ބޮލީވުޑް

ސޯނޫ އާއި ޝާން: ލަވަކިޔުންތެރިންތަ؟ ބޮޑީ ބިލްޑަރުންތަ؟

ބޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސޯނޫ ނިގަމް އާއި ޝާންގެ މާގިނަ ލަވަތަކެއް މިހާރަކަށް އައިސް އެއްގޮތަކަށް ވެސް ނީވެ އެވެ. އެ މީހުންނަށް ކިޔާނެ ލަވަ ނުލިބެނީ ކަމެއް ނުވަތަ އެމީހުން ލަވަ ކިޔަން ބޭނުން ނުވަނީ ކަމެއް ނޭނގެ އެވެ. ޔަގީންވާ ކަމަކީ މި ދެ ލަވަކިޔުންތެރިން މިހާރު ފެންނަނީ ލަވަ ކިޔުމަށް ވުރެ ބޮޑީ ބިލްޑްކުރުމުގެ ޝައުގުވެރިކަން ތަންކޮޅެއް ބޮޑުވެގެން އުޅެނިކޮށެވެ.

ސޯނޫގެ އުފަން ދުވަހުގެ އުފަލުގައި ޝާން ހިއްސާކުރި ފޮޓޯއެއްގައި ވެސް ފެންނަނީ އޭނާ އާއި ސޯނޫ ރަނގަޅަށް ކަސްރަތުކޮށްފައި ނުކުމެ ތިބި މަންޒަރެވެ. އަދި މި ދެ ފަންނާނުން ހަށިގަނޑު ވަރުގަދަކުރަން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅަށް މި ފޮޓޯއިން ހާމަވެ އެވެ. އެމީހުންގެ ހަށިގަނޑު ވަރުގަދަ ވުމުގެ އިތުރުން ބައިސެޕްސް ވެސް ވަރަށް ފުއްޕާލާފައި ހުއްޓާ މި ފޮޓޯގައި ފެނެ އެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު މި ދެ ލަވަކިޔުންތެރިންގެ ފޭނުން ހީވީ މޮޔަވި ހެންނެވެ. އެމީހުންގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުން ހައިރާންވެ އަންތަރީސް ވެއްޖެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯނޫ އާއި ޝާން އަށް ވަރަށް ތައުރީފުކޮށްފަ އެވެ.

ކޮމެންޓުކުރި އެކަކު ކުރި ސުވާލަކީ މިއީ ލަވަކިޔުންތެރިންތޯ ނުވަތަ ބޮޑީ ބިލްޑަރުންތޯ އެވެ. އަނެއް މީހަކު ބުނީ އެއީ ބޮޑީ ބިލްޑަރު ލަވަކިޔުންތެރިން ކަމަށެވެ.

ދާދިފަހުން ބޮލީވުޑްގެ އޮންލައިން ނޫހަކަށް ޝާން ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާ ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައި ނުދެނީ ކީއްވެތޯ މީހަކު އޭނާއާ ސުވާލުކުރުމުން ވަރަށް ހިތަށް އަސަރު ކުރި ކަމަށެވެ.

"ދެ ތިން މަހަކުން އަހަރެން އެބަ ލަވައެއް ރިލިޒްކުރަން. ބޮލީވުޑް ފިލްމުތަކުން އަހަރެންގެ ލަވަތައް ނީވޭތީ ދެރަވާނަމަ އެ ލަވަތައް އަޑުއަހާލަން އަހަރެން އެދެނީ،" ޝާން ބުންޏެވެ.

ޝާން ބުނި ގޮތުގައި ފާއިތުވީ ދެތިން އަހަރު ތެރޭ 20 ވަރަކަށް އޮރިޖިނަލް ލަވަ ތައްޔާރުކޮށް އަމިއްލަ ޔޫޓިއުބު ޗެނަލްގައި ރިލީޒްކޮށްފައި ވާނެ އެވެ. އެއީ އެހެން މިއުޒިކް އަލްބަމްތަކަށް ލަވަ ކިޔައިދިނުމުގެ އިތުރުން އޭނާ ކޮށްފައިވާ މަސައްކަތް ކަމަށް ޝާން ބުންޏެވެ.

އަނެއްކޮޅުން ސޯނޫ މި ދުވަސްވަރު އެއްގޮތަކަށް ވެސް ހިންދީ ފިލްމުތަކަށް ލަވަކިޔައިދީއެއް ނޫޅެ އެވެ. ސޯނޫ އާއި އިންޑަސްޓްރީގެ ގިނަ ބަޔަކާ އެކި މައްސަލަތައް ޖެހި އެމީހުން އޭނާ ލައްވާ ލަވަ ކިޔުއްވަން ބޭނުން ނުވަނީ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.