ބޮލީވުޑް

އިޒްރޭލުގެ ގައުމީ ސަލާމް ކޮޕީކުރިކަމުގެ ތުހުމަތު އަނޫ މާލިކަށް

ބޮލީވުޑް މިއުޒިކް ޑައިރެކްޓަރު އަނޫ މާލިކަށް ގިނަ ބައެއްގެ ފާޑުކިޔުން އަބަދުވެސް އަމާޒުވަމުން ދެއެވެ. އެހެން މީހުން ތައްޔާރުކޮށްފައި ހުންނަ މިއުޒިކް ކޮޕީކުރާ ކަމަށް ބުނެ އެވެ. އެގޮތުން އަނޫ އުފެއްދި ގިނަ ލަވަތަކަކަށް މި ތުހުމަތު މިގޮތަށް ކޮށްފައި ވެއެވެ. ބައެއް މީހުން ވަނީ އެ ލަވަތަކުގެ އޮރިޖިނަލް ލަވަ ސޯޝަލް މިޑިއާގައި ޝެއާކޮށް އަނޫ އަށް ވަރަށް މަލާމާތް ވެސް ކޮށްފަ އެވެ.

މިހާރު އަނެއްކާވެސް އިންޓަނެޓުގައި އަނޫ، ޓްރެންޑް ވަމުން ދަނީ ހަމަ އެ ކަހަލަ ކަމަކާ ހެދި އެވެ. މިފަހަރުގެ އޮލިމްޕިކް ގޭމްސްގައި އިޒްރޭލަށް މެޑަލް އެއް ލިބުމުން ސްޓޭޑިއަމްގައި އިޒްރޭލުގެ ގައުމީ ސަލާމް ކުޅުނެވެ. އަނޫ ކޮމްޕޯސް ކޮށްފައިވާ "މޭރާ މުލްކް މޭރާ ދޭޝް" އާ އިޒްރޭލުގެ ގައުމީ ސަލާމުގެ ރާގު ވަރަށް އެއްގޮތްކަން ގިނަ ބަޔަކަށް ފާހަގަ ކުރެވުމާއެކު އެންމެންތައް ހީވީ އަނޫ މަލިކު ރޮލާ ކައިފާނެ ހެންނެވެ. މުޅި ދުވަހުވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކުރި މަސައްކަތަކީ އަނޫއާ ދިމާ ކުރުމެވެ.

އެގޮތުން ރާހޫލް ރޯޝަން ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނީ އިޒްރޭލަށް މުޅި އުމުރުގައި ވެސް ލިބުނު ދެ ވަނަ ގޯލްޑް މެޑަލް މިފަހަރު ލިބުމުން އިންޑިޔާ މީހުން ހަނދާންވީ އަނޫ މާލިކު މަތިން ކަމަށެވެ.

"ދިލްޖަލޭ"ގެ 'މޭރާ މުލްކް މޭރާ ދޭޝް'

އެހެން މީހަކު ކުރި ޓުވީޓެއްގައި ބުނީ އިޒްރޭލުގެ ގައުމީ ސަލާމް ވެސް އަނޫ މާލިކު ދޫނުކޮށްލި ކަމަށެވެ. އެވެސް އެންމެ ފަހުން ކޮޕީ ކޮށްފައި ކަމަށެވެ. ވައްކަން ކުރިޔަސް ތިއީ ބޮޑުވަރު ކަމަށް އެމީހާގެ ޓުވީޓުގައި ލިޔެފައިވެ އެވެ.

އިތުރު މީހަކު ކުރި ޓުވީޓެއްގައި ބުނީ 25 އަހަރު ވަންދެން އެއް ބިލިއަން މީހުން މޮޔަ ހެއްދުމުގައި އަނޫ މާލިކު ކާމިޔާބު ހޯދާފައިވާ ކަމަށެވެ. އޭނާ އެހެން މީހުންނަށް މަކަރު ހަދަނީ ކަން އެއްވެސް މީހަކަށް އަންގާވެސް ނުލާ ކަމަށާއި މިކަމަށްޓަކައި އަނޫ މާލިކަށް ގޯލްޑް މެޑަލް ހައްގު ކަމަށް އެމީހާ ލިޔެފައިވެ އެވެ.

މީހުން އަނޫ އަށް މަލާމާތް މިކުރާ ލަވަ އަކީ 1996 ގައި ރިލީޒްކުރި އަޖޭ ދޭވްގަން އާއި ސޮނާލީ ބެންޑްރޭ ލީޑް ރޯލު ކުޅެފައިވާ "ދިލްޖަލޭ"ގެ ލަވައެކެވެ.

އިންޓަނޭޝަނަލް މިއުޒިކްގެ ތަންތަންކޮޅު ކޮޕީ ކޮށްގެން އަނޫ ލަވަ ކޮމްޕޯޒްކުރާ ކަމުގެ ތުހުމަތު އަބަދުވެސް ގިނަ ބަޔަކު އޭނާ އަށް ކުރެ އެވެ. މިފަހަރު އޭނާ ކުރި ކަންތައް ފަޅާ މިއެރީ ވަރަށް މޮޅަށެވެ.