ޓޯކިއޯ އޮލިމްޕިކްސް 2020

އެމެރިކާގެ ފިރިހެން ބާސްކެޓް ޓީމު އޮލިމްޕިކްސްގެ ސެމީ ފައިނަލަށް

މިހާރު ކުރިއަށްދާ ޓޯކިޔޯ 2020 އޮލިމްޕިކްސް ބާސްކެޓް ބޯޅައިގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ފަހު ޖާގަ އެމެރިކާ ޓީމުން ކަށަވަރު ކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ކުއާޓާ ފައިނަލުގައި ސްޕެއިން ބަލި ކުރުމަށް ފަހު އެވެ.

އަންގާރަ ދުވަހު ކުޅުނު ކުއާޓާ ފައިނަލުގައި ޔޫއެސް ޓީމުން 95 ޕޮއިންޓް ކާމިޔާބު ކުރި އިރު، ސްޕެއިން ޓީމަށް ކާމިޔާބު ކުރެވުނީ 81 ޕޮއިންޓެވެ.

މި މެޗުގައި އެންމެ މޮޅު ކުޅުމެއް ފެނިފައި ވަނީ އެމެރިކާ ޓީމުގެ ކެވިން ޑުރާންޓްގެ ފަރާތުންނެވެ. އޭނާ ވަނީ ކުއާޓާ ފައިނަލް މެޗުގައި 29 ޕޮއިންޓް އެމެރިކާ ޓީމަށް ހޯދައިދީފަ އެވެ. އޭގެ ތެރެއިން 13 ޕޮއިންޓް ކާމިޔާބު ކުރީ ދެވަނަ ކުއާޓާގަ އެވެ.

މި މެޗުގެ ދެވަނަ ކުއާޓާގައި ސްޕެއިނުން ވަނީ 40 ޕޮއިންޓް 29 ޕޮއިންޓާއި އެކު 11 ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. ސްޕެއިނުން މި ލީޑު ނެގުމުގައި ރިކީ ރޫބިއޯގެ ފަރާތުން ފެނިގެން ދިޔަ މޮޅު ކުޅުން ފާހަގަކުރެވެ އެވެ. އޭނާ ވަނީ މި މެޗުގައި 38 ޕޮއިންޓް ސްޕެއިންގެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.

ނަމަވެސް ދެވަނަ ކުއާޓާ ނިމުމުގެ ކުރިން އެމެރިކާ ޓީމުން ވަނީ 43 ޕޮއިންޓް 43 ޕޮއިންޓުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން އެމެރިކާ ޓީމުން މެޗުގެ ލީޑު ނެގީ ތިންވަނަ ކުއާޓާގަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އެމެރިކާ އާއި ބައްދަލުކުރާނީ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އަތުން މޮޅުވި އޮސްޓްރޭލިއާ އެވެ.

ސެމީ ފައިނަލުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ފްރާންސާއި ސްލޮވާކިއާ އެވެ. އެ ގައުމު ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ޖަރުމަނު ބަލިކޮށްގެންނެވެ. ފްރާންސް ސެމީ ފައިނަލަށް ދަތުރު ކުރީ އިޓަލީ އަތުން މޮޅުވެގެންނެވެ.