

Aug 3, 2021
2

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ސުވާލުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މަރު ކޮމިޝަނަށް ހާޒިރުކުރުމުން ހަނުހުންނަވައިފި އެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަރު ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް ވިދާޅުވީ ރައީސް ޔާމީން މިއަދު ކޮމިޝަނަށް ހާޒިރުކުރީ ތުހުމަތުތަކަކާ ގުޅިގެން މުހިއްމު ސުވާލުތަކެއްގެ މައުލޫމާތު ހޯދުމަށް ކަމަށެވެ. އެކަމަކު ތަކުރާރުކޮށް ސުވާލުކުރެއްވުމުން ވެސް ރައީސް ޔާމީން ހަނުހުންނެވީ ކަމުގައި ވިދާޅުވި އެވެ.

"ރިލްވާނާއި އެހެން ބައެއް އާއިލާތަކާއި އަދި ދިވެހި ރައްޔިތުން ވެސް ބޭނުންވާނެ ތުހުމަތެއް އޮތް ނަމަ ޖަވާބުދާރީވާން. ރައީސް ޔާމީނަށް ތަކުރާރުކޮށް ފުރުސަތު ދެއްވުމުން ވެސް ހަނުހުންނެވީ،" މިސްބާހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދައުލަތުގެ އެންމެ އިސް މަގާމު ފުރުއްވި ބޭފުޅަކު އެގޮތަށް އަމަލުކުރެއްވުމުން ކޮމިޝަނުން ހިތާމަކުރާ ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން މަރު ކޮމިޝަނަށް މިއަދު ވަޑައިގަތީ ފަސް ވަކީލަކާ އެކު އެވެ. އެކަމަކު ކޮމިޝަންގެ ބައެއް ކަންކަމާއި ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ އަރިހުގައި އެންމެ ވަކީލަކު މަޑުކުރެއްވުމަށްފަހު އެހެން ވަކީލުން ތަހުގީގު ދޫކޮށް ވަޑައިގަތީ އެވެ. ރައީސް ޔާމީންގެ އަރިހުގައި މަޑުކުރެއްވީ ގާނޫނީ ވަކީލް އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މުހައްމަދު ޝިޔާޒު އެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރުމުން ނޫސްވެރިންނާ ބައްދަލުކުރައްވާ އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހުންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކޮމިޝަނުން ތުހުމަތުކުރަނީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތު ކަމަށެވެ. އެކަމަކު ހުރަސް އެޅުއްވުމަށް ކުރެއްވި ކަމެއް ކޮމިޝަނަށް ބުނެދެވިފައި ނެތް ކަމަށެވެ. ޖަމީލް ވިދާޅުވި ގޮތުގައި ގިނަ ވަގުތު ދިޔައީ ރައީސް ޔާމީން މަރު ކޮމިޝަންގައި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް ތަހުގީގުގައި ހޭދަވީ ފަސް މިނެޓެވެ. ގިނަ ވަގުތުތަކެއް ދިޔައީ ބަޔާނެއްގައި ސޮއި ކުރެއްވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ސިފަ ކުރެވެނީ މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން 2023ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފާނެތީ އެބޭފުޅުންނަށް އޮތް ނުރައްކަލެއް ކަމަށް ހީވެގެން ތަހުގީގީ އިދާރާތަކަށް ނުފޫޒު ފޯރުވައިގެން ސަރުކާރުގެ ބާރުގައި ކުރައްވާ ކަމެއްހެން،" ޖަމީލް ވިދާޅުވި އެވެ.

ގާޒީ ބިލްޑިންގުގައި ހުންނަ މަރު ކޮމިޝަންގެ ތަހުގީގުގައި ރައީސް ޔާމީން ހަނުހުންނެވި ކަމަށް ކޮމިޝަނުން ބުނި ނަމަވެސް ޑރ. ޖަމީލް ވަނީ ކޮމިޝަންގެ ތުހުމަތަށް ރައީސް ޔާމީން އިންކާރު ކުރެއްވިކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ޔާމީންގެ އަރިހުގައި އެންމެ ވަކީލަކު ހުންނެވި ސަބަބު ވެސް ޑރ. ޖަމީލް ވަނީ ސާފުކޮށްދެއްވާފަ އެވެ. އެގޮތަށް އަމަލުކުރެއްވީ ތަހުގީގުގައި ސުވާލުކުރާއިރު ހުންނެވޭނީ އެންމެ ވަކީލަކަށް ކަމުގައި ކޮމިޝަނުން އެންގުމުން ކަމުގައި ވިދާޅުވި އެވެ. އެއީ ތަހުގީގީ އެހެން އިދާރާތަކުން އަމަލުކުރާ ގޮތެއް ނޫން ކަން ވެސް ފާހަގަކުރެއްވި އެވެ.

މިނިވަން ނޫހުގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގައެވެ. ޓެރަރިސްޓު ޖަމާއަތް އަލްގައިދާ އަށް ތާއީދުކުރާ ދިވެހިންގެ ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތީ ކަމަށް މަރު ކޮމިޝަނުން ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ. ނޫސްވެރިންގެ އެ ބައްދަލުވުމުގައި ކޮމިޝަންގެ އޭރުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރިލްވާންގެ މައްސަލައިގައި ރައީސް ޔާމީނަށް ދައުވާ ކުރެވޭނެ ހެކި ކޮމިޝަނަށް ލިބިފައި ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދައި އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ވައުދު ފުއްދުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ރައީސް ސޯލިހް ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު، ނޮވެމްބަރު 17، 2018 ވަނަ ދުވަހު މަރު ކޮމިޝަން އުފެއްދެވެމުގެ ރިޔާސީ ގަރާރު ނެރުއްވާ ކޮމިޝަނަށް މެންބަރުން އައްޔަންކުރައްވާފަ އެވެ. ނަމަވެސް މަރު ކޮމިޝަނުން ނިންމި އެއްވެސް މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް އަދި ދައުވާ އުފުލާފައެއް ނުވެ އެވެ.