ހޮލެންޑް

ނެދަލެންޑްސްގެ ކޯޗަކަށް ވެންހާލް

ނެދަލެންޑްސްގެ ކޯޗަކަށް ލުއިސް ވެންހާލް ހަމަޖައްސައިފި އެވެ.

ވެންހާލް ނެދަލެންޑްސްގެ ކޯޗަކަށް ހަމަޖައްސާ ނެދަލެންޑްސްގެ ސޮކާ ފެޑެރޭޝަނުން އެކަން އިއުލާނު ކުރީ މިއަދު އެވެ.

ނެދަލެންޑްސްގެ ކޯޗަކަށް ވެންހާލް ހަމަޖެއްސީ މިދިޔަ ޔޫރޯ 2020 ގައި މާރަނގަޅު ނަތީޖާއެއް އެޓީމަށް ނުދެއްކުމުން އޭރު ހުރި ކޯޗު މަގާމުން އިސްތިއުފާ ދިނުމުންނެވެ. އޭރު ނެދަލެންޑްސްގެ ކޯޗަކަށް ހުރީ ފްރޭންކް ޑިބޯއާ އެވެ. އޭނަ އިސްތިއުފާ ދިނީ ޔޫރޯ 2020ގެ ގަދަ 16 ގައި ޗެކް ރިޕަބްލިކް އަތުން ނެދަލެންޑްސް ބަލިވެ މުބާރާތުން ކެޓުމުންނެވެ.

ޑިބޯއާގެ ކޯޗިން ހަޔާތް ފެނިގެން ގޮސްފައި ވަނީ ބަލާލަން އެހަ ފަސޭހަ ގޮތަކަށް ނޫނެވެ. އިންޓަ މިލާންގެ ކޯޗް ކަމުގައި 2016 ވަނަ އަހަރު އޭނާ އަށް ހޭދަ ކުރެވުނީ 85 ދުވަހެވެ. އެއަށް ފަހު މަގާމުން ވަކި ކުރި އެވެ. ޖެހިގެން އައި އަހަރު ކްރިސްޓަލް ޕެލަސްއާ އެކު އޭނާ ހޭދަ ކުރީ 10 ހަފުތާ އެވެ. އެންމެ ފަހުން އޭނާ މަސައްކަތް ކުރީ އެމެރިކާގެ އެޓްލާންޓާ ޔުނައިޓެޑްގަ އެވެ. އެ ޓީމާއެކު ޔޫއެސް އޯޕަން ކަޕް ކާމިޔާބު ކުރި އެވެ. އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަކިވީ 2020 ވަނަ އަހަރު ޖުލައި މަހު އެވެ.

ނެދަލެންޑްސްގެ ކޯޗަކަށް ޑީބޯއާ ހަމަޖެއްސީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ.

މިއަދު ޓީމާއި ހަވާލުވި ވެންހާލް ވަނީ މީގެ ކުރިންވެސް ނެދަލެންޑްސްގެ ކޯޗުކަން ދެފަހަރެއްގެ މަތިން ކޮށްފަ އެވެ. އުމުރުން 69 އަހަރުގެ ވެންހާލް ނެދަލެންޑްސް ޓީމަށް އެންމެ ފުރަތަމަ އިރުޝާދު ދިނީ 2000 އިން 2002 އަށެވެ. އެފަހަރު އޭނާ ޓީމާއި ހަވާލުވީ ވޯލްޑް ކަޕަށް ޓީމު ކޮލިފައި ނުވުމުންނެވެ.

ވެންހާލް ނެދަލެންޑްސް ޓީމާއި އެކު އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައި ވަނީ ދެވަނަ ފަހަރު ޓީމާއި ހަވާލުވެފަ އެވެ. އެފަހަރު އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ނެދަލެންޑްސް އަށް ކާމިޔަބު ކޮށްދީފަ އެވެ.

ތަޖުރިބާކާރު ވެންހާލް ވަނީ ދުނިޔޭގެ ބޮޑެތި ކްލަބްތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އެގޮތުން ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ބަޔާން މިއުނިކަށްވެސް ވެންހާލް ކޯޗުކަން ކޮށްދިނެވެ. އަދި 1995 ވަނަ އަހަރު އޭނާ ވަނީ އަޔަކްސްއަށް ޗެމްޕިއަންސް ލީގުވެސް ހޯދައިދީފަ އެވެ.