(1 އޯގަސްޓް 2021 އާ ގުޅޭ)
"ލައިޒަލް..." ނިދިބަރުކަމާއެކު ހޭލަން ބޭނުންނުވެފައި އޮވެ ނީރާ ގޮވާލިއެވެ.
"މޯނިންގް ލަވް." ނީރާގެ ނޭފަތުކޮޅުގައި ބޮސްދީފައި ލޯބިން ލައިޒަލް ބުނެލިއެވެ.
ނީރާ ލޯ ހުޅުވާލުމުގެ ބަދަލުގައި އެނބުރީ އަނެއް ފަރާތަށެވެ. އޭނާއަށް ހޭލެވިއްޖެއެވެ. ލައިޒަލްއާ ހަތަރުކަޅި ހަމަކުރަން ލަދުގަތީއެވެ. ރޭގައި ހިނގައިދިޔަ ހުރިހާ ކަމެއް ހަނދާނުގެ ލޯގަނޑަށް ފުނިޖެހެމުން ދިޔައެވެ. ރޭގެ އެ މަންޒަރުތަކުގައި ލައިޒަލްއެކޭ އެއްފަދައިން ޝާމިލުވަމުންދިޔަ ނީރާއަކީ ކާކުކަމެއް ހުދު ނީރާއަށް ވެސް ނޭނގެއެވެ. އެފަދަ ކެރުންތެރިކަމެއް އޭނާގެ ހުރެދާނޭ ނީރާ ހިޔެއް ނުކުރެއެވެ. އެ ހަށިގަނޑުގައި ލައިޒަލް ނުބީހޭ އެންމެ ތަންފުކެއް ވެސް ނެތެވެ. ބިރުގަނެ ޖެހިލުންވީ ނަމަވެސް ލައިޒަލްގެ މައްޗަށް ބަޔާންކުރަން ނޭނގޭ ފަދަ އިތުބާރެއް ނީރާގެ އޮތެވެ.
"ނީ... ހޭލާކަން އެނގޭ ތިއޮތީ." ނީރާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލާ ކަނދުރާގައި ލައިޒަލް ބޮސްދިނެވެ.
"އައި ހޭވް ޓު ގޯ." ނީރާ ތެދުވަން އުޅުނެވެ. ހުސިޔާރުކަމާއެކު ނީރާގެ ގައިގާ ލައިޒަލް ހިފިއެވެ. ތަންމައްޗަށް ވައްޓާލިއެވެ.
"އަބީނާ ޖާއޯ ޗޯޅުކަރް، ޔެ ދިލް އަބީ ބަރާ ނެހީ..." ސިއްރެއް ފަދައިން ނީރާގެ ކަންފަތް ދޮށުގައި ލައިޒަލް ބުނެލިއެވެ. އެހިނދު ކުއްލިއަކަށް ނީރާގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ. ބާރަށް ހެމުންދިޔަ ނީރާ އިހުނަށްވުރެ ލައިޒަލްއާ ގާތަށް ދަމާލިއެވެ. ނީރާގެ ހިތް ލައިޒަލްއަށް ފިދާވަނީ އެހެންވެއެވެ. ލައިޒަލްގެ ގެންގުޅޭ ހީނުކުރާ ފަދަ ސަމާސާ ކުރުންތަކުންނެވެ. ކޮށްފާނޭ ހީނުކުރާ ކިތަންމެ ކަމެއް ލައިޒަލްގެ ފުށުން ނީރާ ދުށްޓެވެ. އޭނާ ފެންނަ މީހަކަށް ހީވާނީ އެއީ ހިނިތުންވާން ނޭނގޭ، ޖަޒުބާތާއި ޝުއޫރު ފާޅުކުރަން ނުކުޅެދޭ ސީރިއަސް މީހެއް ހެންނެވެ. މީހުން ކުރިމަތީ އޭނާ ހުންނަނީ މަޑުމައިތިރިކޮށެވެ. ބަސްމަދެވެ. އެކަމަކު އެ ސިކުނޑީގައި ކުރިއަށްދާ ޕާޓީގެ ކުލަގަދަވެފައި ފޯރިގަދައެވެ.
"ނީ..." ލައިޒަލް ގޮވާލިއެވެ.
ނީރާ އެނބުރިލިއެވެ. ލައިޒަލްއަށް ބަލާލިއެވެ. ތަރުތީބުގެއްލި ހޭވިފައިވާ ލައިޒަލްގެ އިސްތަށިގަނޑުން ފެށިގެން އެ މޫނަށް ފަރުވާތެރިކަމާއެކު ނީރާގެ ނަޒަރު ދަތުރުކޮށްލިއެވެ.
"ހަވީރުން ދާނީ." ނީރާއަށް ބަލަން އޮވެ ލައިޒަލް ބުންޏެވެ.
"އެވަރުން ހިތް ފުރޭނަތަ؟" ހިނިތުންވުމަކާއެކު ބޯއަރިކޮށް ބަލަމުން ނީރާ ސަމާސާކޮށްލިއެވެ.
"ނުފުރޭނެ... އެކަމަކު މިއަދަށް ފުދޭނެ." ލައިޒަލް ހިނިތުންވެލިއެވެ. ނީރާ ހީނލިއެވެ.
ލައިޒަލްގެ އަތުގެތެރެއަށް ނީރާ ގެނެވުނެވެ. އެއާއެކު ލައިޒަލްގެ ހިތުގެ އެދުން އޭނާގެ ބީހުންތަކުން ނީރާ ދެނެގަތެވެ. މުޅި ދުވަހު އެނދުގައި އޮންނަން ލައިޒަލް ގަސްދުކުރާ ކަހަލައެވެ. ވަރުބަލިކަމުގެ ތެރެއިން ނީރާގެ ދެ ލޯ މެރުނީއެވެ. ލައިޒަލްގެ ނޭވާގެ ހޫނުކަން ނީރާގެ މޫނަށް އެޅިއެޅި ހުއްޓެވެ. އެހެން އޮވެވުނީ ކިހާއިރަކުކަމެއް ނީރާއަށް ނޭނގެއެވެ. ލޯ ހުޅުވުނުއިރު އެނދުގައި އޮތީ އޭނާ އެކަންޏެވެ. ލައިޒަލް ފެންނާކަށް ނެތެވެ. މަޑުމަޑުން އެނދުން ނީރާ ފޭބިއެވެ. ކޮޓަރީގަ ހުރި ގޮނޑީގައި އަޅުވާލެވިފައި އޮތް ލައިޒަލްގެ ޓީޝާޓު އޭނާ ނެގިއެވެ. ގަޔަށް ހެޔޮވަރުކޮށްލުމާއެކު ޓީޝާޓުގެ ތެރެއިން އިސްތަށިގަނޑު ނެރިލިއެވެ. ކޮޓަރިން އޭނާ ނުކުތްއިރު އެ އެޕާޓްމެންޓުގެ ބަދިގޭގައި ހަމައެކަނި ސްވެޓްޕޭންޓްސްއެއްގަ ހުރެ ލައިޒަލް ހަރަކާތްތެރިވާތީ ފެނުނެވެ.
"ހާއި..." ނީރާ ގޮވާލިއެވެ. އެ އަޑަށް ބަލާލި ލައިޒަލްގެ ނަޒަރު ފުރަތަމަ ވެސް ހުއްޓުނީ ބުޑާހަމައަށް ހުރި ޓީޝާޓުގެ ދަށުން ފެންނަމުން ދިޔަ ނީރާގެ ދެފަޔަށެވެ. މާނަވީ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ.
"ސައިބޯންވީނު." ލައިޒަލް އަހާލިއެވެ. ތަށިތައް ގެނެސް ވަށްކޮށް ހުރި ކާމޭޒުމަތީ ލައިޒަލް ބަހައްޓާލިއެވެ. ނީރާއާއެކު ކާމޭޒުދޮށުގައި އޭނާ އިށީނެވެ.
"މިތާ އެކަނިތަ އުޅެނީ؟" ނީރާ އަހާލިއެވެ.
"މީ އަންހެންކުދީން ގޮވައިގެން އަންނަތަން." ނީރާއަށް ބަލާލުމެއްނެތި ކާން އިނދެ ލައިޒަލް ބުނެލިއެވެ. ސިއްސައިގެން ދިޔަފަދަ އަސަރެއް ނީރާގެ މޫނުން ވަގުތުން ފާޅުވިއެވެ. އިރުކޮޅަކު ލައިޒަލްއަށް ބަލަން ނީރާއަށް އިނދެވުނެވެ. އިސްއުފުލާ އޭނާ ނީރާއަށް ބަލައެއް ނުލިއެވެ. ނީރާ ހިމޭންކަން ހިޔާރުކުރިއެވެ. ލައިޒަލް އެފަދަ އެއްޗެއް ބުނީ ނީރާއަށް ސިހުން ލިބޭނެކަން އެނގި ހުރެއެވެ. އެ އަންހެންކުއްޖާއާއެކު ހޭދަކުރި ވަގުތަށްފަހު އޭނާއަށް ވާގޮތް ބަލާލުމަށް ލައިޒަލް ކޮށްލި ސަމާސާއެކެވެ.
"ސުވާލެއް ނުކުރާނަންތަ؟" ނީރާ ހިމޭންވެ އިނދެ ސައިބޮމުން ދާތީ ލައިޒަލް އަހާލިއެވެ.
"ވަރަށް ސާފުކޮށް ބުނެދީފި، އެކަމުގައި ސުވާލު ކުރާނޭ ފުރުސަތެއް އޮތް ކަމަކަށް ނުދެކެން." ހިތަށްވީ އުނދަގުލެއްގެ ސަބަބުން ނީރާއަށް ނަޒަރު އުފުލާލުން ވެސް ވީ ބޮޑުކަމަކަށެވެ. ލައިޒަލްއަށް ބަލާނުލީ އެހެންވެއެވެ.
"ނީރާ." ނީރާގެ ހިމޭންކަމަށް ލައިޒަލްއަށް ކެތެއް ނުކުރެވުނެވެ.
"ކީއްވެ ބުނީ؟ ނުބުނިނަމަ..." ނީރާއަށް ކޮށްފައިވާ އަސަރު އެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ. ލައިޒަލް ކަންބޮޑުވީވަރުން ގޮނޑިން ތެދުވިއެވެ. ނީރާގެ ގާތަށް އައިސް ކުޑަކަކޫ ޖަހާލިއެވެ. އަވަސްއަވަހަށް އެއީ ދޮގެކޭ ބުނެލިއެވެ. އޭނާގެ ބޭންޑު ޕްރެކްޓިސް ކުރާނޭ ތަނެއް ނެތީމަ ހިފާފަ ހުރި އެޕާޓްމެންޓެއް ކަމުގައި ލައިޒަލް އޮޅުންފިލުވާ ދިނެވެ. ނީރާގެ ދެއަތުގައި ހިފާލަމުން ގޮނޑިން ނެގިއެވެ. އޭނާއަށް ޕްރެކްޓިސް ކުރާ ކޮޓަރި ދެއްކިއެވެ. ލައިޒަލްގެ ހާމައަށް އޮތް މޭގައި ނީރާގެ ދެއަތް ގެނެސް ޖައްސާލިއެވެ. އެ ހާމަ ހަށިގަނޑުގައި އަތްލީ ފުރަތަމަ އަންހެންކުއްޖަކީ ނީރާ ކަމުގައި ލައިޒަލް ބުންޏެވެ. އަދި އެ ފުރުސަތު އޭނާ އެހެން އަންހެނަކަށް ދޭން ބޭނުންނުވާކަން ބުނެލިއެވެ. ލައިޒަލްގެ ގައިގާ ނީރާ ވިކައިގަތެވެ. ތަދުވިގެން ފިރުމާލި ލައިޒަލް ހޭންފެށިއެވެ.
"އެކަހަލަ ސަމާސާއެއް ދުވަހަކުވެސް ނުކުރާތި." ނީރާ ތުންދަމާލިއެވެ. ލައިޒަލް ދެ ކަންފަތުގައި ހިފާލައި މަޢާފަށް އެދުނެވެ.
* * * * *
ބެލްކަނީގައި ހުރިއިރު އެހާ މަތިން ވެސް އީހާނުގެ ލޮލުގައި އިމާރާތުގެ ތިރިއަށް ވަންނަން އައި ކަޅުކުލައިގެ ކާރު ފެނުނެވެ. ލައިޒަލް ދުއްވާ ކާރާ އެ ކާރު އީހާނަށް ވައްތަރުވިއެވެ. ފަހަރެއްގައި އޭނާ ލައިޒަލްއާ މެދު ފިކުރުކުރަން ހުރީތީ ހީވީކަމަށް ވެދާނޭ އީހާން ހީކުރިއެވެ. މިފަހަކަށް އައިސް އޭނާ އެންމެ ގަޔާނުވާ މީހާއަށް ލައިޒަލް ވެއްޖެއެވެ. އެކުވެރިއެއްގެ ގޮތުގައި ޔަމާނު އެމީހުންނަށް ލައިޒަލް ތައާރަފްނުކޮށްދިންނަމައޭ އީހާން ހިތަށް އަރައެވެ. ނީރާގެ ސަމާލުކަން ލައިޒަލް އަތުލާ ގޮތް އީހާނަށް ކަމުނުދަނީއެވެ.
"ނީރާ..." ގޭތެރެއިން މަންމައާ އަންހެނަކު ވާހަކަދެއްކި އަޑު އިވުމާއެކު އީހާނަށް ކިޔާލެވުނެވެ. ހަލުވިކޮށް އައިސް ގޭތެރެއަށް ވަނެވެ. ނީރާ ފެނި އީހާން ހުއްޓުން އެރިއެވެ. ހިނިތުންވެ މަންމައާ ވާހަކަދައްކަން ހުރި ނީރާ ބަދަލުވެއްޖޭ އީހާނުގެ ހިތް ބުނީ ކީއްވެކަމެއް ނޭނގެއެވެ. ނީރާގެ ދެ ލޮލުން ކުރީން ނުފެންނަ ތަފާތު ދިރުމެއް ފާޅުވޭވޭ ހުއްޓެވެ. އުފާވެރިކަމުގެ އުޖާލާކަން އެ މޫނުގައި ވެއެވެ.
"މިހުރިހާއިރު ކޮންތާކު އުޅުނީ؟. ދުވަހަކުވެސް ސްލީޕްއޯވާއަކަށް ދައުވަތު ދޭނޭ އެކުވެރިއަކު ނީރާގެ ނެތް. ދެން ކުއްލިއަކަށް ކޮންތާކުން އެފަދަ ދައުވަތެއް ދޭނޭ ރައްޓެއްސަކު ފާޅުވީ..." ސުވާލުތައް ޝަކުވާތަކެއްގެ ސިފައިގަ އީހާނުގެ ހިތުގައި ފުނިޖެހުނެވެ.
"އީހާން." ނީރާ ގޮވާލީ ހިނިތުންވެ ހުރެއެވެ. ރޭގައި އީހާން ދުށް ނުރުހުމުގެ އެއްވެސް އަސަރެއް ނީރާގެ ނެތެވެ. މަންމާއާ ދެމީހުން ކޮންމެވެސް ވާހަކައެއް ދެއްކުމާއެކު ހީނގަތެވެ. ކައިރީގަ ހުރިއިރު ވެސް އެ އަޑު އީހާނަކަށް ނީވެއެވެ. އެ ދެ ލޮލަށް ހަމައެކަނި ފެންނަނީ ނީރާއެވެ. އޭނާގެ ކޮންމެ ހަރަކާތެކެވެ. ނީރާގެ ތުންފަތަށް އީހާންގެ ނަޒަރު ހުއްޓުނެވެ. އެ ތުންފަތުގައިވަނީ ތަފާތު ރަތްކަމެކެވެ. އުނދަގޫ ގޮތަކަށް އޭނާއަށް ހިންދިރުވާލެވުނެވެ. އީހާންގެ ހިމޭންކަން ނީރާއަށް ފާހަގަނުވާ ކަހަލައެވެ. އޭނާ ގޮސް ކޮޓަރިއަށް ވަންނަން ދެން އީހާން ބަލަން ހުރީއެވެ. އެއަށްފަހު އީހާނު ވެސް އައިސް ކޮޓަރިއަށް ވަނެވެ.
އެނދުގައި އިށީނުމާއެކު ފައިގެ ދެފަރާތުން ވިއްދާލި ދެއަތުގެ ތެރެއަށް ރަޖާގަނޑު އީހާނަށް ބޮނޑިކޮށްލެވުނެވެ. އޭނާ ދެ ލޯ މަރާލިއެވެ. ނަފްސު ހަމައަކަށް އެޅުވުމަށް ފުންކޮށް ނޭވާލިއެވެ. އެގޮތުގައި އިރުގަނޑު އިނެވެ. ދެން އެނދުގައި އުއްޑުން އޮށޯތެވެ. މެޔާ ދިމާއިން ދެއަތުގެ އިނގިލިތައް މަހާލެވިފަ ވިއެވެ. ކޮޓަރިއަށް ވެރިވެފައި ފަނޑުކަމުގެ ތެރޭ އޭނާ ހިމޭންވެ އޮވެ ފިކުރު ކުރަނީއެވެ. މާޒީގެ ސަފުހާތައް އުކަނީއެވެ. ނީރާއާއެކުވީ ކޮންމެ މަންޒަރެއް އޭނާ ބަލަނީއެވެ.
"ކީއްވެ މިހެންވާންވީ..." ކުއްލިއަކަށް އީހާން އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ.
ލަމްހާ އައިސް ގޮވަންދެން އީހާން އޮތީ ކޮޓަރީގައެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ޖެހިގެން އެންމެން ކާމޭޒު ދޮށަށް ޖަމާވިއެވެ. ޖޫސްތަށި ބޯލައިގެން ނީރާ ބޭނުންވީ ނިދަން ދާށެވެ. ބޭރުގައި އުޅުމުން އޭނާ މާބޮޑަށް ވަރުބަލިވެއްޖެކަމުގައި މަންމަ ކައިރީ ބުންޏެވެ. ލަމްހާ ޝަކުވާއެއް ނުކުރިއެވެ. ނީރާ ދަމުން "ގުޑްނައިޓް" އޭ ބުނެލިއެވެ.
"އީހާން، ނީރާއާ ވާހަކަނުދައްކަންތަ ތިއިންނަނީ؟" އީހާން މާމަޑުން އިނީތީ ލަމްހާ ބުނެލިއެވެ.
"މިފަހަރު ކޮންމައްސަލައެއް ޖެހުނީ؟" ސުޖާއު ނެގީ ސަމާސާއެއްގެ ގޮތުގައެވެ.
"ކަމެއްނުވޭ." އީހާން ބުނެލިއެވެ. އޭނާ ޖަދަލުނުކުރީތީ ސުޖާއު ހައިރާންވިއެވެ. ލަމްހާއަށް ލޮލުން އިޝާރާތްކޮށްލީ ވީ ކީއްތޯ އަހާލާ ފަދައިންނެވެ. ލަމްހާ ދެ ކޮނޑުއަރުވާލަމުން މޫނުން ފާޅުކޮށްލީ ނޭނގެއޭ ބުނާ ފަދަ އަސަރެކެވެ.
ގޭތެރެ ހިމޭންވެ އެންމެން ކޮޓަރިތަކުގައި ނިދާފައި ތިއްބެވެ. ގަޑިތަކުން ތިނެއް ޖެހުމާ ކައިރިވެއްޖެއެވެ. މިރޭ ޝީންއާ ވެސް ވާހަކަދެއްކުމަށް އީހާން ޝައުގުވެރިއެއް ނުވިއެވެ. އޭނާ ދެތިންފަހަރަށް ގުޅީމާ ވެސް އީހާނު ފޯނުކޯލު ނުނެގީއެވެ. ލޮލުގައި ނިދީގެ އަސަރު ނެތަސް ހަށިގަނޑަށް ލޮޑުކަން ވެރިވެފައި ވެއެވެ. އީހާން އެނދުން ފޭބިއެވެ. ގޮނޑިމަތީ އޮތް ރަޖާ ކޮނޑަށް އެއްލިއެވެ. ކޮޓަރިން ނުކުމެގެން އޭނާ އައިސް ނީރާގެ ކޮޓަރިއަށް ވަންނަން އުޅުނެވެ.
"މިރޭ ވެސް ތަޅުލީތަ؟" ދޮރު ނުހުޅުވުމުން އީހާނަށް ބުނެލެވުނެވެ.
އިރުކޮޅަކު ދޮރުމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު އީހާން ހިނގައިގަތެވެ. އޭނާ ދަނޑުފަތި ނަގައިގެން އައިސް ނީރާގެ ކޮޓަރި ހުޅުވިއެވެ. ސިއްރުން އުޅޭ މީހަކު ހެންނެވެ. ހުޅުވާލި ދޮރުމަތީ ހުރެ ކޮޓަރި ތެރެއަށް އީހާން ބަލާލިއެވެ. ނީރާ ނިދާފައި އޮތްތަން ފެނުނެވެ. މަޑުމަޑުން އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އޭނާ އައިސް އެނދުކައިރީ ހުއްޓި ނީރާއަށް ބަލަން ހުއްޓެވެ. އީހާނަށް ފުރަގަސްވާނޭ ގޮތަށް އަރިއަކަށް އެއްފައި ކުރުކޮށްލައިގެން އަނެއްފައި ދަމާލައިގެން ނީރާ އޮތެވެ. އޭނާގެ ކަންނެޔޮލުގައި ބައްދާލައިގެންނެވެ. ކުރުކުރު ސޯޓުބުރިން ނިވާވެފައި އޮތީ ނީރާގެ ބުޑު އެކަންޏެވެ. ޓީޝާޓުކޮޅު ނިދީގައި ނީރާ ފުރޮޅުމުގެ ސަބަބުން އޮތީ މައްޗަށް އަރާފައެވެ. ރަޖާއަޅާލައި ނިވާކޮށްލަން އީހާން ގުދުވެލިއެވެ. އެވަގުތު ނީރާގެ ފަލަމަސްގަނޑުގެ އެތެރެ ފަރާތުން އީހާންގެ ލޮލުގައި ކަމެއް އަޅައިގަތެވެ. ކައްޓެއްހެން ތެދުވިގޮތަށް އޭނާ އަރިމަތީ ހުރި ބޮކިދިއްލާލިއެވެ. ފެނުނު މަންޒަރުން އޭނާއަށް ފަހަތަށް ޖެހިލެވުނެވެ.
"ހޫ ޑިޑް ދިސް ޓު ޔޫ؟..." ދެ ލޯ ބޮޑުވެފައި ހުރެ އީހާނަށް ބުނެލެވުނެވެ. ދަތްކުނޑިވިކާލެވުނެވެ. ނިތްކުރިއާއެކު ބޮލުގައި އީހާނަށް ހިފަހައްޓާލެވުނެވެ. މަޑުމަޑުން ކުރިއަށް ޖެހުނެވެ. ގުދުވެލައި ނީރާގެ ޓީޝާޓު މައްޗަށް ހިއްލާލިއެވެ. ދަތްއަޅައިފަ ހުރި ނިޝާނާއެކު ރަތްވެފައި ހުރި ތަންތަންގަނޑު އެ ހަށިގަނޑުން ފެންނަން ހުއްޓެވެ.
"ވަޓް ހޭވް ޔޫ ޑަން؟... ނީރާ..." ވޭނީ އާހެއް ފަދައިން އީހާނަށް ބުނެލެވުނެވެ.
ކެތްނުކުރެވިގެން ކަހަލަ ގޮތަކަށް އީހާން ހަލުވިކޮށް އެ ކޮޓަރިން ނުކުތެވެ. އިހު ހުރިހެން ކޮޓަރި ތަޅުލާފައެވެ. ކޮނޑަމައްޗަށް އެއްލާފައި އޮތް ރަޖާގަނޑު ތަޅުންމައްޗަށް ދޫކޮށްލާފައި އެ ދަންވަރު އޭނާ ނުކުތީ ބެލްކަންޏަށެވެ. ރެއިލިންގައި ދެ އަތުން ހިފަހައްޓާލި ގޮތަށް އޭނާ ފުންކޮށް ނޭވާލިއެވެ. މައްޗަށް ބޯހިއްލާލުމާއެކު އިސްދަށަށް އޭނާ ޖެހިއެވެ. ދެފަރާތަށް ބޯހޫރަން ފެށިއެވެ. ދެއަތުން ބޮލުގައި އޭނާ ހިފެހެއްޓިއެވެ. އަޑުގެ ނެތްތަނަށް ހަޅޭލަވަން އޭނާ ބޭނުންވިއެވެ. ދަތްކުނޑިވިކާލައިގެން ހުރިއިރު ކަރުބުޑުން އަޑެއް ބޭރުވެސް ވިއެވެ. ބެލްކަނީގެ ރެއިލިންއާ ދިމާއަށް އޭނާ ބަލާލިއެވެ. އެ ދަގަނޑުގައި ނިތްކުރި ޖެހިޖެހީނުން ފަޅާލަން އީހާނު ހިތަށް އެރިއެވެ. ބޯތިރި ވެސް ކޮށްލިއެވެ. ނަމަވެސް އެފަދައިން ޢަމަލެއް އޭނާ ނުކުރިއެވެ.
ހެނދުނުގެ ވަގުތެވެ. އީހާން ލޯ ހުޅުވާލިއެވެ. ބަދިގެއިން ކޮފީތަށި ހިފައިގެން ހިނގައިގަތް ނީރާ ފެނުނެވެ. ހެނދުނުގެ ސަލާމް އޭނާ އީހާނާ ކޮށްލިއެވެ.
"ރޭގަ ޝީންއާ ވާހަކަދައްކަމުން ކޮޓަރިން ނުކުތް ރެއަކީތަ؟" ނީރާ އަހާލިއެވެ. ސޯފާއިން ތެދުވެ އިށީން ގޮތަށް ނީރާއާ ދިމާއަށް ބަލަހައްޓައިގެން އީހާނު އިނީއެވެ.
"ވަޓް؟..." އީހާން ބަލަން އިން ގޮތުން ނީރާ އަހާލިއެވެ.
"ލައިޒަލްއާއެކު ދޯ ކެފޭއިން ނުކުތީ. ތި ދެމީހުން އޭރުއްސުރެ އެކީގަތަ އުޅުނީ." އީހާން އަހާލިއެވެ. ނީރާ ހީނލާފައި ފާޅުގައި ދެކޮޅު ހެދިއެވެ.
"ނޯ... އޭނާ ކޮންއިރަކު ނުކުތީ. އަހަރެން ދިޔައީ ރައްޓެއްސަކާއެކު. ވާރޭ ވެހޭތީ މަޑުކުރަން އެދުނީމަ ހިތަށް އެރީ ފްރައިޑޭއޭ ޖެހިގެން އޮތީ..." ނީރާ ކިޔާދިނީ އެހެންވާހަކައެކެވެ. އީހާންގެ ކުރިމަތީ އެއްވެސް ފިރެހެނަކީ ނީރާއާ އެކަށޭނެ މީހަކަށް ނުވާނެއެވެ. ލައިޒަލްއާއި ނީރާގެ ގުޅުން އެނގި އެކަމަށް އީހާނު ފާޑުކިޔަން ފުރުސަތުދޭން ނީރާ ނޭދެއެވެ.
"ކޮންއިރަކު ނީރާ އަހަންނަށް ދޮގު ހަދަންފެށީ؟" ނީރާ ދައްކާ ވާހަކަ އަޑުއަހަން އިން އީހާނުގެ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭނާއަށް މަގުމަތިން ފެނުނު ކަޅު ކާރަކީ ލައިޒަލްގެ ކާރުކަން މިހާރު ޔަގީނެވެ. ނީރާ ގެއަށް އައިސްވަނީ އެ ކާރު އިމާރާތުގެ ޕާކިން ސަރަހައްދަށް ވަނުމުންނެވެ. އޭގެ އިތުރުން ރޭގައި ނީރާގެ ހަށިގަނޑުގެ ފޮރުވައި ހުންނަ ހިސާބުން ފާޅުވާން ހުރި ނިޝާންތަކަކީ އޭނާ މީހަކާ ގާތްވެގެންނުވާނޭ ދަރަޖައަށް ގާތްވެއްޖެކަމުގެ ހެއްކެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އީހާނަށް އެނގުނުކަން ބުނުން ބުއްދިވެރިކަމަކަށް ނުވާނޭކަން އީހާނަށް އެނގެއެވެ. ފުރަތަމަކަމަކީ ނީރާ ކޮޓަރި ތަޅުލާންފެށީ އެ ކޮޓަރިއަށް އީހާނު ނުވެއްދުމަށެވެ. ތަޅުލާފައި ހުއްޓާ އެކޮޓަރިއަށް އީހާނު ވަންކަން އެނގެން ބޭނުންނުވަނީއެވެ. އަނެއްކޮޅުން ނީރާގެ ހަށިގަނޑަށް އޭނާ ބެލިބެލުމެވެ. ހިސާބެއްގެ ކުށްވެރިކަމެއް އީހާންގެ އަމިއްލަ ނަފްސަށް ވެރިވެފައި ވެއެވެ. އެ ބެލުމުގައިވި ހަގީގާތް ފަޅާއަރާކަށް އޭނާ ނޭދެއެވެ. ނީރާގެ ހިތުގައި ބިރުވެރިކަމެއް އުފެދިދާނޭތީއެވެ.
"އެންމެން ވަރަށް ޝަކުވާކުރި. ތި ދެމީހުން ގެއްލުނީ އެކީގަ... އެންމެން ވެސް ހީކުރީ ދެމީހުން އެކީގަ ދިޔައީކަމަށް. އެކުގާ ދާހާ ތި ދެ މީހުން ކްލޯޒްކަމެއް ނޭނގޭ... ނީރާ!... ހަމަ ލައިޒަލްއާ ދިމާނުވޭތަ؟" އީހާން އަހާލިއެވެ. ނީރާ ހޫން ލައްވާލީ ނިކަން އަވަހަށެވެ. އޭނާ ނުކުތްކަން ނޭނގެއޭ އަނެއްކާ ވެސް ނީރާ ބުނެލިއެވެ.
* * * * *
ފާއިތުވަމުންދިޔަ ދުވަސްތަކުގައި އީހާނުގެ ސަމާލުކަން ނީރާއަށް އިތުރުވިއެވެ. އެއާއެކު ޝީންއާ އޮތް ގުޅުން ހީނަރުވިއެވެ. އީހާނުގެ ހަށިގަނޑުގެ އެދުން ފުއްދުމަށް ޝީން ދެކޮޅު ހެދިއެވެ. އެ ނޫންކަމަކު އީހާނަށް މިހާރު ޝީން މުހިންމުވާހެން ހީނުވާތީއެވެ. ކޮންމެ ފަހަރަކު ހައްލަކީ އެއީ ކަމުގައި ޝީން ގަބޫލެއް ނުކުރެއެވެ. އީހާނުގެ ސަމާލުކަން ލިބެން ޝީން އެދެނީ އެގޮތަކަށް ނޫނެވެ. ފުރަތަމަކޮޅު ދެ މީހުން ގުޅުންއިރު ފެނުނު އީހާނާއި މިހާރު ޝީންގެ ކައިރީ ހުންނަ އީހާން ތަފާތެވެ. ޝީންގެ ގާތުގައި ހުއްޓަސް އީހާންގެ ނަޒަރު ހުއްޓިފައިވާތަން ފެންނަނީ ނީރާއަށެވެ. އިރުއިރުކޮޅަކުން އީހާންގެ ދުލުން އިވޭ ނަމަކަށް ވަނީ ނީރާއެވެ. އޭނާގެ ސަމާލުކަން ހޯދަން އީހާން އުޅޭ ގޮތުން ޝީންގެ ހިތަށް އުނދަގޫވާވަރުވެއެވެ. ހީވަނީ ޝީންގެ ކައިރީގަ ހުންނަނީ ހަމައެކަނި އީހާނުގެ މަސްގަނޑު އެކަނިހެންނެވެ. އެހެނަސް ނީރާ ދެކެ ރުޅިއައިސް އޭނާގެ ބޮލުގައި އިލްޒާމެއް އެޅުވޭކަށް ނެތެވެ. ނީރާގެ އެކުވެރިކަން ޝީންއަށް ކަމުދެއެވެ. އޭނާ ޝީނާއި އީހާނާ ދެމެދަށް ހުރަސް އަޅާން މަސައްކަތެއް ނުކުރެއެވެ. އީހާނާމެދު ޝައުގުވެރިކަމެއް ނީރާގެ ނެތްކަން އެކުގައި އުޅޭ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އީހާނު ބަލާފަދަ ބެލުމަކުން ނީރާ ބަލާ މީހަކަށް ހުރީ ލައިޒަލްއެވެ. އެ ދެމީހުން ސިއްރު ބެލުންތައް ބަދަލުކުރާތަން ޝީން ދުށްޓެވެ. އެ ދެމެދުގައި ސިއްރު ގުޅުމެއް ހިނގައޭ ޝީންއަށް ވަރަށް ބޮޑަށް ޔަގީންކުރެވުނެވެ. އެހެންވެ އެކަން އީހާންގެ ގާތުގައި ހިއްސާކުރި ދުވަހަކީ އީހާން އޭނާދެކެ އެންމެ ރުޅިއައި ދުވަހެވެ.
"އިނަފް އިޒް އިނަފް." ޝީން ބުނެލީ އަމިއްލަ ނަފްސަށެވެ. އީހާނަށް ގުޅާތާ ވީއިރެއް ނޭނގެއެވެ. އޭނާއަށް ނީރާގެ އޮފީސް ނިމޭއިރަށް ބަލާދިއުން މުހިންމުވީއިރު، ފޯނުކޯލެއް ނެގުން މުހިންމު ނުވީތާއޭ ޝީން ހިތަށް އެރިއެވެ. ގައިމު މިހާރު ނީރާ ގޮވައިގެން ގެއަށް އަންނަހާއިރު ވެސް ވެއްޖެއެވެ. އަދިވެސް ޝީންއަކީ އޭނާގެ ލޯބިވެރިޔާއެވެ.
"ނީރާގެ ކަންތައްތަކުން ސަލާމަތްވީއިރަކުން މަށަށް ގުޅާބަލަ. ވަރިހަމަ ކިތަންމެ ލަސްވެފައި ހުއްޓަސް. ވާހަކައެއް ބުނަންވެފަ އޮތީ." ހިތްހަމަނުޖެހި އިނދެ ފޯނުގައި މެސެޖު ލިޔެ ޝީން ފޮނުވާލިއެވެ. (ނުނިމޭ)